ރިޕޯޓް

ރިލްވާންގެ މަންމަ ފުލުހުންނަށް: ދަރިފުޅު ހޯދަދީ، ކެތެއް ނުވާނެ!

  • މަންމައަށް ފުލުހުން ޖަވާބު ދިނީ ޕެޕާ ސްޕްރޭއިން
  • އެ މަންމަ އަޑުން އަޑު ނަގައި ރޮއި ފުލުހުންނަށް އާދޭސްކުރި
  • ފަހު ނޭވާޔާ ހަމަޔަށް މަސައްކަތުގައި ހުންނާނެ ކަމަށް ބުނި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަހަދަށް ބަރާބަރު ތިން އަހަރު ފުރުނު އިރު އޭނާއަށް ވީގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. ރިލްވާނަށް ވީގޮތާ މެދު ތަފާތު ގޮތްގޮތަށް މީހުން ވާހަކަ ދައްކަ އެވެ. އެކަމާ ގުޅޭ ގޮތުން ވެސް ފުލުހުން އެކި ފަހަރު އެކިވާކަތައް ދެއްކި އެވެ. އެ ހުރިހާ ވާހަކަތަކަކަށް ފަހު ފުލުހުން ވެސް އެ ތަހުގީގާ ގުޅޭ ގޮތުން މިހާރު ތިބެނީ ހިމޭނުން އެވެ.

މި ހުރިހާ ކަންތައްތަކެއް ހިނގަމުން ދާއިރު ރިލްވާންގެ އާއިލާއަށް ތިބެން ޖެހެނީ އެ ވާހަކަތައް އަޑުއަހާ ހިތާމާގައި ރޯށެވެ. ރިލްވާން ގެއްލުނުތާ މިއަދަށް ތިން އަހަރުވީ އެވެ. އޭނާ ހޯދުމަށް ޒިންމާވާ މުއައްސަސާތަކަށް މިހާތަނަށް އެ މައްސަލައާ ގުޅޭ ގޮތުން 20 ޕަސަންޓު ވެސް ހޯދިފައި ނުވަތަ ހާމަކޮށްދެވިފައެއް ނުވެ އެވެ. އެ އަޑުތައް އަހަން ހުރެ ހުރެ ރިލްވާންގެ މަންމައަށް މިއަދު ކެތެއް ނުވި އެވެ. ރިލްވާންގެ ގެއްލުނުތާ ތިން އަހަރު ފުރުން ފާހަގަކޮށް މިއަދު ބޭއްވި ހިނގާލުމަށް ހުރަސް އެޅުމުން، ރުއިމާއެކު ރިލްވާން މަންމަގެ ބަޑި ފަޅައިގެން ގޮސް އޭނާގެ ހިތުގެ ކެކުޅުންތައް އެ ސަރަހައްދުގައި ތިބި ފުލުހުންނަށް ބަންޑުން ކޮށްލި އެވެ.

"މިއީ ބޮޑުވަރު ދެން، އަޅުގަނޑުގެ ދަރިފުޅޭ އެއީ، އެއްޗެކޭ ހިތަކަށް ނާރާތަ، ތިން އަހަރޭ، ދެކިލަން ބޭނުންވޭ އަދިވެސް، އަދިވެސް ހާދަ ދެކިލަން ބޭނުންވޭ މަގޭ ރިލްވާން،" ގިސްލަމުން ހުރެ ރިލްވާންގެ މަންމަ ފުލުހަކަ ދިމާލަށް ބުންޏެވެ. "ތި ފުލުހުންނަކީ ވަރަށް ލޯބިވީ ބައެއް، ކުޑަ ކުޑަަ އިރުން ފެށިގެން އައި އިރު ތިމީހުންނަށް ހާދަ އިހުތިރާމް ކުރީމޭ، މިއީތަ އިހުތިރާމް ކުރީމަ އަނބުރާ ދޭން އެނގުން ކަންތައް، މަގޭ ދަރި ހޯދަ ދީބަލަ،"

