ދުނިޔެ

ވެނެޒުއޭލާގެ މުޒާހަރާތައް ހަނގުރާމައަކަށް ބަދަލުވަނީ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު ހަތިޔާރުތަކެއް ލޫޓުވައިލުމުން، އެގައުމުގަައި އަހުލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ވެނެއުޒޭލާގެ އިދިކޮޅު ބަޔަކު ހަތިޔާރުތަކެއް ހޯދީ އެގައުމުގެ ސިފައިން މަރުކަޒަކަށް އާދީއްތަދުވަހު ދިން ހަމަލާއެއްގައެވެ. އެގައުމު އެހާލަތަށް ވެއްޓުނީ ރައީސް މަދޫރޯއަށް ތާއީދު ކުރާ މެމްބަރުން، އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތައް ހޯދުމުންނެވެ. ޑިމޮކްރަސީގެ އުސޫލުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ހުރިހާ ފުރުސަތެއް މިހާރު ގެއްލިފައިވާ ކަމަށް އެގައުމުގެ ރައްޔިތުންނަށް ވިސްނުމަކީ ހަތިޔާރުގައި ހިފި ސަބަބުކަމަށް ބެލެވެއެވެ.

ހަތިޔާރުތައް ވަގަށް ނެގީ ވެލެންސިއާ ނަމަކަށް ކިޔާ ރަށުގެ ކައިރީގައި ސަރުކާރާ ދެކޮޅުވެރިވެފައިވާ ސިފައިންނާއި ހަތިޔާރު އެޅި އާއްމުން ގުޅިގެން، ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާއެއްގައެވެ. އެހަމަލާގައި ދެމީހުން މަރުވި ކަމަށް ސަރުކާރުން އޭރު ބުންޏެވެ. ނަމަވެސް ހަތިޔާރު ވަގަށް ނެގި ވާހަކަ އޭރު އަދި ހާމައެއް ނުުކުރެއެވެ.

ހާދިސާގައި ހަތިޔާރާއި އެކު ފިލި 10 މީހަކު ހޯދަން މަސަައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސިފައިންގެ މަރުކަޒަށް ހަމަލާދިން މީހުން ވަނީ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ މެސެޖެއް އާއްމުކޮށްފައެވެ. އެވީޑިއޯއިން ފެންނަނީ އަސްކަރީ ޔުނިފޯމްގައި ތިބި ބަޔަކު މަދޫރޯގެ އިސްތިއުފާއަށް ގޮވާލާ މަންޒަރެވެ. ވީޑިއޯގައި އެމީހުން ބުނެފައި ވަނީ އެމީހުން ސަރުކާރާ ދެކޮޅަށް ތެދުވީ ވެނެޒުއޭލާގެ ގާނޫނު އަސާސީ އިއާދަކުރަން ކަމަށެވެ.