ރިޕޯޓް

ހައްދުފަހަނަ އެޅުމުގެ "ވިހަ" ބާރަށް ފެތުރެނީ

  • ވިޔާނުދާ ޒުވާނުން މި ފިކުރުގައި ޖެހޭލެއް ގިނަ
  • މިފިކުރު ފެތުރުމުގެ އަޑީގައި ބައެއް ޝޭހުން
  • މިފަދަ މީހުންގެ ޖަރީމާތައް ސީރިއަސް ދަރަޖައަކަށް

ރަސޫލާގެ ސުންނަތާ ހިލާފުކަމެއް ކަމަށް ބުނެ، ތުއްތު ދަރިފުޅަށް ވެކްސިން ދޭން ބޭނުން ނުވާ މައިންބަފައިން އެބަ ތިބި ހެއްޔެވެ؟ ދީނީ ގޮތުން ރަނގަޅު ނޫން ކަމަށް ބުނެ އެ މީހުންގެ ދަރިން ސްކޫލަށް ނުފޮނުވާ ތިބޭ ބެލެނިވެރިން ރާއްޖޭގައި އަދިވެސް އެބަ އުޅޭ ހެއްޔެވެ؟ ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ މޭ މަހުވެސް ދަރިން ސްކޫލަށް ނުފޮނުވާ ފަސް މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅުނެވެ. އަދި ޖޫން މަހުގެ ތެރޭގައި އެފަދަ ދެ މައްސަލަައެއް ހުށަހެޅުނެވެ. ދީނީ ގޮތުން ހައްދުފަހަނަ އެޅި ފިކުރުތަކުގެ ސަބަބުން މިފަދަ އަމަލުތައް ހިންގުން އަދިވެސް މިއޮތީ ނައްތާނުލެވިކަން މި ތަފާސްހިސާބުތަކުން މި އޮތީ ފެންނާށެވެ. ދީނީ ހަރުކަށި ފިކުރު ތަކުގެ ސަބަބުން ސިކުޑި ދޮވެލައި ނުރައްކާތެރި ޖަރީމާތައް ހިންގަން ފަސް ނުޖެހޭ ދަރަޖައަށް ރާއްޖޭގެ ބައެއް މީހުންގެ ކަންކަން މި ވަނީ ގޮސްފަ އެވެ.

މަޝްހޫރު ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސް ޔާމީން ރަޝީދު އަނިޔާވެރިކަމުގެ ހައްދެއް ނެތް ގޮތަށް މަރާލުމުގައި ތިބީ، މިފަދަ ފިކުރުތަކެއްގައި ޖެހިފައި ތިބި ބައެއްކަން ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ޔާމީން މަރާލުމަށް އޭނާގެ ގާތިލުން ތަހުގީގަަށް ދެއްކި ސަބަބަކީ، ޔާމީން އަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ބުނެ އެވެ. ފުލުހުން ބުނި ގޮތުގައި ޔާމީންގެ ގާތިލުން ދީނަށް ފުރައްސާރަ ކުރުމަށް ދެނީ ޒީރޯ ޓޮލިރެންސް ކަމަށް އެ މީހުން ވަނީ ތަހުގީގުގައި ބުނެފަ އެވެ. ނަތީޖާއަކަށްވީ، އިސްލާމީ ޝަރީއަތް ގާއިމް ކުރުން އެ މީހުންގެ އަމިއްލަ އަތް މައްޗަށް ނަގައިގެން ބޮޑު ގަތުލުއާންމެއް ހިންގުމެވެ. މި ކަމެއް މި ހިންގީ ދީނީ ގޮތުން މެދު މިނުގެ އުސޫލުތަކެއް ގެންގުޅުއްވި ނުފޫޒު ގަދަ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މަތިން ހަނދާން ނުނެތި ތިއްބަ އެވެ. -- އެ ގަތުލުގެ ފަހަތުގައި އޮތް އަސްލު ސަބަބެއް އަދި ފުލުހުންނަށް ނުހޯދެ -- އަދި ދީނަށް ފުރައްސާރަކުރާ ކަމަށް ބުނެ އިންޒާރުތައް އައިސްފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ވަގަށް ނަގައި ގެއްލުވާލީ ވެސް ދާދި އިހަށް ދުވަހެއްގަ އެވެ. ޖިހާދުގެ ނަމުގައި ސީރިޔާގައި ހިނގަމުން ދާ ހަނގުރާމަޔަށް ދިވެހިންގެ ބަޔަކު ގޮސް ހަރުކަށި ޖަމާއަތްތަކާ އެކު ހަނގުރާމަ ކުރަމުން އަންނަ އައުމަށް އަދިވެސް ނިމުމެއް ނާދެ އެވެ. މިހުރިހާ ކަމެއް ޖުމްލަކޮށްލާ ނަމަ ފެންނަ ތަސްވީރަކީ ހައްދުފަހަނަ އެޅި ފިކުރުތައް ފެތުރެމުން އަންނަލެއް ބާރުކަމެވެ. އެ ފިކުރުތަކުގެ ވިހަ ފެތުރިގެން ގޮސް، ހިންގާ ޖަރީމާތައް ދުވަހެއް ދުވަހަކަށް ނުރައްކާވަމުން އަންނަކަން މި އޮތީ ހާމަވެ ފެންނާށެވެ.

