ބާސެލޯނާއިން، ބްރެޒިލްގެ އެޓޭކިން މިޑްފީލްޑާ، ފިލިޕޭ ކުޓީނިއޯ ގެންދަން، 100 މިލިއަން ޔޫރޯ (1.804 ބިލިއަން ދިވެހި ރުފިޔާ އަށް ވުރެ ބޮޑު) ހުށަހެޅުމުންވެސް، އޭނާ ދޫކޮށްލަން، ބޭނުން ނުވާކަމަށް، ލިވަޕޫލުން ބުނެފި އެވެ.
ބާސާއިން، ކުޓީނިއޯ ގެންދަން، މިދިޔަ މަހު ހުށަހެޅީ 80 މިލިއަން ޔޫރޯ އެވެ. ނަމަވެސް، އެ ހުށަހެޅުމަށް ލިވަޕޫލުން ނޫނެކޭ ބުނުމުން، ބާސާއިން އަނެއްކާވެސް، އެދަދު ބޮޑު ކޮށް 100 މިލިއަން ޔޫރޯ ހިމެނި އެވެ. އިތުރަށް އަގުބޮޑުކޮށް ހުށަހެޅުމުން، ސްޕެއިންގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ކުޓީނިއޯ ގެނައުމާ، ވަރަށް ކައިރިއަށް ބާސާއަށް ދެވިއްޖެ ކަމަށެވެ. ނަމަވެސް ލިވަޕޫލުން، ބާސާގެ އެ ހުށަހެޅުމަށްވެސް ދިނީ ކުރިން ދިން ޖާވަބެވެ.
ލިވަޕޫލުން ބުނީ، ކުޓީނިއޯ އަކީ، ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށެވެ. ސުވާލަކީ، ބާސެލޯނާއިން، ތިން ވަނަ ހުށަހެޅުމެއް ލިވަޕޫލަށް ހުށަހަޅާފާނެ ބާއެވެ. ލިވަޕޫލުން، މިދިޔަ ހަފުތާ ބުނެފައި ވަނީ، ކުޓީނިއޯ ވިއްކާލުމުގެ ވާހަކަ ދައްކަން، އެއްވެސް ޓީމަކާ އެކު، އެ ޓީމުން ނީށީންނާނެ ކަމަށެވެ.
ލިވަޕޫލްގެ އާ އެއްބަސްވުމުގައި، ކުޓީނިއޯ ސޮއި ކުރީ މިދިޔަ ސީޒަންގަ އެވެ. ފަސް އަހަރުގެ މުއްދަތަށް ހަދާފައިވާ، އެ އެއްބަސްވުމުގެ ދަށުން، އޭނާގެ މުސާރަ އަށް ލިވަޕޫލުން، ހަފަުތާ އަކުން 150،000 ޕައުންޑް (2.9 މިލިއަން ދިވެހި ރުފިޔާ) ދެ އެވެ.
ބާސާއިން، ކުޓީނިއޯ އަށް، އެންމެ ފުރަތަމަ ހުށަހެޅީ، ލިވަޕޫލުން، ޕްރީ ސީޒަންގެ ޓްއާގައި ހޮންކޮންގްގައި، ހުއްޓަ އެވެ. ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް، ވަނީ ކުޓީނިނިއޯއާ ވާހަކަ ދައްކައި، ލިވަޕޫލަށް އޭނާ ވަރަށް މުހިންމު ކަން، ބުނެދީފަ އެވެ. އަދި ކުަލަބުން އޭނާ ޓީމުގައި ބަހައްޓަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކްލޮޕް ބުންޏެވެ.
ބާސާއިން ހުށަހެޅުން، ހުށަހެޅި ނަމަވެސް، ކުޓީނިއޯ އެކަމާ ބެހޭގޮތުން އެއްވެސް ވާހަކަ އެއް މީޑިއާގައި ދައްކާފަ އެއް ނުވެ އެވެ. ދެހާސް ތޭރަ ވަނަ އަހަރު، ލިވަޕޫލުން ކުޓީނިއޯ، އެ ޓީމަށް ގެނައީ، އިންޓަ މިލާންގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އެއްބަސްވުމުގެ ދަށުން، ސްޕެންގެ އެސްޕެނިޔޯލްގައި ހުއްޓަ އެވެ.