ހަބަރު

ރިލްވާނަށް ވީގޮތް ބުނެދޭން އާދޭސް ކުރުމުން ޖެހީ ޕެޕާ ސްޕްރޭ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވީނުވީ އެއް ނޭނގި ގެއްލުނުތާ ތިން އަހަރުވީއިރު ވެސް ރިލްވާނަށް ވީގޮތް ހޯދިފައި ނުވާތީ އޭނާގެ އާއިލާގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހިނގާލުމުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވައިފި އެވެ.

ރިލްވާނަށް ވީގޮތެއް އޮޅުން ފިލުވައި ދޭން ގޮވާލައި އާއިލާ އާއި ރަހުމަތްތެރިން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފެށި، ހިނގާލުން މަޖިީދީ މަގުން ކުރިއަށް ދާން ފެށުމުން، ޕީޖީ އޮފީސް ހިމެނޭ ސަރަހައްދުން ފުލުހުން ވަނީ އެ މީހުން ހުއްޓުވައިފަ އެވެ. އަދި ފުލުހުން ކުއްލިއަކަށް ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭވެސް ޖެހި އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ރިލްވާނަށް ވީގޮތެއް ބުނެދޭން ފުލުހުންގެ ކައިރީ އާދޭސް ކުރި އޭނާގެ މަންމަގެ މޫނަށް ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖެހި އެވެ. ރިލްވާންގެ އާއިލާ އަދި ހިނގާލުމުގެ ބައިވެރިން ތިބީ ރިލްވާނަށް ވީގޮތް ހޯދިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

ފުލުހުން ވަނީ ބައިވެރިންގެ އަތުން ބޯޑުތައް ވެސް އަތުލައިފަ އެވެ. މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ފަށަން އުޅުނު އެ ހިނގާލުން ފުލުހުން ހުރަސް އެޅުމުން ހިނގާލުން ފަށާފައިވަނީ މާލޭގެ އެކި ހިސާބުތަކުންނެވެ. ފުލުހުން ވަނީ ހުޅުމާލެ ފެރީ ޓާމިނަލް އަށް ދެވެން ހުރި މަގުތައް ބަންދުކޮށްފަ އެވެ. އެއްވުމުގެ ބައިވެރިން ވަނީ އެކި މަގުތަކުން އާޓީފިޝަލް ބީޗަށް އައުމަށް މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ ހެންވޭރު ދަނޑާ ހިސާބުން އިތުރަށް ކުރިއަށް ދިއުމަށް ހުރަސް އަޅާ ހިނގާލުން ހުއްޓުވާފަ އެވެ.

އެ ހިނގާލުމުގައި ރިލްވާންގެ މަންމަ އަންނަނީ އޭނާ ޖަޒުބާތުތައް ފުލުހުންނަށް ބަންޑުން ކުރަމުން އެވެ. އެ ހިނގާލުމުގެ ތެރެއިން ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި ހިނގާލުމުގެ ބައިވެރިވި އާންމު ރައްޔިތުންގެ ތެރެއިން ނުވަ މީހުން ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ މާލޭގައި މިހާރު ކުރިއަށްދާ އެއްވުން ހުއްޓުވީ، އެއްވެއުޅުމުގެ ގާނޫނާ ހިލާފަށް އެއްވުން ކުރިއަށް ގެންދާތީ ކަމަށެވެ.