ވާހަކަ

މުޅިޖާންހިތާ

(8 އޯގަސްޓް 2017 އާ ގުޅޭ) -- "ދެތިން ދުވަސްތެރޭ ދާނަން. އަޅުގަނޑު އައިކަންތައް ވެސް ނިމިއްޖެ. ގެއަށް ދެވުނީމަ ބައްޕައަށް ބޮޑު ސަޕްރައިޒެއް ވެސް ދޭނަން. އަޅުގަނޑު ބުނީމެއްނު ވަގުތު ޖެހުނީމާ ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދޭނަމޭ. އެނބުރި ގެއަށް ދިއުމުން ހުރިހާ ކަމެއް ވެސް އޮޅުންފިލާނެ..." ނިކަން ހަމަޖެހިލާފައި ހުރެ ލޫކަން ބުންޏެވެ.

"ގެއަށް ނާންނާނާތީ ބައްޕަ ގުޅީ ދޯ" ފޯނުކޯލު ނިންމާލާފައި ލޫކަން އައިސް ސޯފާގައި އިށީނުމާއެކު ހައިކަލް ބުންޏެވެ. އެއާއެކު ހިނިއައިސްފައި އިނދެ ލޫކަން ބޯޖަހާލިއެވެ.

"ދެތިން ދުވަސްތެރޭ ދާނަންކަމަށް ބުނެފިން" ލޫކަން މިހެން ބުނެލުމާއެކު އޭނާއަށް އައިރާ ބަލާލީ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އައިރާގެ ގާތުގައި ހުރިހާ ވާހަކައެއް ބުނެގެން އޭނާ ހާސްކުރުވުމުގެ ބޭނުމެއް އޮތް ކަމަކަށް ލޫކަން ނުދެކެއެވެ. އޭނާ ކޮންމެ ނިންމުމެއް ނިންމި ނަމަވެސް މިހާރު އެ ނިންމުންތައް ގުޅިފައިވަނީ އައިރާއާ އެވެ. ވީމާ އައިރާއަށް ގެއްލުމެއް ނޫނީ ދެރައެއް ލިބިދާނޭ ފަދަ ކަމެއް ލޫކަން ނުކުރާނެއެވެ.

"އައިޒް ގެންގުޅޭން އައިރާއަށް ވަރަށް ފަސޭހަވާނެ ދޯ. ބުއްބޯންށާއި ނެޕީ ހަޑިވީމާ އެކަނި ރޮނީ. އެހެންނޫނީ އެ އޮންނަނީ ގަދަ ނިދީގައި. މީނދަ މިންނު އެވަރު އިރު އައިޒްއާ ދިމާ އިދިކޮޅު. އަބަދު ބޭނުންވާނީ ކޮންމެވެސް މީހެއްގެ އަތްމަތީގައި އޮންނާން" ޒޭންގެ އަތުގައި އޮތް އައިޒަންއަށް ބަލަން އިނދެފައި ޔާނާ ބުންޏެވެ. އޭނާގެ ވާހަކައަށް އައިރާ ހިނިތުންވެލީއެވެ.

އިރުގެ ހޫނުކަން ކުޑަވެ ހިޔަލުގެ ފިނިކަން މަގުތަކަށް ވެރިވެފައި އޮތެވެ. ލުއިލުއި ވައިރޯޅިތައް ދައުރުވަމުންދާއިރު މާލޭގެ މަގުތަކުގައި ހިރަފުސްކަމެއް އެކުލެވިފައި ވިއެވެ. ދޮރޯށި ދޮށުގައި ހުރެފައި އައިރާ އެތެރެއަށް ވަނީ ޒޭންއާއިއެކު މިންޙާއާއި ޔާނާ ކާރަށް އެރުމުންނެވެ. ހުކުރު ދުވަހަށްވީމާ ޒޭންއަށް ގޭގައި ހުރެވޭގޮތް ވުމުން ދަރިފުޅާއި އަންހެނުން ގޮވައިގެން ބޭރަށް ނުކުމެލީއެވެ. ގޭތެރެއަށް ވަދެގެން އައި އައިރާ ވަށައިގެން ހޯދާލުމާއެކު ބަގީޗާއަށް ނުކުތެވެ. އޭރު ހުސްނާ ގަސްތަކަށް ފެންދީ ނިންމާލާފައި ފެންދޭ ހޮޅި އެ އޮންނަ ދިމާއަށް ގެނައެވެ.

"އައިޒަން ނިދީތަ؟" އައިރާ ފެނުމުން ހުސްނާ އަހާލިއެވެ.

"ކުޑަކޮށް ގައިދޮއްވާލާފައި ރީތި ވެސް ނުކުރެވެނީސް ނިދައިފި" ހިނިއައިސްފައި ހުރެ އައިރާ ބުންޏެވެ.

"ހުސްނައްތާ! އަޅުގަނޑު ބުނި މާ..." ބަގީޗާގެ ބިއްދޮށް ފަރާތުން ނުކުން ލޫކަންއަށް އައިރާ ފެނުމާއެކު ހުއްޓެވުނެވެ. އެހިނދު އެ ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. ނޭވާ ހިފަހައްޓާލެވުނު ފަދަ އިހުސާސެއް ދެ މީހުނަށް ވެސް ކުރެވުނެވެ. އަވަހަށް ނަޒަރު ވަކިކޮށްލީ އައިރާއެވެ.

"ދައްތަ ބުނީމެއްނު ކަތުރުން ބުރިކޮށްލާށޭ" ފެންހޮޅި އަޅުވާފައި ލޫކަންއާ ދިމާއަށް އެނބުރިލަމުން ހުސްނާ ބުންޏެވެ. އެވަގުތު އައިރާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"ކަތުރެއް ނުފެނުނޭ" އައިރާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ ލޫކަން ބުންޏެވެ. އެއާއެކު ހުސްނާ ހިނގައިގަތީ އެބުނާ ކަތުރެއް ލޫކަންއަށް ދިނުމަށެވެ.

ގޭތެރެއަށް ވެރިވެފައި އޮތް ހިމޭންކަމުގައި ބޮޑުކޮޓަރީގައި ހުރި ސޯފާގައި ހައިކަލް އިނީ ފައިލުތަކެއް ހިފައިގެންނެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނުން ފައިލުތަކުގައިވާ ކަރުދާސްތައް ބަލަމުން ދިޔައެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި އަޅައި ނުގަނެ އައިރާއަށް ސިޑިއާ ހަމައަކަށް ނުދެވުނެވެ.

"އެންމެން ދިޔައީމަ ފޫހިވެގެން ދޯ ތިއުޅެނީ. ކޮބާތަ ލޫކަން؟ އޭނާ ޗުއްޓީ ނަގައިގެން ގޭގައި ހުރެގެން ކީއްތަ އެ ކުރަނީ؟" އައިނު މަތިން އައިރާއަށް ބަލަން އިނދެ ހައިކަލް ބުންޏެވެ. އައިރާގެ ޖަވާބަކަށްވީ ހިނިތުންވުމެކެވެ. އޭނާ ހައިކަލްގެ ގާތުގައި މަޑުކުރާކަށް ގަސްދެއް ނުކުރިއެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން މައްޗަށް އަރާން ފެށިއެވެ.

ގެއާ ބަލާފައި އެ ގޭގެ ހާމަ ފެންޑާ ކުޑައެވެ. ލޮއިކުލައިގެ ދަގަޑު އުނދޯއްޔެއް އެއްފަރާތުގައި ބަހައްޓާފައި ހުއްޓެވެ. އުނދޯލީގައި ތިބޭއިރު ކުރިމަތިން ފެންނަ ފާރުކައިރީ މައުގަސް އިންދާފައި ހުރި މުށިގަނޑުތައް ބަރިއަކަށް އަތުރާފައި ހުއްޓެވެ. އައިރާ އައިސް އުނދޯލީގައި އިށީނެވެ. މަޑުމަޑުން ވިއްދާލި ފަޔަށް ބާރުލާފައި އުނދޯލި ހެއްލާލިއެވެ.

"އެއްވެސް ތާކުން ނުފެނުނީމަ އެނގުނު އައިރާ މިތަނަށް އައީކަން... ކީއްވެ އަހަރެން ގާތުގައި ނުބުނީ؟" ލޫކަންގެ އަޑު އިވުމާއެކު ހާމަފެންޑާއަށް ނުކުމެވެން ހުރި ބިއްލޫރި ދަމާދޮރާ ދިމާއަށް އައިރާ ބަލާލިއެވެ. އޭރު އޭނާގެ ގާތަށް ލޫކަން އަންނަނީއެވެ.