މަޖީދީ މަގުން ހުޅަނގަށް ހިނގާފައި ދިޔަ އިރު އެ ހިގާލުމާ ކުރިމަތިލި ކޮންމެ ފުލުހަކަށް އިނގިލި ދިއްކޮށްފައި ރިލްވާންއާ ބެހޭ ސުވާލުތައް އޭނާގެ މަންމަ އައީ އަހަމުން އެވެ. ހަރުއަޑުން ގިސްލަމުން އޭނާގެ މަންމަ ބުނަމުން ދިޔައީ، "ހަމަ މިހާރު ރިލްވާން ހޯދަ" ދޭށޭ އެވެ. އެ މަންމަގެ އެދުމަށް ފުލުހުން ޖަވާބު ދިނީ ޕެޕާ ސްޕްރޭއިން އެވެ. އޭނާގެ އާދޭސްތަކުގެ އަޑުކަޑުވާލުމަށް ފުލުހުން އެ މަންމަގެ މޫނަށް އަމާޒުކޮށް ޖެހީ ޕެޕާ ސްޕްރޭ އެވެ. ނަމަވެސް އެ މަންމަގެ އަޑެއް ޕެޕާ ސްޕްރޭގެ ދިލައިން "މައިތިރި"އެއް ނުކުރެވުނެވެ.

"މަގޭ ދަރި އެރުވި ރަތް ކުލާގެ ކާރު ކޮބާހޭ، ރިލްވާން ހޯދި މައްސަލާގައި ހުށަހެޅި 5000 ޕެޓިޝަން ބޭރުކޮށްލީ ކީއްވެހޭ، އޭނާ މަރާލިކަމަށް ތުހުމަތު ކުރާ މީހުން ފުރަން ފުރުސަތު ލިބުނީ ކިހިނެތްހޭ، ޖަވާބު ދީބަލަ، އަދިވެސް މަގޭ ދަރިފުޅުގެ ގެއްލުނު މައްސަލަ ތަހުގީގު އެބަ ކުރަންތަ، ދަރިފުޅު ހޯދަ ދީބަލަ ދެން ކެތެއް ނުވާނެ،" ރިލްވާންގެ މަންމަ އަސަރާ އެކު އަޑުއުފުލި އެވެ.

ދަރިފުޅު ހޯދާތާ މިއަދަށް ތިން އަހަރުވީ އިރު އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެކަމުގެ އަޑީގައި ސަރުކާރުގެ ބޮޑު ރޭވުމެއްވާ ކަމަށް ބުނެ އެ މަންމަ އައީ ސަރުކާރުގެ އިސްވެރިންނަށް ތުހުމަތު ކުރަމުންނެވެ. އަދި ރިލްވާން ހޯދަން މުއައްސަސާތަކަށް ގޮވާލުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާތީ ރިލްވާންގެ މަންމަ ދިޔައީ އެކަމާ ފުލުހުންގެ ކައިރީގައި ޝަކުވާ ކުރަމުން އެވެ.

އެންމެ ފަހުން މުޒާހަރާ ދެ ބަޔަކަށް ރޫޅި އެއްބަޔަކު ދިޔަ އިރު ވެސް ރިލްވާންގެ މަންމަ ހުރީ ޖެލީ ކަންމަތީގައި މަޑުކޮށްލައިގެން އެވެ. އެ މަންމަގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. އެ މަންމައަށް މުޅި ދުނިޔެ ގެއްލިފައިވާ ކަހަލަ އެވެ. އެ މަންމަގެ ލޮލުން ރިލްވާނަށް ޓަކައި އޮހެމުން ދިޔައީ ހޯސްލާފައި ކަރުނަ އެވެ. ގިނަ ބަޔަކު މުޒާހަރާ ނިންމާލަ އެތަނުން ދިޔަ އިރު ވެސް ރިލްވާންގެ މަންމަ އެތަނުން ދާން ބޭނުން ނުވާ ކަހަލަ އެވެ. ދަރިފުޅު ހޯދައިދޭތޯ އާދޭސް ކުރުމުގައި އެ މަންމަ ހުރީ އެވެ. އެކަމަކު އެ މަންމަގެ އަޑުއަހާނެ ކަންފަތެއް ނެތް ކަހަލަ އެވެ.

"ކިތަންމެ ގޮތެއް ވިޔަސް، ކޮންމެ ގޮތެއް ހެދިޔަސް އެންމެ ފަހު ނޭވާޔާ ޖެހެންދެން މި މަސައްކަތް (ރިލްވާނަށް ވީގޮތް ހޯދުމަށް ކުރާ މަސައްކަތް) ހުއްޓައެއް ނުލާނަން،" ރިލްވާންގެ މަންމަގެ އަޒުމަކީ މި އެވެ.

ފޮޓޯއިން: