ކުޅިވަރު

އިބްރޮހިމަވިޗަށް އާ އެއްބަސްވުމެއް ދޭން ޔުނައިޓަޑުން ވިސްނަނީ

Aug 10, 2017

މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު، ސްވިޑެންގެ ޒަލްޓާން އިބްރޮހިމަވިޗަށް، އާ އެއްބަސްވުމެއް ދޭން، ޔުނައިޓަޑުން ވިސްނަމުން ދާ ކަމަށް، އިނގިރޭސި މީޑިއާ ތަކުން ބުނެފި އެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން، ހިލޭ ޓްރާންސްފާއެއްގައި، ޔުނައިޓަޑުން، އިބްރޮހިމޮވިޗް ލައްވައި ސޮއި ކުރުވީ އެއް އަހަރުގެ އެއްބަސްވުމެއް ގައެވެ.. މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ އެއްބަސްވުން ވަނީ ހަމަފަ އެވެ. އެހެންވެ، މިވަގުތު، އިބްރޮހިމަވިޗަކީ، އެއްވެސް ޓީމެއްގެ ކުޅުންތެރިޔެއް ނޫނެވެ.

މިދިޔަ ސީޒަންގައި، ޔުނައިޓަޑްގައި، މުހިންމު ލަނޑުތަކެއް ޖެހި ނަމަވެސް، ސީޒަން ފަހު ކޮޅުގައި އޭނާގެ ކަކަުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގައި އެއްވެސް މެޗެއް ނުކުޅެ އެވެ. ޓީމުގެ އެއްބަސްވުމެއްގައި ނެތް ނަމަވެސް، އަނިޔާއިން ރަނގަޅު ވުމަށް، ހަދަން ޖެހޭ ރިހިބިލިޓޭޝަން ޕްރޮގްރާމް އިބްރޮހިމޮވިޗް ކުރިއަށް ގެންދަނީ، ޔުނައިޓަޑްގެ ޓްރެއިނިން ކޮމްޕްލެކްސްގަ އެވެ.

އޮކްޓޫބަރު މަހު 36 އަހަރު ފުރޭ، ޒަލްޓާން އަށް، މިދިޔަ ސީޒަންގައި، ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ވަނީ ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، އުމުރުން 35 އަހަރުގައި ވެސް، ދުނިޔޭގެ އެންމެ އުނދަގޫ ލީގްގައި ޒަލްޓާން ކުޅެން ނިންމުމަކީ އޭނާ ނެގި ވަރަށް ވަރުގަދަ ނިންމުމެއް ކަމަށެވެ.

ޔުނައިޓަޑަށް، މިސީޒަންގައި ގުޅުނު، ލުކާކާ، ޔުނައިޓަޑްގެ ނުވަ ނަންބަރު ބޭނުން ކުރުމުގެ ކުރިން، އޭނާ ވަނީ ޒަލްޓާންގެ ގާތުން އެކަމަށް އެދިފަ އެވެ. މިޑިއާ ރިޕޯޓްތައް ބުނީ، ލުކާކޫ ޔުނައިޓަޑްގެ ނުވަ ނަންބަރު ޖޯޒީ ބޭނުން ކުރަނީ، އިބްރޮހިމޮވިޗް، އިއުތިރާޒެއް ނެތް ކަމަށް ބުނުމުން ކަމަށެވެ.

ޔުނައިޓަޑްގެ އާ އެއްބަސް ވުމެއް، އިބްރޮހިމޮވިޗަށް ދޭނީ، އޭނާ ފިޓްވާން ވަގުތު ދިނުމަށްފަހު، އެހެން ކަމުން މިމަހު 31 ވަނަ ދުވަހާ ހަމަޔަށް ޔުނައިޓަޑުން، އޭނާގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށްދާނެ ގޮތް ބަލާނެ އެވެ.

"ފަހަރެއްގައި އޭނާ އަހަރެމެންނާއެކު މަޑު ކޮށްފާނެ،" މޮރީނިއޯ ބުންޏެވެ. "އަދި އޭނާ އަކަށް އެއްބަސްވުމެއް ނުދޭ ނަމަވެސް އޭނާ ހުރީ މެންޗެސްޓާއާ ވަރަށް ގާތުގައި."

އިބްރޮހިމޮވިޗް ވަނީ، މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގައި 17 ލަނޑު ޖަހާފަ އެވެ.