ބޭރު ކުޅިވަރު

ޓްރާންސްފާގެ އަޑުތައް: ޓޮރޭސް ގެންދަން އެތުލެޓިކޯ އިން ޝައުގުވެރިވޭ، ކުއަޑްރާޑޯ އަށް ޔުނައިޓެޑް އިން ބިޑްކުރަނީ

އޭސީ މިލާނަށް ކުޅެމުންދާ ސްޕެއިންގެ ފޯވަޑް ފެނާންޑޯ ޓޮރޭސް ގެންދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑް އިން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން ބުނާގޮތުގައި ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން މިލާން އަށް ދޫކޮށްލައިފައިވާ ޓޮރޭސް ގެންދަން އެތުލެޓިކޯ އިން ބޭނުންވެ އެވެ. އެކަމަކު އެތުލެޓިކޯ އިން އޭނާ ގެންދަން ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގައި ކަމަށްވެ އެވެ. އެ ކްލަބުގެ މާލީ ހާލަތު މި ވަގުތު ހުރި ގޮތުން ޓޮރޭސްގެ ޓްރާންސްފާ އަށް ހަރަދެއް ކުރަން އެ ކްލަބުން ބޭނުމެއްނުވެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް އިން ފިއޮރެންޓީނާ އަށް ކުޅެމުންދާ ކޮލަމްބިއާގެ ވިންގާ ހުއާން ކުއަޑްރާޑޯ އަށް ޖެނުއަރީ މަހު ބިޑްކުރާނެ ކަމަށް ޑެއިލީ ސްޓާ އިން ބުނެ އެވެ. މި އަހަރު އޮތް ވޯލްޑް ކަޕްގައި ވިދާލި ކުއަޑްރާޑޯ ،26، އިޓަލީގައި ކުޅެނީ ހިތްހަމަޖެހިގެން ނޫން ކަމަށްވެ އެވެ. އަދި ޔުނައިޓެޑަށް ބަދަލުވާނެ ކުއަޑްރާޑޯ ވެސް ބޭނުންވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ. މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ޔުނައިޓެޑް އިން ކުއަޑްރާޑޯ ގެންދަން މަސައްކަތްކުރި ކަމަށްވެ އެވެ.

ޓްރާންސްްފާގެ އެހެން އަޑުތަކަށް ބަލާލާއިރު، އާސެނަލް އިން ޖެނުއަރީ މަހު ރޯމާގެ ފޯވަޑް މަޓިއާ ޑެސްޓްރޯ އާއި ނަޕޯލީގެ ކެޕްޓަން މަރެކް ހަމްސިކް އަށް ބިޑުކުރާނެ ކަމަށް މެޓްރޯ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރޯމާ އަށް ކުޅެމުންދާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން ޖެނުއަރީ މަހު އެ ކްލަބުން ދޫނުކުރާނެ ކަމަށް ޑެއިލީ އެކްސްޕްރެސް އިން ވަނީ ބުނެފަ އެވެ. ސްޓްރޫޓްމަން އަށް ޗެލްސީ އާއި ޔުނައިޓެޑް އިން ޝައުގުވެރިވޭ އެވެ. -- ބީބީސީ