"އަހަރެން އިށީނަސް އެންމެ ރަނގަޅުތަ؟" އައިރާގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން ލޫކަން އަހާލިއެވެ. އިސްޖަހާލައިގެން އައިރާ އިނދެ ބޯޖަހާލިއެވެ. އޭނާ އެ މަސައްކަތް ކުރަނީ ލޫކަންއަށް ނުބަލާންކަން ޚުދު ލޫކަންއަށް ވެސް އެނގެއެވެ. އައިރާގެ އެ ޢަމަލުން މަޢުނަވީ ހިނިތުންވުމެއް ލޫކަންގެ ތުންފަތާ ކުޅެލިއެވެ. ހެއްލެމުން ދިޔަ އުނދޯލީގައި ހިފަހައްޓާލަމުން އައިރާއާ ޖެހިގެން ލޫކަން އިށީނެވެ.

"މީ އައިރާއަށް... މިއަދު ފޮޅުނު މަލެއް" އަތުގައި އޮތް ރަތް ފިނިފެންމާ ލޫކަން ދިއްކޮށްލިއެވެ. އެއާއެކު އައިރާގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ މުޅީން އެހެން ޚިޔާލެކެވެ. އެހިނދު އަމިއްލަ އިޚްތިޔާރުން ބޭރުގައި ލޫކަންގެ މޫނަށް ބަލާލެވުނެވެ. އެ ބަލާލުން ލޫކަންގެ ގާތުގައި ވާހަކައެއް ބުނެލި ކަހަލައެވެ. ނަމަވެސް އޭނާއަށް ފަހުމެއްނުވިއެވެ.

"ނުހިފާނަންތަ؟" ލޫކަން މަޑު މަޑުން އަހާލިއެވެ. ލޫކަންއާ ނަޒަރު ވަކިކޮށްލަމުން އެ ފިނިފެންމަލުގައި އައިރާ ހިފިއެވެ. އެ ދެމެދަށް ހިމޭންކަމެއް ވެރިވެގެންދިޔައެވެ. ލޫކަންގެ ބާރުގައި އުނދޯލި ހެއްލާލިއެވެ. އަދި އުނދޯލީގައި ލެނގިލަމުން ތުނބުން ރާގެއް ފުމެމުންދިޔައެވެ. އައިރާގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

"ކޮންތާކުން ތި ލަވަ އަޑު އެހީ؟" އައިރާ ކުއްލިއަކަށް ސުވާލުކުރިއެވެ.

"ކޮން ލަވައެއް؟" ތުނބުން ފުމުން ހުއްޓާލާފައި ލޫކަން އަހާލިއެވެ.

"ދެންމެ... ދެންމެ ތި ލައްވަމުންދިޔަ އަޑު... އެއީ ލަވައެއްގެ ރާގުކޮޅު... އެ ލަވަ..." އައިރާ އޮޅުންފިލުވާދޭން މަސައްކަތް ކުރިއެވެ.

"އެއީ ޒޭންގެ ލެޕްޓޮޕުން އިވުނު ލަވައެއް... އަހަންނަށް މިހާރު ކުޑަކޮށް ދިވެހި އެނގެޔޭ. އަހަރެން ދިވެހި ދަސްކުރާން ބޭނުންވާތީ ޒޭން އަހަންނަށް ވަރަށް އެހީވޭ. އެ ލަވައިގައި ކިޔާ އެއްޗެހި ބުނެދިނީ ޒޭން... މާނަ އެނގުނީމާ އިތުރަށް އެ ލަވަ ރީތި ވެއްޖެ" ލޫކަން މިހެން ބުނެލުމާއެކު އަނެއްކާ ވެސް ތުނބުން ފުމެން ފެށިއެވެ.

"މީ ކިހާ ބޮޑު އިއްތިފާގެއް..." އައިރާގެ ހިތަށް އެވަގުތު އެރިއެވެ.

"އަހަރެން އަތުގައި އެބައޮތް އެ ލަވަ. އައިރާ އަޑު އަހާނަންތަ؟" ލޫކަން ފޯނު ނަގާ އޭނާގެ ފޯނުން އެ ލަވަ އިއްވާލިއެވެ. އެއާއެކު މުޅިތަނަށް އެ ލަވައިގެ އަޑު ފެތުރިގެންދިޔައެވެ.

