ރިޕޯޓް

ރާއްޖެ އިޝްތިހާރު ކުރަން މިގެނައީ ކޮން ބަދަލެއް؟

  • ޕީއާރު ގިނަ ކުންފުނިތައް މަސައްކަތައް
  • އައިސީޓީގެ ވަސީލަތްތައް ބޭނުން ކުރަން ފެށުން
  • ރާއްޖޭގެ ވާހަކަ، ބޭރަށް ކިޔައިދޭން މަސައްކަތްތަކެއް

ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވާހަކަ ކުރިން އިވެނީ "ހަމައެކަނި ޓޫރިޒަމް ފެއާ" ތަކުންނެވެ. އޭރަކު ރާއްޖެ އިޝްތިހާރު ކުރުމަށް ހަވާލު ވެގެން އޮންނަ ބަޔަކު ކޮންމެ އަހަރަކު ކުރާ ކަމަކީ ހަމައެކަނި ފެއާތަކުގައި ބައިވެރިވުމެވެ. ނަމަވެސް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިހާރު މިވަނީ "މުސްކުޅި ގޮތް" ދޫކޮށްލާފަ އެވެ. މިހާރު އެމްއެމްޕީއާރުސީގެ އަމާޒު ހިފާފައިވަނީ "ދިވެހިންގެ ވާހަކަ" ބޭރު މީހުންނަށް ކިޔައި ދިނުމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ ވިޒިޓާސްގެ ޓޯޓަލް އެކްސްޕީރިއަންސް އިތުރު ކުރަން ކުރެވެން ހުރި ކަންތަތްތަކެއް ކުރުމަށް މަސައްކަތް މި ކުރަނީ،" އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސު މުހައްމަދު ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ބޭނުން ހިފުން އިތުރު ކުރުން

ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިން ގެންގުޅެމުން އައި މުސްކުޅި ގޮތް ދޫކޮށްލަން، ނިންމާފައިވަނީ މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ އެންމެ އިސް ފަރާތްތަކާއެކު މާހިރުން ވެސް ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުން ތަކެއްގެ އަލީގަ އެވެ. މި ބަދަލާއެކު ޓެކްނޮލޮޖީގެ އެހީ މިހާރަށް ވުރެ ބޮޑަށް ބޭނުން ކުރަން ވެސް ވަނީ ފަށާފަ އެވެ. މި މަގުސަދުގައި އެމްއެމްޕީއާރުސީގައި ވަނީ ޓެކްނޮލޮޖީއަށް ހާއްސަ ޓީމެއް ގާއިމް ވެފަ އެވެ. މި ޓީމުގެ މަގުސަދަކީ ރާއްޖޭގެ އިމޭޖު ހަޑިކުރުމަށް ކުރާ މަސައްކަތް ތަކަށްވެސް "އެޓޭކް" ދިނުމެވެ. އަދި ފޯކަސްކޮށް ވަކިވަކި ގައުމުތަކަށް ހާއްސަ މާކެޓިން ހަރަކާތް ތަކެއް ވެސް ދަނީ ކުރަމުންނެވެ.

ދިވެހި ހާއްސަކަން ދައްކާލުން

ސުވާލަކީ "ދިވެހިން" ގެ ވާހަކައިގެ ގޮތުގައި ބޭރަށް ދައްކާލެވޭނެ ހުރީ ކޮން އެއްޗެއް ހެއްޔެވެ؟ ރާއްޖޭގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟

އިންޑިޔާ ކަނޑުގެ ތެރެ އަށް އުކާލާފައިވާ މުތީތަކެއް ފަދަ މި ގައުމުގައި، ހާއްސަ ގިނަ ސިފަތަކެއް އެބަހުއްޓެވެ. މީގެ އިތުރުން ދިވެހިންނަށް ހާއްސަ، ދިވެހި ވަންތަ ގިނަ އުފެއްދުން ތަކެއް ވެސް އެބަހުއްޓެވެ. އެހެންވެ ރާއްޖެ ޕްރޮމޯޓް ކުރުމަށް ގެނެސްފައިވާ ބަދަލާއެކު، މި އެއްޗެހި މުޅި ދުނިޔެއަށް ދައްކާލާނެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އުފައްދާ ޒަމާންވީ އުފެއްދުންތަކުގެ މައުލޫމާތު ކުރު ވީޑިއޯ ކޮޅެއްގެ ސިފައިގައި ދުނިޔެއަށް ގެނެސްދޭނެ އެވެ. މިގޮތުން މައުލޫމާތު ގެނެސްދޭ ބައެއް ޔުނީކް ޕްރޮޑަކްޓްތަކުގެ ތެރޭގައި އައްޑޫ ބޮނޑި އާއި އޮޅު އަލަށް އަދި ތުނޑުކުނަލާއި ބޯވަޅު އެޅި ދިވެހި ލިސާބު އެންމެ ކުރިން ވިޔާ ގޮތް ފަދަ ގިނަ ކަންކަން ދުނިޔެ އަށް ފެނިގެންދާނެ އެވެ.

