ހަބަރު

ޝާފިއު ދޫކޮށްލި އަމުރު ފާރިސްގެ ދިފާއީ ހެއްކަކަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ މެންބަރު، ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއު ބަންދުގައި ބެހެއްޓޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ކުރި އަމުރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފި އެވެ.

ފާރިސްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޝާފިއު ބަންދުން ދޫކޮށްލި އަމަރު ހުށަހަޅާފައިވަނީ ފާރިސް ބަންދުކުރި މައްސަލާގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގަ އެވެ.

އެ މައްސަލާގައި ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފާރިސްގެ ވަކީލް ވިދާޅުވެފައިވަނީ، ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓަށް ޝާފިއުގެ ބަންދު އިތުރުކުރުމަށާއި ފާރިސްގެ ބަންދު އިތުރުކުރުމަށް ހުށަހެޅީ އެއް ހެއްކެއް ކަމަށެވެ. ފާރިސްއަށް ވެސް ހަމަ ކުރަނީ ޝާފިއުއަށް ކުރާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ތުހުމަތެވެ.

ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ޝާފިއު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ޝާފިއު ބަންދުން ދޫކޮށްލި ކުރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، ޝާފިއުއާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެއްކަކީ މީހެއްގެ މިނިވަންކަން އިތުރަށް ހިފެހެއްޓުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލީ އެހެންވެ އެވެ.

ފާރިސްގެ ވަކީލުން ވަނީ ފާރިސްއާ ދެކޮޅަށް ވެސް ޝާފިއުއާ ދެކޮޅަށް ހުށަހެޅި ހެކި ހުށަހަޅާފައިވާއިރު ޝާފިއު ބަންދުން ދޫކޮށްލި ގޮތަށް ފާރިސް ވެސް ބަންދުން ދޫކޮށްލަން ޖެހޭކަން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ.

ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން ފާރިސް ބަންދުން ދޫކޮށްލުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި އަމުރެއް ނެރުއްވާފައެއް ނުވެ އެވެ.

ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވާއިރު، ޝަހުސު އޮޅުވާލުމުގެ ދައުވާގައި މިހާރު ވެސް ފާރިސްއަށް ޝަރީއަތް ދަނީ ހިންގަމުންނެވެ.