ދުނިޔެ

ބައްޕާފުޅުގެ ގައުމުގެ ހަމަޖެހުމަށް އޮބާމާ ގޮވާލައްވައިފި

އެމެރިކާގެ ރައީސްކަމުގެ ދެދައުރު ނިންމަވައިލެއްވި ފަހުން ބަރަކް އޮބާމާ އުޅުއްވަނީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައެވެ. ނަމަވެސް މިހާރު އުފެދިގެން އުޅޭ ސިޔާސީ ގަޑުބަޑެއް ހަމަޖެއްސެވޭތޯ އޭނާ ވަނީ ބަޔާނެއް ނެރުއްވާފައެވެ. ބަޔާން ނެރުއްވީ އެމެރިކާގެ ސިޔާސީ މަޝްރަހު ހަމަޖައްސަވާކަށް ނޫނެވެ. ނަމަވެސް އޭނާގެ ބައްޕާފުޅުގެ ގައުމުކަމަށްވާ ކެންޔާއަށް ހެޔޮ އެދިވަޑައިގެންނެވެ. އެގައުމުގެ ރިޔާސީ އިންތިހާބު އިންްސާފުވެރި އިންތިހާބަކަށް ހެދުމަށް ބާރުޅު އެޅުއްވުމަށެވެ.

"ހަމަނުޖެހުމާއި ރުޅިއެރުވުމުގެ އަމަލުތަކާ ދެކޮޅު ހައްދަވައި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ކެންޔާގެ ލީޑަރުންނަށް އަހަރެން ގޮވައިލަން. ސަލާމަތީ ބާރުތަކުން ވަކިފަރާތަކަށް ނުޖެހި، ޕްރޮފެޝަނަލް ކޮށް އަމަލުކުރަން ގޮވައިލަން، " އޮބާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ކަމަށް ނިއުުޔޯކްޓައިމްސް ގެ ހަބަރުގައި ވެއެވެ.

ބަޔާނުގައި އޮބާމާ ގޮވާލައްވާފައި ވަނީ އިންތިހާބުގެ ދުވަސްވަރުވެސް އަދި އޭގެ ފަހުން ވެސް ސުލްހަވެރިކަން އިސްކުރުމަށެވެ.

އެހެން ގައުމެއްގެ ބޭފުޅަކު ދައްކަވާ ވާހަކަފުޅަކުން ކެންޔާ މީހުންނަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ބޭފުޅަކީ އޮބާމާއެވެ. ކެންޔާގެ ބައްޕައެއްގެ ދަރިއެއްގެ ހައިސިއްޔަތުން އޭނާއަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ބޮޑު މަގޫބޫލުކަމެއް އޮންނަ ބޭފުޅެކެވެ. ކެންޔާގެ އިންތިހާބުތަކާ ދިމާކޮށް އޮބާމާ ވަނީ ކުރިން ވެސް މިފަދަ ބަޔާންތައް ނެރުއްވާފައެވެ. - ނިއުޔޯކް ޓައިމްސް