ރިޕޯޓް

ސިޔާސީ "އަތެއް" ނެތިއްޔާ ގާތިލުން ހޯދޭނެކަން ސާބިތުކޮށްދީފި

Aug 10, 2017
14
  • ފުލުުހުންގެ މައްޗަށް ސިޔާސީ ނުފޫޒު އޮންނަ ކަމުގެ ތުހުމަތު
  • ރިލްވާން އާއި އަފްރާޝީމްގެ މައްސަލައިގެ ހަގީގަތް ނުހޯދޭ
  • ޔާމީން މައްސަލައަށް ސިޔާސީ ނުފޫޒު ނެތްކަމަށް ބުނި

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސް ޔާމީން ރަޝީދު މަރާލީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަނިޔާވެރި ގޮތަކަށް 24 ތަނަށް ވަޅި ޖަހާ އޭނާ މަރާލީ އިރު އޭނާގެ އުމުރުން ވަނީ އެންމެ 29 އަހަރެވެ. އެކަން ވެގެން ދިޔައީ މުޅި ރާއްޖެ "ސިއްސުވާލި" ބިރުވެރި މަރަކަށެވެ.

ޔާމީން ބްލޮގުގަ އާއި ސޯޝަލް މީޑިއާގައި އޭނާގެ ކުރިން ފާޅުކޮށްފައި ހުރި ހިޔާލުތަކުގެ ސަބަބުން ސިޔާސީ ބައެއްގެ އަޑީގައި ތިބެގެން ކަމަށް ވެސް ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް ފުލުހުން އިއްޔެވަނީ އެއްވެސް ޖެހިލުމަކާ ނުލާ ޔާމީން މަރާ ގުޅިގެން ނޭނގޭ ވާހަކަތައް ހާމަކޮށްލާފަ އެވެ. ވަރަށް ޔަގީން ކަމާއެކު މިކަމުގައި ސިޔާސީ ބައެއްގެ އަތެއް ނުވާ ކަމާއި މިއީ ހަރުކަށި ފިކުރުގެ ބަޔަކު ކުރިކަމެއްކަން ކިޔާދިނެވެ. އަދި އެ މީހުން އެކަން ކުރި ގޮތް އެންމެ ތަފްސިލާ އެކު ބޮޑު ސްކްރީނުގައި ވީޑިއޯ އަޅުވައިގެން ދައްކާ ދިނެވެ.

ފުލުހުންގެ މި މަސައްކަތަށް ސާބަހެވެ! އަދި މައުލޫމާތު ހާމަ ކުރުމުގައި ތި ދެއްކެވި ނަމޫނާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ! ހަމަގައިމުވެސް ސިޔާސީ ނުފޫޒެއް ނެތި، އެންމެ ފަސް މަސް ތެރޭގައި ވެސް ބޮޑު ތަހުގީގެއް ނިންމައި އެ ޖަރީމާ ހިންގި ސަބަބުތަކަކީ ކޮބައިތޯ ހޯދޭނެކަން ފުލުހުން ސާބިތުކޮށްދީފި އެވެ.

"ޔާމީންގެ ކޭސް ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ ފުލުހުންގެ ތެރެއިން ތަފާތު ފަންނުތަކުން މީހުން އެކުލެވޭ ގޮތަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސްކޮޑެއް ގާއިމްކޮށްފައި، ފުރަތަމަ ފަސް ހަފްތާ ތެރޭގައި ތަހުގީގު ޓީމުން ވަނީ ޑެޕިއުޓީ ކޮމީޝަނަށް 35 ފަހަރު ކޭސް ބްރީފްކޮށްދިން، އަދި ކޮމިޝަނާ އޮތް ޕޮލިސްއާ ހަތް ފަހަރު ބައްދަލުކުރި، ޑެޕިއުޓީ ކޮމިޝަނާ ވެސް ތަފާތު 17 ފަހަރެއްގައި ކޮމިޝަނަރަށް ކޭސްގެ މައުލޫމާތު ދިން، ރާއްޖެއިން ބޭރުން ޔާމީންގެ މަރާ ގުޅޭ ގޮތުން ކުރާ ސުވާލަށް ޖަވާބު ދިނުމަށް ފޮރިން މިނިސްޓްރީއަށް ވަނީ ކޭސްގެ މައުލޫމާތު ދީފައި، ޔޫއެން ރެސިޑެންޓް ކޯޑިނޭޓަރާ ވެސް މައުލޫމާތު ހިއްސާ ކުރިން. ޔާމީން ރަޝީދުގެ އާއިލާއަށް ކޭސްއާ ގުޅޭ ގޮތުން ތިން ފަހަރެއްގެ މަތިން މައުލޫމާތު ހިއްސާ ކުރިން،" ޔާމީންގެ މަރުގެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ގާއިމް ކުރި މޭޖާ ކްރައިމް ސެންޓަރުގެ މެނޭޖާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވި އެވެ.

