ކުޅިވަރު

ބޭލް ގެންދިއުމުގެ ވާހަކަތައް މޮރީނިއޯ ހުއްޓާލައިފި

Aug 9, 2017

މެންޗެސްޓާ ޔުނައިޓަޑަށް، ރެއާލްގެ ވިންގާ ގެރެތު ބޭލް ގެންދިއުމުގެ ވާހަކަތަކަށް ނިމުން އަތުވެއްޖެ ކަމަށް، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭ، ކުޅުނު ޔޫއެފްއާ ސްޕަ ކަޕް މެޗުގެ ކުރިން، މޮރީނިއޯ ބުނީ، ޔުނައިޓަޑާ ދެކޮޅަށް، ބޭލް ފުރަތަމަ 11 ގައި ނުހިމެނޭނަމަ، އޭނާ ގެންދިއުމަށް، އެހެން ޓީމު ތަކާއެކު ޔުނައިޓަޑުން ވާދަ ކުރާނެ ކަމަށެވެ.

"ސާފު ކޮށް އެނގިޖެ ކުލަބުން [ރެއާލުން] އޭނާ [ބޭލް] ބޭނުންވާ ކަން، ކޯޗް [ޒިދާން] ބޭނުންވޭ، ބޭލް، އަދި އޭނާވެސް ބޭނުންވޭ އެ ކުލަބު، މެޗު ފެށުމުގެ ކުރިން އެންމެންނަށްވެސް އެނގިއްޖެ، އޭނާ އެ ކުަލަބުގައި ހުންނާނެ ކަން." ބީޓީ ސްޕޯޓްސްއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްވެސް ވިދާޅު ވެފައި ވަނީ، ބޭލް ވިއްކާ ލުމުގެ އެއްވެސް ނިޔަތެއް ރެއާލްގެ ނެތް ކަމަށެވެ. ޓޮޓެންހަމް ހޮސްޕާގައި ހުއްޓާ، ރެއާލުން، 2013 ވަނަ އަހަރު، ބޭލް ގެނައީ، އޭރުގެ ދުނިޔޭގެ ރެކޯޑް އަދަދެއް ކަމަށްވާ، 85.5 މިލިއަން ޕައުންޑް (1.713 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު) ގެ ފީ އަކަށެވެ.

"އަހަންނަކަށް ވަގުތެއް ހޭދަ ނުކުރެވޭނެ އޭނާ ވިއްކާލާކަށް، އޭނާ އަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިޔެއް، އޭނާ އަހަރެމެންނަށް ވަރަށް މުހިންމު، އަދި އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް." ބޭލްއާ ބެހޭގޮތުން ޕެރޭޒް ނޫސްވެރިން ގާތު ވިދާޅުވި އެވެ.

ރޭ ގެ މެޗަށް ފަހު، ބޭލްވެސް ބުނެފައި ވަނީ، އޭނާ ޓީމު ދޫކޮށްލަން އުޅޭ، ވާހަކަތައް އަޑުވެސް ނާހާ ކަމަށާއި އެފަދަ ވާހަކަތައް ނުވެސް ކިޔާ ކަމަށެވެ.

"އަހަރެން ފޯކަސް ކޮށްގެން މިހުރީ ފުޓްބޯޅައަށް، އަހަރެން އެއްވެސް ވާހަކައެއް އަޑެއް ނާހަން އަދި އެކަހަލަ އެއްވެސް ވާހަކަ ނުވެސް ކިޔަން،" ބޭލް ބުންޏެވެ. "މިތަނުގައި [ރެއާލް ގައި] އަހަރެންގެ ކެރިއަރު މި ހޭދަ ކުރަނީ ވަރަށް ރަނގަޅަށް، އަދި އެއްވެސް ކަމެއް ބަދަލެއް ނުވޭ، އަނިޔާއާ ހެދި އަހަންނަށް މާ ގިނައިން ނުކުޅެވުނު، އަހަރެން މި ސަމާލުކަން ދެނީ އެންމެ ރަނގަޅު ފޯމްގައި ހުންނަން."

ރޭގެ މެޗުގައި، ރެއާލްގެ ދެ ވަނަ ލަނޑު އިސްކޯ ޖެހީ، ބޭލް ތަނަވަސް ކޮށްދިން ހިތްގައިމު ފުރުސަތަކުން ނެވެ. އަދި ބޭލް ވެސް ވަނީ ނުރައްކާތެރި ބޯޅައެއް ޔުނައިޓަޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ. އެ ބޯޅަ ދަނޑިގައި ޖެހިފައި ދިޔައީ ގޯލައާ މާ ދުރަށެވެ.