ކުޅިވަރު

ޔުނައިޓަޑް ބަލިކޮށްލައި ރެއާލްއިން ސްޕަ ކަޕް ގެންގޮސްފި

ޗެންޕިއަންސް ލީގު ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ޔޫރަޕާ ލީގު ޗެމަޕިއަން މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި ޔުއެފްއާ ސުޕާ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފި އެވެ.

ރެއާލްއިން މިމެޗު ކާމިޔާބު ކުރީ މެންޔޫގެ މައްޗަށް 1-2 ގެ ނަތީޖާއެއް ހޯދައިގެން އެވެ. މި މެޗުގެ ލަނޑުތައް ރެއާލްއަށް ކާމިޔާބުކޮށްދީފައި ވަނީ ކަސަމީރޯ އަދި އިސްކޯ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ ލުކާކޫ އެވެ.

ރެއާލްއިން މިމެޗު ފަށާފައި ވަނީ އެ ޓީމުގެ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައެވެ. ޔުނައިޓެނުން ވަނީ އެޓީމާ އަލަށް ގުޅުނު ރޯމިޔޯ ލުކާކޫ، ވިކްޓާ ލިންޑޮލޮފް އަދި ނެމެންޔާ މަޓިޗް ފުރަތަމަ 11 ގައި ހިމަނާފަ އެވެ.

މެޗު ފުރަތަމަ ފުރުސަތު ލިބުނީ ރެއާލްއަށެވެ. 16 ވަނަ މިނިޓުގައި ރެއާލްއަށް ލިބުނު ކޯނަރަކުން ކަސަމީރޯ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. ނަމަވެސް އޭގެ 8 މިނިޓު ފަހުން ކަސަމީރޯ ވަނީ ރެއާލްއަށް ލީޑު ނަގައި ދީފައެވެ. ޔުނައިޓެޑްގެ ޑިފެންޑަރުންގެ ބޯމަތިން ރެއާލްގެ ކާވަހާލް ވައްޓާލި ބޯޅަ ކަސަމީރޯ ވަނީ ވަދެ ގޯލްގެ ދުރު ކަނަށް ތިރި ތިރިން ބޯޅަފޮނުވާލާފައެވެ.

ފުރަތަމަ ހާފް ގައިވެސް ރަނގަޅު ކުޅުމެއެ ނުދެންކުނު ޔުނައިޓެޑްއަށް ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއްނުވެ އިތުރު ހުރަހަކާ ކުރިމަތި ވިއެވެ. 52 ވަނަ މިނިޓުގައި ރެއާލްއިން ލީޑު ފުޅީކުރިއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްކޯއެވެ.

62 ވަނަ މިނިޓުގައި ބެލްޖިޔަމްގެ ފޯވާޑް ލުކާކޫ ޔުނައިޓެޑަށް ގޯލެއް ކާމިޔާބު ކޮށްދިނެވެ. މަޓިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ދިފާއު ކުރި ނަމަވެސް އެބޯޅަ ލިބުނީ ލުކާކޫއަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލްގެ ތެރެޔަށް ފޮނުވާލާފައެވެވެ.

މެޗުގެ ފަހުވަގުތު ކޮޅު ޔުނައިޓެޑުން ޕްރެޝާ ކުރިނަމަވެސް ރެއާލް އިން ވަނީ ލީޑު ހިފަހައްޓައި ޔުއެފްއާ ސުޕާ ކަޕް ކާމިޔާބު ކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، މޮރީނިއޯ ބުނީ، ރެއާލުން މެޗުގައި ޑޮމިނޭޓް ކުރީ ވަރުގަދަ ޓީމަކުން، މިޑްފީލްޑް ކޮންޓްރޯލު ކޮށްގެން ކަމަށާއި އަދި އެ ކުޅުންތެރިންނަކީ ގިނަ ޕާސްތަކެއް އުފައްދާ ކުޅުންތެރިން ކަމަށެވެ.

މެޗަށް ފަހު، ވާހަކަ ދައްކަމުން، ރެއާލްގެ ކޯޗް ޒިދާން ބުނީ، ރެއާލްގެ ކުޅުންތެރިން ތިބީ ކާމިޔާބު ހޯދަން ކެތްމަދު ވެފައި ކަމަށާއި އޭނާގެ ޓީމުން އަދިވެސް އިތުރު ކާމިޔާބުތައް ހޯދާނެ ކަމަށެވެ.

"މީކީ ޖާދޫ އެއް ނޫން، މިއީ ބުރަ މަސަކަތުގެ ނަތީޖާ،" ރެއާލް ކާމިޔާބު ހޯދަން، ޒިދާންގެ ފޯމިއުލާއަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ. "އަހަރެމެންގެ އެބަތިބި ހުނަރުވެރި ވަރަށް ގިނަ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން އަހަރެމެންނަށް އެ ކުޅުންތެރިންނާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދޭނެ، އެމީހުން ތިބީ ކާމިޔާބު ހޯދަން ކެތް މަދުވެފައި އަދި އެކަމަށް ނުހަނު ބޭނުންވެފައި."

ޔޫއެފްއާ ސްޕަ ކަޕްގެ ޓްރޮފީއާ އެކު، ދެ އަހަރު ތެރޭ، ޒިދާން ވެފައި ވަނީ، ރެއާލްގެ ތާރީހްގައި، އެ ޓީމުގެ ހަތަރު ވަނަ އަށް އެންމެ ކާމިޔާބު ކޯޗަށެވެ. ޗެމްޕިއަންސް ލީގްގެ ދެ ޓްރޮފީ އާއި ޔޫއެފްއާ ސްޕަ ކަޕްގެ ދެ ޓްރޮފީއާއި، ކުލަބު ވޯލްޑް ކަޕާއި، ސްޕެނިޝް ލީގްގެ ކާމިޔާބާއެކު، މިހާތަނަށް ޒިދާން ވަނީ ރެއާލް އަށް ހަ ތަށި ހޯދައިދީފަ އެވެ.

ލިސްޓްގެ ތިން ވަނައިގައި އޮތީ، ރެއާލްގެ ކުރީގެ ކޯޗް އަދި ސްޕެއިންގެ ގައުމީ ޓީމުގެ ވެސް ކުރީގެ ކޯޗް ވިންސެންޓޭ ޑެލްބޮސްކޭ އެވެ. އޭނާ ވަނީ ހަތް ތަށި ހޯދައިދީފަ އެވެ. ދެ ވަނައިގައި ވަނީ އަށް ތަށި ހޯދި، ލުއިސް މޮލޯވްނީ އެވެ. އެއް ވަނައިގައި ހިމެނެނީ، 14 ތަށި ހޯދި މިގުއެލް މުނޯޒް އެވެ.