ދުނިޔެ

ލަންކާގެ މާތަލަ އެއާޕޯޓް އިންޑިއާ ކުންފުންޏަކަށް ދެނީ

ސްރީލަންކާގެ ބަނދަރުމަތީ ރަށް ހަަމްބަންޓޯޓާގެ ކައިރީގައިވާ މާތަލަ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ކުންފުންޏަކަށް 40 އަހަރަށް ދޭން ލަންކާގެ ކެބިނެޓަށް ހުށަހަޅައިފި އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނީ މާތަލަ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާ ކުންފުންޏަކަށްދޭން ފެނޭތޯ އެގައުމުގެ ކެބިނެޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެއާޕޯޓް ކުއްޔަށް ދިނުމާ ބެހޭ ކަރުދާސް ކެބިނެޓަށް ހުށަހެޅުއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމަލް ސިރިޕަލާ ޑިސިލްވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

މާތަލަ އެއާޕޯޓަކީ ޗައިނާގެ މާލީ އެހީ ހޯދައިގެން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން ބިނާކޮށްފައިވާ ތަނެކެވެ. އެ ތަން ތަރައްގީ ކުރަން ހުށަހެޅީ އިންޑިއާގެ ކޮން ކުންފުންޏަކުން ކަމެއް ޑެއިލީ މިރާގެ ހަބަރުގައި ބުނެފައެއް ނުވެއެވެ.

ހަމްބަންޓޯޓާއާ ވަރަށް ކައިރީގައިވާ އެ އެއާޕޯޓް އިންޑިއާ ކުންޏަކަށް ކުއްޔަށްދޭން ހުށަހަޅާފައި މިވަނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމަށާއިި އެ ބަނދަރު ހިންގާ ކުންފުނީގެ މައިގަނޑު ހިއްސާ ވިއްކަން އެއްބަސްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސްރީލަންކާއިން ވަނީ މިހާރު ސޮއިކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް ( ސީއެމްޕޯޓްސް)އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެއެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނީގެ މައިގަނޑު ހިއްސާ ( 70 ޕަސެންޓް ހިއްސާ ) އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.

ބަނދަރު ޗައިނާއަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާއިން ސޮއިކުރީ އެގައުމުގެ އިދިކޮޅު ފަަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އަދި އަވަށްޓެރި އިންޑިއާއިން ވެސް އޭރު ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