"މުޅިޖާންހިތާ، ފުރާނަޔާ... ހެޔޮ ހިތުން ދީފާނަމޭ..." އެ ލަވައިގެ އަޑު އަހަން އައިރާއަށް ފަސޭހައެއްނުވިއެވެ. އޭނާ ތެދުވެގެން ދުރަށް ހިނގައިގަތުމުން ލޫކަން ހައިރާންވިއެވެ. ލަވަ ނިއްވާލުމާއެކު އައިރާއަށް ލޫކަން ގޮވާލިއެވެ. ނަމަވެސް އޭނާއަށް ފުރަގަސް ދީގެން ހުއްޓި ހުރި އައިރާގެ ފަރާތުން ޖަވާބެއް ނައެވެ.

"ކިހިނެއްވީ؟" އައިރާގެ ގާތުގައި އައިސް މަޑުކޮށްލަމުން ލޫކަން ސުވާލުކޮށްލިއެވެ.

"އަހަންނަކަށް ނޭނގެ... ލޫކް... އަހަންނަކަށް ނޭނގެ ދެން ކަންތައްކުރާންވީ ކިހިނެއްކަމެއް؟" އައިރާގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ.

"އައިރާ! އަހަރެން އައިރާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން. އަހަރެން ބުނަމެއްނު އަހަންނަށް އިތުބާރުކުރާށޭ" ލޫކަން މަޑުމަޑުން އައިރާގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.

"އަހަރެން... އަހަރެން ބޭނުންވަނީ އައިރާއާއި އައިޒަންގެ ޒިންމާގައި ހިފާން. ތި ދެމައިން އަހަރެންގެ ބެލުމުގެ ދަށުގައި ބައިތިއްބަން. ޒޭންއަކީ އަހަރެންގެ ރަޙުމަތްތެރިއެއް. މިގެއަކީ އަހަރެންގެ ގެއެއްނޫން. ދެ ދުވަސް ފަހުން އަހަރެން އެނބުރި ގެއަށް ބަދަލުވާނަން... އަހަރެން ބޭނުންވަނީ އައިރާ ވެސް އަހަރެންނާއެކު ގެންދާން.. އަހަންނަށް އެއްގޮތަކަށް ވެސް ނުވިސްނޭ އައިރާ އަހަންނާ ދުރަށްދާން މަސައްކަތްކުރަނީ ކީއްވެކަމެއް. އެކަމަކު އެކަން އަންޑަސްޓޭންޑްވޭތޯ އަހަރެން މަސައްކަތްކުރަން. ހިތަށް އަރާ އަހަރެންދެކެ ލޯބިވިޔަސް އައިރާ ބުނާނެބާއޭ... އައިރާ! ދިރިއުޅުމުގައި ދެވަނަ ފުރުޞަތެއް ލިބެނީ މަދު ބަޔަކަށް. އަހަރެން ހިތަށް އަރާ ކީއްވެބާއޭ އައިރާގެ ކުރިމަތީގައި ލޯބިވާއިރު އެއާ ދުރަށް ފިލާން ތި ދުވަނީ... އެ ލޯބީގެ ތެދުވެރިކަމާއި ސީދާކަން ބުނެދޭން އިތުރަށް ކޮށްދޭވެނެ ކަމެއްނެތް... ލޯތްބާއި ނުލާ ވެސް އުޅެވިދާނެ. އެކަމަކު އެކަނިވެރިކަމާއި ހިތްހަމަޖެހުން އެފަދަ ދިރިއުޅުމެއްގެ ވެދާނެތަ؟ އެފަދަ ދިރިއުޅުމަކަށް އައިރާ ދޫކޮށްލާހާ ހިތްވަރެއް އަހަރެންގެ ނެތް. އެހެންވިޔަސް އަހަރެން އައިރާ ނުހިފަށްޓާނަން... އައިރާ ބޭނުންގޮތެއް އަހަރެން ހަދައިދޭނަން. ތިފަދަ ލޯތްބެއް ދެން އަހަރެންގެ ހަޔާތަކަށް ނާންނާނެ... އައިރާ ބުނޭ... އައިރާ ބުނި ގޮތަކަށް އަހަރެން މި ހުރީ ކަންތައްކޮށްދޭން... އަހަރެން މިގެއިން ނުކުމެގެން ދާނީ އައިރާ އެދޭ ފަދައިން އެގޮތަކަށް ކަންތައްކޮށްދީފައި... އެކަމަކު އާދޭސްކޮށްފަ ބުނާން... އަހަންނަށް ފަސޭހަކަމަކަށްނުވާނެ އައިރާއާ ވަކިވާކަށް. އައިރާ ނުފެންނަ ހިސާބުގައި އައިރާގެ ހާލު ބަލާނުލެވޭހާ ދުރުގައި ހުންނާކަށް... އަހަންނަށް އައިރާ ބޭނުންނުވިޔަސް އަހަރެން މިއަދުވަނީ އައިރާއަށް ބޭނުންވެފައި... ވަރަށް ބޮޑަށް ބޭނުންވެފައި... ބުނޭ އައިރާ... މިއަދު އައިރާ ވާނީ ގޮތެއް ނިންމަން.. އައިރާ ބިރުގަންނީ ކޮންކަމާތަ؟ ދެވަނަ ފަހަރަށް ލޯބިވެވިދާނެތީތަ؟"

އައިރާގެ ފަރާތުން ޖަވާބެއް ލިބޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ލޫކަން އެނބުރިލިއެވެ. އެހިނދު އައިރާގެ ތުންފަތް ތުރުތުރު އަޅާލިއެވެ. ވާހަކައެއް ބުނާން އުޅުނުހެންނެވެ. ލޫކަންގެ ލޮލުން ފެނިގެން ދިޔަ ބޭޤަރާރުކަން އައިރާގެ ހިތަށް ތަދުކުރިއެވެ. ލޫކަން ލޯބިވާ ވަރު އެ ދެލޮލުން އައިރާ ދުށްޓެވެ. އަނދިރިކަމުގެ ތެރެއިން ވިދަމުންދިޔަ އަލިކަމުގެ ވޮށެއްފަދައެވެ. އިސާހިތަކު އެ ދެ ލޯ ކަރުނުން ފުރިއްޖެއެވެ. ހަދާނޭގޮތެއް ނޭނގި ހާސްވެފައި ހުރި މީހަކު ފަދައިން އެއް އަތް އަނެއްއަތުގައި ހިފާ ބާރުކޮށްލެވުނީ އައިރާގެ ހިތް ކުރަމުންދިޔަ ޝަކުވާއިންނެވެ. ހަމަޖެހިލާން ބޭނުންވިޔަސް އެކަމެއް ނުވިއެވެ. ލޫކަންއަށް ގޮވާލަން ދެތިން ފަހަރަށް އައިރާގެ އަނގަ ހުޅުވާ ވެސް ލިއެވެ. އެހެންނަމަވެސް މަޑު އާހެއް ނޫނީ ނީވުނެވެ. ކުއްލިއަކަށް ދެން ފެނުނީ އައިރާ އައިސް ލޫކަންގެ ފުރަގަހުން ލައްވެލިތަނެވެ. ހައިރާންކަން ލިބިގެން ދިޔަ ލޫކަން އެނބުރިލާ އައިރާއާ ކުރިމަތިލިއެވެ. އިސްޖެހިފައި ހުރި އައިރާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

"އަހަރެން ވަރުބަލިވެއްޖެ... ލޫކް... އަހަރެން މިހެން އުޅެ އުޅެ ވަރުބަލިވެއްޖެ... ބަދަލަކާނުލާ އަހަންނަށް އެހީތެރިވި ފުރަތަމަ މީހަކީ ނިޔާނު... އަހަރެން އެމީހެއްދެކެ އިންތިހާއަށް ލޯބިވި މީހަކީ އެއީ. އެކަމަކު މިއަދު... ލޫކް! އަހަންނަކަށް ނޭނގޭ އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދާންވީ ގޮތެއް... އަހަރެންގެ މާޒީގެ ތެރެއިން ނުކުންނާނޭގޮތެއް ނޭނގުނު... ލޫކް! އަހަރެންގެ މި މާޒީއާއެކު އަހަރެން ބަލައިގަނެވިދާނެތަ؟ އަހަންނަށް ލޫކްދެކެ ލޯބި ނުވެވުނަސް އަހަރެންދެކެ މުޅި އުމުރަށް ލޯބިވާނަންތަ؟ އަހަރެންގެ ދިރިއުޅުމުގައި މިވާ އެކަނިވެރިކަމަށް އަހަރެން މިވަނީ ހޭނިފައި... މި އެކަނިވެރިކަމާ ނުލާ އުޅޭނޭ ގޮތެއް އަހަންނަކަށް ނޭނގޭ... ލޫކަށް އަހަންނަށް ދިރިއުޅޭން އަލުން ދަސްކޮށްދެވިދާނެތަ؟... މުޅި އުމުރަށް ބަދަލުވުމެއްނުވާ ލޯތްބެއް އަހަރެން ދެކެ ވެވިދާނެތަ؟" ރޮމުން އައިރާ ވާހަކަދެއްކިއެވެ. އައިރާގެ މޫނުގައި ދެއަތުން ހިފާލުމާއެކު ލޫކަން ހިނިތުންވެލިއެވެ.

