ދުނިޔެ

ޗައިނާއަށް ބާރުގަދަ ބިންހެލުމެއް އައިސް 13 މަރު

ޗައިނާގެ ސީޗުއާން ޕްރޮވިންސްގެ ބައިމަދު ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައި 13 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ ސީޗުއާން އައީ ރިކްޓަ މިންގަނޑުން 7.0 ގެ ބާރުމިނުގެ ބިންހެލުމެއް ކަމަށެވެ. ޗައިނާގެ ހުޅަނގު ދެކުނުގައިވާ ސީޗުއާން ޕްރޮވިންސަކީ ބިންހެލުންތައް ގިނައިން އަންނަ ސަރަހައްދެކެވެ. އެގޮތުން 2008 ވަނަ އަހަރު އެސަރަހައްދަށް އައި ބިންހެލުމެއްގައި 70000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

ޗައިނާ ގަޑިން ރޭ 9.00 އެހާއިރު އައި އެބިންހެލުން އައީ ސީޗުއާން ޕްރޮވިންސްގެ ވެރިރަށް ޝެންގްޑޫގެ އުތުރުން 180 މޭލު ދުރުގަައިވާ ސަރަހައްދަކަށް 10 ކިލޯމީޓަރުގެ ފުންމިނުންނެވެ.

ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ޗައިނާގެ އެންމެ މަޝްހޫރު ނޭޗާ ރިޒާވް ކަަމަށްވާ ޖިއުޒައިގޫ ހިމެނެއެވެ. އެތަނަކީ ދުނިޔޭގެ ތަރިކަތަކުގެ ލިސްޓްގައި ޔުނެސްކޯއިން ހިމަނާފައިވާ ތަނެކެވެ. އެސަރަހައްދުގައިވާ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ މަންޒަރު ފެންނަ ފޮޓޯތައް ޗައިނާގެ މީޑިއާތަކުން ވަަނީ އާއްމުކޮށްފައެވެ.