ފިނިޕޭޖް

ފާތިމަތު ރައޫފް އެންސީއޭއާ އަލްވަދާއު ކިޔައިފި

"ގޮވާލީ ކާކު ކާކު"، "ލޯތްބަށް މަގޭ އޮތް އިތުބާރު ކޮބާހޭ؟" މިއީ މިހާރުވެސް ދިވެހިންގެ ތެރޭގައި މަގުބޫލުކަމެއް ހޯދާފައިވާ ލަވަ ތަކެވެ. "ވާރޭގެ ޕަރީ" މިއީވެސް އެހާބޮޑަށް ވައިގައި ހިފައިގެން ދިޔަ ލަވަ އެކެވެ. މިފަދަ އެތައް ލަވައެއް އެބަހުއްޓެވެ. ޒުވާން ލަވަ ކިޔުންތެރިން މީގެ މުޅިންއާ ކަވާ ލަވަތަކެއް ކީ ނަމަވެސް އޮރިޖިނަލް ލަވަތަކަށް ފަނޑުކަމެއް ނާދެ އެވެ. މިއީ ކުރީގެ މަޝްހޫރު ބޭންޑު އޮލިމްޕިއަންސް އިން އާންމުންގެ މަގުބޫލުކަމެއް ހޯދި ފާތުމަތު ރައޫފްގެ ލަވަ ތަކެކެވެ.

ލަވަ ކިއުމުގެ ދާއިރާއަށް އެންމެ ފުރަތަމަ އޭނާ ނުކުތް އިރު އުމުރުން 13 އަހަރެވެ. ބައްޕަގެ އެދުމުގެ މަތިން އެންމެ ފުރަތަމަ ލަަވަ ކިޔަން ފެށި ނަމަވެސް އެ އަޑުގެ ޖާދުލުގައި ކިތަންމެ ރަނގަޅަކަށްވެސް އޯޑިއަންސް ޖެހުނެވެ. ނަތީޖާއަކަށްވީ ފާތިމަތު ރައޫފްގެ ލަވަތައް އާންމުންނަށް ކަމުގޮސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަރިއެއްހެން އަރައިގެން ދިއުމެވެ. އޭރު އާންމުންގެ ހިތްތަކުން ލިބުނު ޖާގަ މިއަދުވެސް އެއްވެސް ތަފާތެއް ނެތި ލިބިފައިވެ އެވެ.

އޭރު އޮލިމްޕިއަންސް ބޭންޑާއެކު ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރަމުން ގޮސް ނެޝަނަލް ސެންޓާ ފޯ އާޓްސް އުފެދުމުން އެތަނުގެ ވަޒީފާއަށް ބަދަލުވެ އެތައް އަހަރަކު ސަރުކާރަށް ހިދުމަތް ކުރުމަށްފަހު ފާތިމަތު ރައޫފް މިވަނީ ރޭ ރިޓަޔާކޮށްފަ އެވެ. އޭނާ ރިޓަޔާ މިކުރީ ސަރުކާރަށާއި ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދިނުމަށް ފަހުގަ އެވެ.

ފާތިމަތު ރައޫފް ރިޓަޔާ ކުރުމަށް ރޭ އާޓް ގެލެރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި އެންސީއޭއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ. އަދި އޮލިމްޕިއަންސް ބޭންޑުންނާއި އެކުގައި މަސައްކަތް ކުރި މުވައްޒަފުންވަނީ ފާތިމަތު ރައޫފަށް ހަދިޔާ އާ އެވޯޑު ވަނީދީފަ އެވެ.

ފާތިމަތު ރައޫފް އެންމެ ފަހުން ފިލްމަކަށް ލަވަ ކިޔާފައިވަނީ ދިވެހި ފިލްމު އަމާނާތަށެވެ. އެހެން ނަމަވެސް މާލޭ އާއި އަތޮޅު ތެރޭގައި މެދުކެނޑުމެއްނެތި އައީ ޝޯތައް ދެމުންނެވެ. ޓެލެތޮން ޝޯ ތަކުގައިވެސް އައީ ޕާފޯމް ކުރަމުންނެވެ. މިިދިޔަ އަހަރުވެސް އަތޮޅުތަކުގައި ޝޯ ދިނެވެ.

ސާޅީސް ފަސް އަހަރު މެދުކެނޑުމެއް ނެތި މިއުޒިކީ ދާއިރާގައި މަސައްކަތް ކޮށް ފާތިމަތު ރައޫފް އަދިވެސް ހުރީ ދާއިރާއަށް ހިދުމަތްކުރަން ތައްޔާރަށެވެ. ދާއިރާގައި އެހީތެރިކަމަކަށް އެދުނު ކޮންމެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފާތިމަތު ރައޫފް ތައްޔާރެވެ.

"އަޅުގަނޑު ލަވަ ކިއުން ހުއްޓައެއް ނުލާނަން. އެކަމަކު ބޮޑަށް އާ ކުދިންނަށް ފުރުސަތު ދޭން ބޭނުންވަނީ. ވަރަށް މޮޅު ކުދިން އެބައުޅޭ. ލަވަ ކިއުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު މަސައްކަތް ކޮށްފިއްޔާ ކުރެވޭނެ ކަމެއް، އަޅުގަނޑު ގެއްލިގެންނެއް ނުދާނެ، އަދިވެސް ފެންނާނެ،" ރިޓަޔާ ރަސްމިއްޔާތަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ފާތިމަތު ރައޫފް ވިދާޅުވި އެވެ.

ފާތިމަތު ރައޫފަށްވަނީ އާންމު ހިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އެވޯޑު އަދި ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ފިލްމު އެވޯޑުގައި އެންމެ މޮޅު އަންހެން ލަވަކިއުންތެރިޔާގެ އެވޯޑުވެސް ލިބިފަ އެވެ.