"މުޅި އުމުރަށް ލޯބިވާނަން... އައިރާއަށް ޓަކައި އަހަރެންގެ މުޅިޖާނާއި ހިތް ޤުރުބާންކުރާނަން... ފުރާނަދޭންޖެހިއްޖެނަމަ އެ ވެސް ހެޔޮ ހިތުން ދޭނަން" ހިނިތުންވެލައިގެން ހުރިއިރު ލޫކަންގެ ދެލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. އެ ދެ ލޯ ފޮރުވާލުމަށް ޓަކައި އައިރާގެ ކޮނޑުގައި ދެއަތުން ހިފާ ގެނެސް ލޫކަންގެ މޭގައި އޭނާ ފޮރުވާލިއެވެ. އަދި އައިރާގެ ބޮލުގައި ތުންފަތް ޖައްސާލުމާއެކު ބޮސްދިނެވެ. ލޫކަންގެ ކޯތާފަތުން ފުރޮޅެމުން އައި ކަރުނަ ތިކި ހިނދިގެން ދިޔައީ އައިރާގެ ޝޯލްއަށެވެ. އަވަހަށް ކަނާއަތުން ދެ ލޯ ފުހެލާފައި އައިރާއަށް ބަލާލިއެވެ. އަދި ލޯތްބާއެކު އައިރާގެ ދެ ލޮލާއި ކޯތާފަތް ފުހެލިއެވެ.

"ޖަސްޓް ޓްރަސްޓްމީ ލަވް... އައި އޭމް ހިއަރ ފޯ ޔޫ... ފޮރެވާ... ވިތް ގޯޑް ގްރޭސް...އައިރާ މައި ލަވް... އައި ލަވް ޔޫ ސޯ މަޗް" އައިރާގެ މޫނުގައި ދެއަތުން ހިފާލުމާއެކު ލޫކަން ގުދުވެލާފައި އައިރާގެ ނިތްކުރީގައި ބޮސްދިނެވެ.

އިރުކޮޅަކު ލޫކަންގެ އަތުގެ ތެރޭގައި ހުރުމަށްފަހު އައިރާ ދުރަށް ޖެހިލިއެވެ. ލޫކަން ވެސް އަލުން އައިރާ ގެނެސް ގާތްކޮށްލާކަށް މަސައްކަތެއް ނުކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ބަޔާންކުރާން ދަތި ހަމަޖެހުމެއް ލިބިފައިވެއެވެ. އައިރާއަކީ އޭނާގެ މީހެއްކަމުގައި ޔަގީން ކުރެވިއްޖެއެވެ. އުފަލުން ގޮސް މުޅި ދުނިޔެއަށް އެކަން ޢިއުލާން ކުރާން އޭނާ ބޭނުންވިއެވެ. ހިތުގައިވާ އަޒުމް އިތުރަށް ވަރުގަދަވި ކަހަލައެވެ.

"އަހަންނާ ކައިވެނިކޮށްފާނަންތަ؟" އައިރާގެ އަތުގައި ހިފާލުމާއެކު ލޫކަން އަހާލިއެވެ. މަޢުނަވީ ބެލުމަކުން ލޫކަންއަށް ބަލަމުންދިޔަ އައިރާ މަޑުމަޑުން ބޯޖަހާލިއެވެ. އެހިނދު ލޫކަންއަށް އެ ލިބުނު އުފާވެރިކަން ސިއްރެއްނުވިއެވެ. ހޭންފެށި ގޮތަށް އައިރާ ގެނެސް އަނެއްކާ ވެސް މޭގެ ތެރޭ ފޮރުވާލައިފިއެވެ. އެތައް ފަހަރަކު އައިރާއަށް ލޫކަން ޝުކުރު އަދާކުރިއެވެ.

