ހަބަރު

އެހެން ގައުމުތަކަށް ވުރެ ޗައިނާ އަކީ ބޮލަށް ފަސޭހަ އެކުވެރިއެއް: ރައީސް

Dec 16, 2014
1

ބޭރުގެ ބައެއް ފަރާތްތަކާ އެކު ރާއްޖޭން ބާއްވާ ގުޅުންތަކުގެ ސަބަބުން ބައެއް ފަހަރު އުނދަގޫތައް ކުރިމަތިވެފައި ހުރި ނަމަވެސް ޗައިނާއާ އެކު ރާއްޖޭން ބާއްވާ ގުޅުމުގެ ސަބަބުން އެފަދަ އުނދަގުލެއް ރާއްޖެއަށް ކުރިމަތިވެފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދު އާއި ގަމާ ދެމެދު ހަދާ، "ހައްދުންމަތީ ބޮޑު މަގު" މަޝްރޫއު އިފްތިތާދު ކުރުމުގައި ރަސްމިއްޔާތުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔާ ނުހަދާ ކަމަށެވެ. ނަމަވެސް ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ދާހިލީ މައްސަލަތަކާ ގުޅިގެން ރާއްޖެއަށް "އަދަބުދީ" އެކަހެރި ކޮށްފައި ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކަށް ރާއްޖެ ބޯނުލަބާ ކަމަށް ބުނެ ރާއްޖެއަށް ބޮޑެތި ފިއްތުންތައް މީގެ ކުރިން ވަނީ އައިސްފަ އެވެ.

ރައީސް ވިދާޅުވީ ޗައިނާ އިން ރާއްޖޭގެ ކަންކަމުގެ މައްޗަށް ގޮތްކިޔަން ނޫޅޭ ކަމަށާއި އެ ގައުމުން މަސައްކަތް ކުރަނީ ރާއްޖެ ތަރައްގީ ވާނެ ފަދަ އުމްރާނީ ގިނަ މަޝްރޫއުތަކެއްގައި ގުޅުން ބަދަހި ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ ގުޅުމަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.

"މިފަދަ ގިނަ މަޝްރޫއުތަކެއް ޗައިނާއާ އެކު ރާއްޖޭން ފެށުން އަޅުގަނޑުގެ އުންމީދަކީ. ސިލްކް ރޫޓްގެ ތެރެއިން ވެސް ގިނަ މަޝްރޫއުތަކެއް އިރާދަ ކުރެއްވިއްޔާ ފެށިގެން ދާނެ. ޝީޖިން ޕިން ރާއްޖެއާ މެދު ބާއްވާ ގާތްކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ފަށާ ބޮޑެތި މަޝްރޫއުތައް ވެގެން ދާނީ، ޗައިނާގެ ސިލްކް ރޫޓްގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ގޮތުގައި ކަމަށެވެ. އަދި އެކަމަކީ ދެ ގައުމުގެ ގުޅުމަށް އިތުރު ތަރައްގީތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ އެންމެ އިތުބާރު ކުރެވޭ އެއްބައިވެރިޔާ ކަމަށެވެ. އަދި ޗައިނާއިން މަސައްކަތް ކުރެވުނީ ރާއްޖޭގެ ހަގީގީ ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޗައިނާ މި ފެންނަނީ ރާއްޖެއަށް ހެޔޮ އެދޭ އެންމެ ކައިރި އެއް ރަހުމަތްތެރިޔާގެ ގޮތުގައި. ކުދި ގައުމުތަކުގެ ހައްގުތަކަށް ޗައިނާއިން އިހުތިރާމް ކުރޭ،" ރައީސް ވިދާޅުވި އެވެ.

ޗައިނާ ވާނީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ނަގައިދޭނެ ބައިވެރިއަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޗައިނާއިން ރާއްޖޭގައި ފަށާ މަޝްރޫއުތައް ކުރިއަށް އޮތްތަނުގައި އިތުރުވެގެން ދާނެ އެވެ. އަދި އެކަމަށް މަގު ފަހިވެގެން ދަނީ މިއަދު ސޮއި ކުރި ޗައިނާގެ ސިލްކް ރޫޓް އެއްބަސްވުމުގެ ތެރޭން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއީ ޗައިނާގެ ސިލްކް ރޫޓްގެ ދަށުން ފަށާ މިފަދަ ފުރަތަމަ މަސައްކަތް. މިފަދަ އެތައް މަސައްކަތްތަކެއް ޗައިނާ ސިލްކް ރޫޓްގެ ތެރޭން ފެނިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.