ހަބަރު

ޕާޓީއިން ފިޔަވަޅު އެޅިޔަސް ގޮނޑި ނުގެއްލޭނެ މާއްދާ ބާތިލް ކުރަން ހުށަހަޅައިފި

Aug 9, 2017
23

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާއެއް ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓްގެ އެދެފި އެވެ. ބަންޑާރަ ނައިބުގެ ފަރާތުން އެ ގޮތަށް އެދިފައި ވަނީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދެ މެންބަރެއްގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ބ ބާތިލް ކުރުމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވާ މަޖިލީހުގެ މެންބަރަކާ މެދު އެ ޕާޓީއިން ސުލޫކީ ފިޔަވަޅެއް އެޅި ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ގޮޑި ނުގެއްލޭނެ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނީ، އެ މާއްދާއަކީ ޕާޓީ ބަދަލު ކުރާ މެންބަރުން ގޮޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން އިއްވި ހުކުމާ ފުށުއަރާ މާއްދާއެއް ކަމަށެވެ. އެހެންވެ، އެ މާއްދާ ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށް ބަންޑާރަ ނައިބުގެ ވަކީލުން އެދިވަޑައިގެންނެވި އެވެ.