އައިރާއާއި ލޫކަންގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އައިސް ހާމަފެންޑާއަށް ހައިކަލް އެރިއެވެ. އެވަގުތު އޭނާއަށް ފެނުނު މަންޒަރުން ހުއްޓެވުނެވެ. ލޫކަންގެ އަތުގެ ތެރޭގައި ހުރި އައިރާ ފެނުމުންނެވެ. ވަގުތުން ހިނިތުންވެލުމާއެކު އަނގަމަތީގައި ހައިކަލްއަށް އަތްއަޅާލެވުނެވެ. ފެންނަމުންދިޔަ މަންޒަރު ދިގުދެމިގެން ދާން ހައިކަލްގެ ހިތް އެދުނެވެ.

"ހީޒް ދަ ވަން އައިރާ؟" ހައިކަލް ހިތާ ހިތާ ބުނެލިއެވެ. އަދި އަވަސް އަވަހަށް ފަހަތަށް ހަވަރަކަށް ފިޔަވަޅު އަޅާލުމަށްފަހު ލޫކަންއަށް ގޮވާލިއެވެ. އޭނާގެ އަޑާއެކު ލޫކަންއާއި އައިރާ ދުރަށް ދެމިގަތީ ނިކަން އަވަހަށެވެ. ހައިކަލް އައިއިރު ލޫކަންއާއި އައިރާ ތިބީ ދުރުގައެވެ.

"ޒޭންމެން ގޭގައި ނެތަސް... ހިނގާބަލަ ކޮފީއެއް ބޯލަމާ. އައިރާ ވެސް އެބަހުރިން ދޯ... ހިނގާ ތިރިއަށް" ހައިކަލްއަށް ކަމެއް އެނގުނު ކަމަކަށް ނުހަދައެވެ.

ޒޭންއާއި ޔާނާ އެ މީހުންގެ ދަރިފުޅު ގޮވައިގެން އެނބުރި ގެއަށް އައީ މަޣުރިބު ނަމާދަށް ގޮވާން އުޅެނިކޮށެވެ. އޭރު ބޮޑުކޮޓަރީގައި ހައިކަލްއާއި ލޫކަން ތިއްބެވެ. ޒޭން އައި ގޮތަށް މަޑުކޮށްލީ އެ މީހުންގެ ގާތުގައެވެ. ޔާނާ ދިޔައީ ދަރިފުޅު ގޮވައިގެން ކޮޓަރިއަށެވެ. ތިން މީހުން މިސްކިތަށް ދިޔައީ އެކީގައެވެ. އެނބުރި ގެއަށް އައީ އިޝާ ނަމާދު ކޮށްގެންނެވެ. ރޭގަނޑު ކެއުން ތައްޔާރު ވާންދޭން މަޑުކޮށްލީ ބޮޑުކޮޓަރީގެ ސޯފާތަކުގައެވެ. އެހެން ތިބިއިރު ޒޭންއަށް ވެސް ލޫކަންގެ މޫނުގައިވި އާދަޔާ ޚިލާފު ހިނިތުންވުން ސިއްރެއްނުވިއެވެ. އޭނާ ލޫކަންއަށް ނިތްއަރުވާލުމާއެކު ވަކިން ބޮޑަށް ލޫކަން ހިނިތުންވެލިއެވެ. އަދި ހައިކަލްއާއި ޒޭންގެ ގާތުގައި ވާހަކައެއް ބުނާންވެފައި އެބައޮތް ކަމުގައި ބުންޏެވެ. އައިރާއާ ކައިވެނިކުރާން ލޫކަން ބޭނުންވާ ކަމާއި އައިރާ އެކަމަށް އެއްބަސްވި ވާހަކަ ބުނުމުން ޒޭންއަށް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. އޭރު ހައިކަލް އިނީ އޭނާއަށް ހުރިހާ ކަމެއް އެނގޭތީވެ ހީނލަހީނލައެވެ. ލޫކަން ދެން އެދުނީ އޭނާ ގެއަށް ގޮސް ބައްޕައާ ވާހަކަދައްކާފައި އައިރާ ބަލާ އަންނާންދެން އެ ގޭގައި އައިރާ ބަހައްޓާދިނުމަށެވެ.

