ކުޅިވަރު

އަނިޔާއާ ހެދި ސަންޗޭޒްއަށް ފުރަތަމަ ދެ މެޗު ގެއްލިއްޖެ

Aug 10, 2017

އާސެނަލްގެ ވިންގާ، އެލެކްސިސް ސަންޗޭޒްއަށް އަނިޔާވެ އިނގިރޭސި ޕްރިމިއާ ލީގްގައި، އާސެނަލް ކުޅޭ ފުރަތަމަ ދެ މެޗު، ސަންޗޭޒް އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗް އާސެން ވެންގާ ކަށަވަރުކޮށްދީފި އެވެ.

ޕްރިމިއާ ލީގް ހުޅުވާނީ މާދަމާ ރޭ އެވެ. ލީގް ހުޅުވާ ދޭނީ، އާސެނަލް އާއި ލެސްޓާ ސިޓީ އެވެ. ސަންޗޭޒް، އާސެނަލްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި، ބާކީ އޮތީ، އެއް އަހަރެވެ. އޭނާ ވަނީ، މި ޓްރާންސްފާ ޕީރިއަޑްގައިވެސް، އާސެނަލް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ ގެންދަން ޝައުގުވެރިކަން ފާޅު ކުރަނީ، މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން އެވެ.

ނަމަވެސް، ވެންގާ ބުނީ ސަންޗޭޒް އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށެވެ. ޓީމު ދޫކޮށްލަން ބޭނުންވާ ކަމަށް ސަންޗޭޒް ބުނި ބުނުމަށް އިހްތިރާމު ކުރާ ކަމަށްވެސް ވެންގާ ބުންޏެވެ. ނަމަވެސް މިހާރު އޮތް ކޮންޓްރެކްޓް ހަމަވެ، މި ސީޒަން ނިމުމުން، ސަންޗޭޒްއަށް އޭނާ ބޭނުންވާ ކުލަބަކަށް ދެވޭނެ އެވެ.

ލެސްޓާގެ މެޗަށް ފަހު، އާސެނަލް ދެން ކުޅޭ މެޗުގައި އެ ޓީމު ކުޅޭނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ. ވެންގާ، ބުނީ އެ މެޗަށްވެސް ސަންޗޭޒް ދަތުރު ނުކުރާނެ ކަމަށެވެ. ސަންޗޭޒްގެ އަރިކަށްޓަށް ވަނީ އަނިޔާވެފައެވެ. އޭނާ އަށް އަނިޔާވީ، މިދިޔަ އާދިއްތަ ދުވަހު ހެދުނު ޕްރެކްޓިސް ކުރަނި ކޮށެވެ. އެދުވަހު ކުޅުނު، ކޮމިޔުނިޓީ ޝީލްޑް މެޗުގައި ވެސް، ސަންޗޭޒް ކުޅެފަ އެއް ނުވެ އެވެ.

ވެންގާ ބުނީ، ސަންޗޭޒް ނެތުމަކީ، ލިބުނު ވަރަށް ގެއްލުމެއް ކަމަށާއި ނަމަވެސް އެހެން ކުޅުންތެރިން ތިބީ، އެކަމަށް ތައްޔާރު ވެގެން ކަމަށެވެ.

"އެލެކްސިސް ސަންޗޭޒް ނެތުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް، ނަމަވެސް އަހަރެމެންގެ އެހެން ހުރިހާ ކުޅުންތެރިން ތިބީ ޕްރީ ސީޒަންގައި އެކަމަށް ތައްޔާރު ވެގެން،" ވެންގާ ބުންޏެވެ. "ޕްރީ ސީޒަންގައި އެހެން ވެދާނެ، އަހަންނަށް ހީއެއް ނުވޭ [މާދަމާ ރޭ] ގެ މެޗުގައި އެއްވެސް ވަރަކަށް އަހަންނަށް އޭނާ ބޭނުން ކުރެވޭނެ ހެނެއް."

ކޮންފެޑްރޭޝަން ކަޕްގައި، ޗިލީގެ ގައުމީ ޓީމާއެކު، ސަންޗޭޒް ކުޅެފައި ވުމުން، އާސަނަލް އިން ވަނީ، އޭނާ އަށް އަރާމު ކުރަން ގިނަ ވަގުތު ދީފަ އެވެ. އެހެންވެ އާސެނަލްގެ ސްކޮޑާ އޭނާ ގުޅުނީވެސް ލަހުން ނެވެ.