"މި ވީޑިއޯ ކޮޅުތަކުގައި ފެނިގެންދާނެ ޓްރެޑިޝަނަލީ އެކަން ކުރާ ގޮތްތަށް. ބޮޑަށް މި ބަލަނީ ރާއްޖޭން ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ބާވަތްތައް. މީގެ ސަބަބުން އެ މީހުން [ޓޫރިސްޓުން] އަށް ބާރަކަށް ވާނެ ރާއްޖެ އަށް އަންނަން. ކުދި ވީޑިއޯތަކުގައި ދައްކާލާނެ މި ހުރީއޭ ރާއްޖޭގެ ޔުނީކް އެއްޗިއްސަކީ! މިސާލަކަށް ރުކުރާ، ރާއްޖޭގައި ރުކުރާ ހަދާ ގޮތަށް އެހެން ގައުމަކު ނުހަދާ. އަދި އުސް ހަކުރު އަދި ނާރުއް ފަލޫދާ ފަދަ އެއްޗިހި ވެސް ހިމެނޭ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޔުނީކް ޕްރޮޑަކްޓްތައް ޓޫރިސްޓުން ނަށް ދައްކާލަން ހަދާ ވީޑިއޯ ކޮޅުތައް ހުންނާނީ މި އުފެއްދުންތަކުގެ ތާރީހު ވެސް ހިމަނާފައި ކަމަށެވެ.

"މި ކަމުގެ ސަބަބުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ. މިހާރު މި ވިއްކަނީ ރާއްޖޭގެ ސަން، ސޭންޑް އެންޑް ސީ، އެ ކަމަކު ދިވެހިންގެ ވައްޓަފާޅި އާއި ސާދާ އުޅުމާއި ގުޅުން ކިޔައި ދޭން މި މަސައްކަތް ކުރަނީ. މީގެ ސަބަބުން ޑެސްޓިނޭޝަން ޕްރޮމޯޓާއެއްގެ ހައިސިއްޔަތުން ކުރާނެ ކަމެއް މިއީ،" ހާރިސް ވިދާޅުވި އެވެ.

ދުނިޔޭގެ ހަ ގައުމެއްގައި ޕީއާރު ކުންފުނިތައް

ރާއްޖެއާމެދު ވާދަވެރިން ތާއަބަދު ތިބެނީ ނެގެޓިކް އިމޭޖު ގެނެސް ދިނުމުގަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމުން ވެސް ބައެއް ފަހަރު ރާއްޖޭގެ ލަގްޒަރީ އިމޭޖަށް އަސަރު ކުރެ އެވެ. އެހެންވެ ސަރުކާރުން ވަނީ ދުނިޔޭގެ ހަ ގައުމެއްގައި ޕީއާރު ކުންފުނިތައް ނަގާފަ އެވެ. މިގޮތުން ޕީއާރު ކުންފުނިތައް މަސައްކަތް ކުރާ ގައުމު ތަކަކީ ޗައިނާ އާއި ޖަރުމަނުވިލާތް އަދި އިންޑިއާގެ އިތުރުން ފްރާންސޭސިވިލާތާއި އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ޕީއާރު ކުންފުނިތަކުން ރާއްޖެއާމެދު ފަތުރާ "ދޮގު ވާހަކަ" ތަކާ ކުރިމަތިލާނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ އެނދުތައް އިތުރުވެ، މުޅިންއާ ގިނަ ތަންތަނެއް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މާކެޓަށް ނެރެފަ އެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު 10 ރިސޯޓު މާކެޓަށް ނެރުމެވެ. މީގެ މާނައަކީ ފަސް އަހަރު ނިމޭއިރު 50 ރިސޯޓު މާކެޓަށް ނުކުންނާނެ އެވެ. އެހެންކަމުން މި ރިސޯޓުތަކުގައި އޮކިއުޕެންސީ ހަމަޖެއްސުމަށް ރާއްޖޭގެ އިޝްތިހާރު ކުރުމަށް ގެންނަ ބޮޑު ބަދަލުގެ ހެޔޮ ފައިދާކުރާނެ ކަމަށް ބެލެވެ އެވެ.