ޔާމީންގެ މަރުގެ ތަހުގީގު ކާމިޔާބު ކުރުމަށްޓަކައި އަދި ކުށްވެރިން އިންސާފުގެ ކުރިމަށްޗައް ގެނައުމަށްޓަކައި ކުރި އިތުރު މަސައްކަތްތައް ހާމަ ކުރައްވަމުން ޝަމީމް ވިދާޅުވި ގޮތުގައި ޔާމީން މަރުގެ މައްސަލާގައި ހައްޔަރު ކުރި ކޮންމެ މީހެއް ދިރިއުޅޭ ގެ ބަލާ ފާސްކުރި އެވެ. އަދި މަސްވެރިންގެ ޕާކާއި ޓްރެކް ސަރަހައްދާއި މޭރީ ބްރައުން އިން ފެށިގެން ވިލާ ކޮލެޖު ސަރަހައްދުގެ ކައިރިން ކަނޑު ބަލާ ފަސްކުރި އިރު، އެއް ނަމްބަރު ކުނި ކޮށި ވެސް ބަލާ ފާސްކުރި އެވެ. އަދި މާލެއާ ކައިރި މީހުން ދިރިއުޅޭ ރަށްތައް ބަލާ ފާސް ކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ އިތުރުން 1850 ގަޑިއިރުގެ ސީސީޓީވި ފުޓޭޖުތައް ބަލާ އެނަލައިޒް ކުރުމާައި 20 އަހަރާއި 40 އަހަރާ ދެމެދުގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯ އަޅާ ކިޔާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ފަސް މަސްދުވަސް ތެރޭގައި ފުލުހުން ކުރި މަސައްކަތުން ދިވެހި ފުލުހުންގެ ތަހުގީގު ކުރުމުގެ ގާބިލް ކަމާ މެދު ސުވާލެއް އުފެއްދޭނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް މިކަމުގައި އުފާކޮށް އަތް ޖެހޭކަށް އަދި ނެތެވެ. ޔާމީން މަރާލާފައިވާ ރަހުމު ކުޑަ ގޮތާއި ބިރުވެރިކަން ދިވެހިންގެ ހިތަށް އިހުސާސް ކުރެވުނު ގޮތަށް މީގެ ފަސް އަހަރު ކުރިން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝިމް އަލީ "ކޮށާލި" ދުވަހު ވެސް ހަމަ އެ އިހުސާސްތައް ކުރެވުނެވެ. ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ފަސް މަސް ތެރޭގައި ނިންމާ މޯޓިވް ހޯދުނު އިރު ދާދި އެއް ގޮތަކަށް މަރާލާފައިވާ އަފްރާޝިމްގެ މަރަށް ފަސް އަހަރުވާ އިރު އޭނާ މަރާލުމުގައި އުޅުނު ހުރިހާ އެންމެން ހައްޔަރުކޮށް މޯޓިވް ނުހޯދުނީ ކީއްވެ ހެއްޔެވެ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިގެން ހޯދާތާ ވެސް ތިން އަހަރުވީ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ތަހުގީގުތަކެއް ނުނިންމެ އެވެ. އެ މައްސަލަތަކުގެ މޯޓިވް އެއް ނުހޯދެ އެވެ. އަދި ޔާމީން މަރާލި މައްސަލާގެ ތަހުގީގު ކުރިޔަށް ދިޔަ ގޮތްހާ ތަފްސީލުކޮށް ނުވަތަ އެއާ ގާތް ކުރާ ވަރަށް ވެސް ތަފްސީލެއް ރިލްވާން އާއި އަފްރާޝިމް މައްސަލާގައި ފުލުހުން ހާމަ އެއް ނުކުރެ އެވެ.

