ކުޅިވަރު

19 އަހަރުންދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ސާންތީ

Aug 7, 2017

ރާއްޖޭގެ، 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗްކަން، އީގަލްސްގެ ކޯޗަކަށް އިހްސާން އަބްދުލް ގަނީ (ސާންތީ) ހަމަޖައްސައިފި އެވެ.

މިއަހަރު މާލޭ ލީގްގައި، އީގަލްސް ކުޅުނު އެންމެ ފަހު މެޗަށް ފަހު ސާންތީ ބުނެފައި ވަނީ، އީގަލްސްގެ ކޯޗް ކަމުގައި ހުރުމާމެދު އޭނާ އެހެން ގޮތަކަށް ވިސްނާނެ ކަމަށާއި، އެހެން ހުށަހެޅުމެއްވެސް އޭނާ އަށް ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު، ސާންތީ ވަނީ، 19 އަހަރުން ދަށުގެ ގައުމީ ޓީމްގެ އޮފިޝަލުންނާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލުވުމުގައި، ބައިވެރިވި، ޓީމުގެ އޮފިޝަލަކު ބުނީ، ސާންތީގެ ފަރާތުން އާ ހިޔާލުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

"ސާންތީ ވިދާޅުވި، 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޯޗް ކަމާ ހަވާލުވީ، ސީނިއާ ގައުމީ ޓީމަށް ދޭ އިސްކަން، 19 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ދޭނެ ކަމަށް އެފްއޭއެމްއިން އެއްބަސް ވުމުން ކަމަށް،" ބައްދަލުވުމުގައި ބައިވެރިވި ޓީމުގެ އޮފިޝަލަކު ބުންޏެވެ. "މި ޓީމަކީ ސީނިއާ ޓީމާ ހަމަޔަށް ދާނެ ކުޅުންތެރިން ހިމެނޭ ޓީމު، އެހެންވެ ސަންތީގެ ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދީގެން، މި ޓީމުގެ ޑިވްލަޕްމެންޓަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި."

މީގެކުރިން، ޒުވާން ގައުމީ ޓީމުތައް ތައްޔާރު ވަނީ، އެ އޮންނަ މުބާރާތަކަށް އަމާޒު ކޮށެވެ. ނަމަވެސް، އެކަށީގެންވާ ވަގުތު ހޯދައި، ޒުވާން ޓީމުގެ ޓްރެއިނިން ކޭމްޕްތައް ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދިއުމަށާއި، އެކޭމްޕްގެ ތެރެއިން އެ ކުދިންނަށް ފުޓްބޯޅައިގެ އިލްމާއި ޑިސޕްލިން ދަސް ކޮށް ދިނުމަށް ވެސް ސާންތީ އިސްކަމެއް ދެއްވާނެ ކަމަށްވެސް އޭނާ ބުނި ކަމަށް ޓީމުގެ އޮފިޝަލު ބުންޏެވެ.

ސާންތީ ވަނީ، ކުރިން ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްކަން ވެސް ކޮށްފަ އެވެ. ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބު ކުރިއރު، އޭރުގެ ކޯޗް ޖޯސެފް ޔަންކޭޒްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސާންތީ ވަނީ މަސައްކަތް ކޮށްފަ އެވެ.

ސާންތީގެ، ކޯޗިން ފިލޯސާފީގައި، އެންމެ ބޮޑަށް، އޭނާ ފާހަގަ ވެފައި ވަނީ، ކުޅުންތެރިން އުފައްދައިގެން ކާމިޔާބު ހޯދާ ކޯޗެއްގެ ގޮތުގަ އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ، އީގަލްސްގެވެސް އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) އާއި ޝާހިދު (ޝާޑް) އެވެ. ގޯލްކީޕަރު ޓްރެއިނަރަކީ ޓީސީގެ ގޯލް ކީޕަރު ޓްރެއިނާ އަހްމަދު އަހްސަން (ބަރޯ) އެވެ.