"އައިރާގެ ޢާއިލާއަކީ މީ... އެއީ މިހާރު އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް. ލޫކަން އެކަމާ ހާސްވާނެ ކަމެއްނެތް. ކައިވެންޏަށް ތައްޔާރުވޭ" ހައިކަލް އިނދެފައި ބުންޏެވެ.

ޔާނާއަށް ވެސް ލޫކަންއާ ގުޅޭން އައިރާ ނިންމިކަން އެނގުނީ ޒޭންގެ ފަރާތުންނެވެ. މިންޙާ ނިންދަވަން ކޮޓަރީގައި އޮއްވައެވެ. އެއާއެކު އޭނާއަށް އެންމެ ހިނދުކޮޅަކު ވެސް މަޑެއް ނުކުރެވުނެވެ. ޒޭން ގާތުގައި މިންޙާ ނިދަންދެން އޮވެލާށޭ ބުނެ ހަލުވިކޮށް އައިރާގެ ގާތަށް ދާން ނުކުތެވެ.

* * * *

ހަވީރުގެ ވަގުތެވެ. ބޮޑުކޮޓަރިއަށް ލޫކަން ވަދެގެން އައިއިރު އެ ތަނުގައިވަނީ ހުސްކަމެވެ. ޤައިސް އެ ގަޑީގައި ގޭގައި އުޅޭނޭކަން އޭނާއަށް އެނގެއެވެ. އެހެންވެ އޭނާގެ ކޮނޑުގައި އޮތް ދަބަސް ކޮޓަރިއަށްލާފައި ޤައިސް ހޯދަން ދާން ނިންމިއެވެ. ކޮޓަރިއާ ދިމާއަށް އަންނަނިކޮށް މައުރީން ފެނުނެވެ.

"ލޫކް! އޯ ލޫކް! ކޮންތާކުން ތި އައީ؟... އަޅެ މައު ހޯދީމޭ ލޫކް ވީތަނެއް ނޭނގިގެން... އައި މިސްޑް ޔޫ" އޮޅެމުން ކަހަލަ ގޮތަށް އައިސް ލޫކަންގެ ފަހަތުން އޭނާގެ ކޮޓަރި ކައިރީ މައުރީން މަޑުކޮށްލިއެވެ.

"ކޮބާތަ މައުގެ މަންމަ؟" ލޫކަން ކޮޓަރީގެ ތަޅު ހުޅުވަމުން އަހާލިއެވެ.

"ބޭބެއާ އެކީ ޓެރެސްގައި އެބައިން... އައި ތިންކް ސައިބޮނީހެން" ކުލަޖައްސާފައި ހުރި ކަނާތުގެ ނިޔަފަތިތަކަށް ފުމެލަމުން މައުރީން ބުންޏެވެ.

"އެހެންވީމަ ހަމަ ރަނގަޅު ވަގުތައް މި އާދެވުނީ" ލޫކަން ބުންޏެވެ.

"ވަޓް... ލޫކް ސައިބޯންވީތަ؟" ދޮރު މަތީ ހުރެފައި މައުރީން އަހާލިއެވެ. އޭނާއަށް ފަރުވާލެއް ނުބަހައްޓާ ލޫކަން ކޮޓަރިން ނުކުމެ ދޮރު ލައްޕާލި ގޮތަށް ހިނގައިގަތީ ހާމަފެންޑާއަށް އަރާށެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް މައުރީން އައެވެ.

"ބައްޕާ..." ހާމަފެންޑާގައި ހުރި މޭޒު ދޮށުގައި އިން ޤައިސްއަށް ލޫކަން ގޮވާލިއެވެ. އެއާއެކު ގޮނޑީގައި އިނދެފައި ފަހަތަށް އެނބުރި ޤައިސް ބަލާލިއެވެ. އޭނާގެ ކުރިމަތީގައި އިން ރުބީނާއަށް ވެސް ބަލާލެވުނީ ދާދި ދެންމެ އެ އއިވުނީ ލޫކަންގެ އަޑުކަން ޔަގީންކޮށްލުމަށެވެ. (ނުނިމޭ)