ރިލްވާންގެ މައްސަލާގެ މައުލޫމާތެއް ހާމަ ކުރުމަށް އެތަށް ބަޔަކު އާދޭސްތަކެއް ކުރަމުންދަނިކޮށް ޒަމާންތަކެއް ފަހު މިދިޔަ އަހަރުގެ މެދު ތެރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރީ މީގެ ކުރިން ވެސް ދެކެވުނު ވާހަކަތަކާއި ބައެއް އަމިއްލަ ފަރާތްތަކުން ހޯދާފައިވާ ހޯދުންތަކެކެވެ. އާ ކަމަކަށް ދެތިން ސީސީޓީވީގެ ފުޓޭޖް ދެއްކި ކަމެވެ. އަދި ކުރި ކޮންމެ ސުވާލަކަށް "މިވަގުތު ޖަވާބު ދެވެން ނެތް" ކަމަށް ފުލުހުން ބުނަމުން ދިޔަ އެވެ. އަދި އިއްޔެ ވެސް ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ދިނީ އެއް ޖަވާބެކެވެ.

ދެން އޮތީ އަފްރާޝީމްގެ މައްސަލައެކެވެ. އޭނާ މަރާލި ކަމަށް ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް އަދި ފަހުން ދޫކޮށްލި އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ހުސައިން ހުމާމްގެ މައްޗައް ދައުވާކޮށް މިއަދު ވަނީ އޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ނިންފާފަ އެވެ. ނަމަވެސް އެކަމުގައި ޝާމިލްވީ އިތުރު މީހެއްގެ އެއްވެސް ތަފްސީލެއް ނޭނގެ އެވެ. އަދި ފަސް އަހަރުވީ އިރު އަފްރާޝީމް މަރާލިކަމުގެ މޯޓިވްއަކީ ކޮބައިކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލާގައި ސުވާލު އުފެދޭ އެތަށް ސަތޭކަ ކަމެއް ހުރި އިރު ރައްޔިތުން ތިބެން ޖެހެނީ އަނދިރި ކަމެއްގެ ތެރޭގަ އެވެ.

ރިލްވާން އާއި އަފްރާޝީމްގެ މައްސަލަ ކުރިޔަށް ގެންދިޔުމުގައި ފުލުހުން ނުކުޅެދިފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންވަނީ އެ ދެ މަރު ސިޔާސީ ކަމެއްގެ ގޮތުގައި ބެލެވިދާނެ ސަބަބުތައް ހާމަ ކުރައްވައިފަ އެވެ. ލޯންޗުކޮޅުގައި ބޮން ގޮއްވި ހާދިސާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނައިބު ރައީސް ވަނީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް ވަރަށް ބޮޑަށް "އަތް ބާނާފައި"' ކަމަށެވެ. އަދި އިންޓެލިޖަންސް ރިޕޯޓު ވެސް ސީދާ އެމަނިކުފާނަށް ލިބޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ދާދި ފަހުން ވަނީ ހުމާމްއާ ދައުލަތުގެ އިސްވެރިޔަކާ ރިސޯޓެއްގައި ބައްދަލު ކުރި ކަމަށް ވެސް ބުނެފަ އެވެ.

ދެން ވިސްނާލާށެވެ. މީހަކު މަރާލި ކަމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި މީހަކު ރިސޯޓަކާ ހަމަޔަށް ގެންދިޔުމަށް ކިތަށް މުއައްސަސާގެ ތެރެއަށް ނުފޫޒު ފޯރުވަން ޖެހޭނެ ހެއްޔެވެ. މި މައްސަލަތައް ތަހުގީގު ކުރަން ފެށީ ލޯންޗު ގޮއްވާލި ދުވަހުން ފެށިގެން ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން އެމަނިކުފާނުގެ ވެސް ވަނީ ރިލްވާންގެ އާއިލާއާ ބައްދަލުކޮށް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

މިއީ މުޅިން ވެސް ރިލްވާން އާއި އަފްރާޝިމްގެ މަރުގެ މައްސަލާގެ ފަހަތުގައި ސިޔާސީ ކަމެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ވާހަކަތަކެވެ. ނަމަވެސް އިރާދަކުރެއްވީއާ ޔާމީންގެ މަރުގެ މައްސަލަ އެ ދަނީ އިންސާފާ ދިމާލަށެވެ. ނަމަވެސް ރިލްވާން އާއި އަފްރާޝީމްއަކީ ވެސް ދިވެހި ދަރީން އެވެ. އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގުތައް ކުރިޔަށް ގެންދަން ޖެހެ އެވެ. އަދި ހަގީގަތުގައި ވެސް އަތް ޖަހަން ޖެހޭ ދުވަސް އަންނާނީ މި ހުރިހާ މައްސަލަތަކެއް ވެސް ތަހުގީގުކޮށް "ބިރަކާ ނުލާ" ހާމަކޮށްލުމުންނެވެ.