މި ސީޒަން ގައިވެސް، އިޓާލިއަން ލީގްގެ ފޭވަރިޓަކީ، ޔުވެންޓަސް ކަމަށާއި ނަމަވެސް، މިހާރު އޭސީ މިލާންއަށް ހިތްވަރާއި ވަރުގަދަ ރޫހެއް އަތުވެއްޖެ ކަމަށް، ބަޔާން މިޔުނިކްގެ ކޯޗް އިޓަލީގެ ކާލޯ އަންޗެލޯޓީ ބުނެފި އެވެ.
އިޓަލީގެ ގެޒެޓާ ޑެލޯ ސްޕޯޓްސްއަށް ދިން އިންޓަވިއުގައި، އަންޗެލޯޓީ ބުނީ، ބަޔާނުން، ލޯން އެއްބަސްވުމުގެ ދަށުން، ޔުވެންޓަސްއަށް ބަދަލުވި، ޑަގުލަސް ކޮސްޓާ، މިލާންގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ. އަދި އޭނާ ބުނީ، މިލާންގެ ކޯޗް ވިންޗެންޒޯ މޮންޓެލާ އަށް މިލާން، ކާމިޔާބާ ހަމަޔަށް ގެންދިއުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
އަންޗެލޯޓީ ބުނީ ރޯމާއާ މެދު އޭނާ އަށް ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އެ ޓީމުގެ އާ ކޯޗް ޔޫސޭބިއޯ ޑި ފްރެންޗިސްކޯ އަކީ އެ ޓީމަށް ރަނގަޅު ކޯޗަކަށް ވާނެ ކަމަށް އަންޗެލޯޓީ ބުންޏެވެ.
"ޖުވެ އަކީ ޖެހިޖެހިގެން ހަ ފަހަރު ޗެމްޕިއަން، އެހެންވީމަ ހަމަ ޔަގީނުންވެސް އެ ޓީމަކީ ފޭވަރިޓް އަދި [ލިއަނާޑޯ] ބަނޫޗީ ކަހަލަ ކުޅުންތެރިޔަކު އެ ޓީމު ދޫ ކޮށް ދިޔަޔަސް އެޓީމަކީ ފޭވެރިޓް،" އިންޓަވިއުގައި އަންޗެލޯޓީ ބުންޏެވެ. "[ޔުވެންޓަސްގެ ކޯޗް] އެލްގްރީގެ ޓީމުގައި މޮޅުވުމުގެ ވިސްނުން އެބަހުރި، އެ ވިސްނުން ބޭނުންކޮށްގެން އެ މީހުންނަށް، އެހެން ކަންކަމުން އަރައި ގަނެވޭނެ، ޓްރާންސްފާ ޕީރިއަޑް އަދި ނިމުނީކީ ނޫން އެ މީހުންނަށް އަދި އިތުރު ކުޅުންތެރިން ގެނެވޭނެ."
އޭނަ ބުނީ ނަޕޯލީގެ ކުޅުންތެރިންނަކީ ގިނަ އަހަރު ތަކެއް ވަންދެން އެއްކޮށް ކުޅެފައިވާ ކުޅުންތެރިން ކަމަށާއި އެއީ ކާމިޔާބަށް އެންމެ މުހިންމު އެއް ސިފަ ކަމަށެވެ.
"[ނަޕޯލީގެ ކޯޗް މައުރީޒިއޯ] ސާރީ ވަނީ ވަރަށް ފުރިހަމައަށް މަސައްކަތް ކޮށްފަ، އޭނާގެ ސްޓޭމްޕް އެ ޓީމުން ކަލޭމެންނަށް ފެންނާނެ، އެމީހުންގެ ގޭމް ވަރަށް އަވަސް، އެކުޅުންތެރިން ލޯ މަރައިގެން ތިބެ ވެސް، [ލޮރެންޒޯ] އިންސިންނިއާ، [ޑްރިއަސް] މެރެޓެންސް އަދި [ހޯސޭ] ކަޔެހޮން އަކީ ދަނޑު މަތީގައި އެކަކު އަނެކަކަު ދެނެގަންނަން އެނގެނެ ފެންވަރަށް ޕްރެކްޓިސް ކޮށްފައި ތިބި ކުޅުންތެރިން، އެމީހުން ފަސް ނުޖެހޭނެ އެއީ ނަޕޯލީ ސިފަ ކޮށްދޭނެ ކުޅުންތެރިން އެ ކުޅުންތެރިން މާކް ކުރުމަކީ އުނދަގޫ ކަމެއް،" އަންޗެލޯޓީ ބުންޏެވެ.
ކުރިން ޔުވެންޓަސް އާއި މިލާންއަށްވެސް ކޯޗް ކޮށްދިން، އަންޗެލޯޓީ ބުނީ މިލާންއަށް އާ ރޫހެއް އައުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ޔޫރޮޕާ ލީގަށް އެ ޓީމު ކޮލިފައި ވުމަކީ ކާމިޔާބީގެ ރަނގަޅު އަލާމާތެއް ކަމަށެވެ.
"މި ފެށުމަށް މިލާންގެ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އެދި އެދި، އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ވަރަށް މޮޅު، މޮންޓެލާ އަކީ އެ ޓީމަށް ކޯޗް ކޮށްދޭން ރަނގަޅު ކޯޗެއް."