ދުނިޔެ

ސިއްރުވޯޓަކުން ވެސް ދެކުނު އެފްރިކާގެ ރައީސް ވަތްކެއް ނުކުރެވުނު

Aug 9, 2017

ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެގައުމުގެ ޕާލަމެންޓްގައި އިއްޔެ ނެގި ސިއްރު ވޯޓުން ވެސް އޭނާއާ ދެކޮޅަށް އަޣުލަބިއްޔަތެއް ނުލިބުނެވެ.

ޒޫމާގެ އިތުބާރު ނެތް ކަމަށް އަށް ވަނަ ފަހަރަށް ނެގި ވޯޓު ސިއްރުކުރަން އިދިކޮޅު ފަރާތްތަކުން އެދުނީ ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް ( އޭއެންސީ)އަށް ނިސްބަތްވާ މެމްބަރުންގެ ވޯޓު ނުލިބެނީ ފާޅުގައި ވޯޓުލާތީ ކަމަށް ބަލާފައެވެ. ނަމަވެސް އިއްޔެގައި ނެގި ސިއްރު ވޯޓުގައި ވެސް ޒޫމާއާ އެއްކޮޅަށް 198 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ 177 މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވައި ތިއްބެވީ ނުވަ މެމްބަރުންނެވެ.

އިއްޔެގައި ލިބި ވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅު ކުރެއްވުމަށް ސަޕޯޓަރުުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޒޫމާ ވިދާޅުވީ ކިތަންމެ މަސައްކަތެއް ކުރިޔަސް ދެކުނު އެފްރިިކާގައި އޭއެންސީ ބައްޔެއް ނުކުރެވޭނެ ކަމަށެވެ.

" ކަލޭމެންނަށް އޭއެންސީއަކަށް ކަމެއް ނުކުރެވޭނެ. ކަލޭމެން ގަޔާ ނުވިޔަސް. ( ގަޔާ ނުވުން ) އެއީ ކަލޭމެންގެ އިހުތިޔާރުގައި އޮތް ކަމެއް،" ސަޕޯޓަރުންނާއެކު އުފާފާޅުކުރައްވަމުން ޒޫމާ ވިދާޅުވިއެވެ.

އިއްޔެގެ ވޯޓު ނާކާމިޔާބު ވުމުން ޒޫމާ އުފާފާޅުކުރެއްވިޔަސް އިއްޔެގެ ވޯޓުގައި އޭއެންސީގެ 26 މެމްބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވައި ވެސް އެޕާޓީގެ ބައެއް މެމްބަރުން ވަނީ ތިއްބަވާފައެވެ.

ޒޫމާއާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ދައުލަަތުގެ ފައިސާއިން އަމިއްލަފުޅު ގެކޮޅު ފައްކާކުރުމާއި މުއްސަނދި އާއިލާއެއް ކަަމަށްވާ ގުޕްތާ ޚާންދާނާ ގާތް ގުޅުމެއް ބޭއްވުން ހިމެނެއެވެ. އެމީހުން ތުހުމަތުކުރާ ގޮތުގައި ގުޕްތާ ޚާންދާނުން ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. ޒޫމާއާއި ގުޕްތާ ޚާންދާނުން އެ ތުހުމަތުތަކާ ދެކޮޅު ހަދައެވެ.