މަގުއޮޅިފައި ތިބި ޒުވާނުންގެ "އެކުވެރިޔާ"

ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބުތައް ދެނެގަތުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ސިފައިންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ހައްދުފަހަނަ އެޅި ފިކުރު ފަތުރާމީހުންގެ އެންމެ ބޮޑު ޓާގެޓަކީ ކުށްތަކަށް އަރައިގަންނަމުން އަންނަ ޒުވާނުން އެވެ. އެފަދަ ޒުވާނުންނަށް ކުރެވުނު ކުށްތަކުން ތައުބާވެ ސުވަރުގެ ދެވޭނެ ގޮތަކީ، ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވުން ކަމަށް ފަތުވާ ދޭ ބަޔަކު ވިސްނައިދީ އެ މީހުންގެ ސިކުނޑިތަކަށް ސަވާރުވަނީ އެވެ. ނަތީޖާއަކަށް ވަނީ ﷲގެ މަގުގައި ޖިހާދުވެ މަރުވުން ނޫން ގޮތެއް އެ މީހުންނަށް ނެތް ކަމަށް ވިސްނުމެވެ. މިފަދަ މާޔޫސް ކަމެއްގައި ތިބޭ ޒުވާނުން ހެޔޮ މަގަށް އެޅުވުމުގެ ނަމުގައި ހައްދުފަހަނަ އެޅި ފިކުރުތަކުން އެ މީހުންގެ ސިކުނޑި ދޮވެލުމުގެ ޕްރޮޕެގެންޑާ ރާއްޖޭގައި މި އޮތީ ސިއްރު ގޮތެއްގައި މެކުހަށް ޖަހައިފަ އެވެ. އެފަދަ ފަތުވާދޭ ފަރާތްތައް މިހާރު އުޅެނީ އެއް ޒަމާނެއްގައި އުޅުނުހާ ފާޅު ގޮތެއްގައި ނޫނެވެ. އެފަދަ ގްރޫޕްތަކުން މީގެ ކުރިން ވަކި ޖަމާއަތް ހަދައިގެން މިސްކިތްތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ހުކުރުކޮށް ނަމާދުވެސް ކުރެ އެވެ. އެކަމަށް މިހާރު ވެސް ނިމުމެއް ނެތެވެ.

އެގޮތަށް ގަބޫލު ކުރެވިގެން، ބޮޑެތި މާރާމާރީތަކުގައި ޝާމިލްވާ ކަމަށް ޝައްކު ކުރެވުނު ބައެއް މީހުން ރާއްޖެ ދޫކޮށް ގޮސް، ސީރިޔާގެ ހަނގުރާމައިގައި ވަނީ ބައިވެރިވެފަ އެވެ. އަދި ބައެއް ގްރޫޕް މާރާމާރީތަކުގައި އެކި ފަހަރު ހައްޔަރުކޮށްފައިވާ ފަރާތްތައް ވެސް "ދީނީވެ"، އެންމެ ފަހުން ރާއްޖެ ދޫކޮށް ސީރިޔާއަށް ގޮސް އެ ގައުމުގެ ހަނގުރާމައިގައި ބައިވެރިވަމުން އެބަދެ އެވެ. ކައުންޓާ ޓެރަރިޒަމް ޔުނިޓްގެ ދިރާސާގައި ބުނަނީ ހައްދުފަހަނަ އެޅި ފިކުރުތަކުގަިއ ޖެހިގެން، ސީރިޔާއަށް ހަނގުރާމަޔަށް ގޮސް އުޅެނީ ގާތްގަނޑަކަށް 60 ދިވެހިން ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ބޮޑެތި މުޖުރިމުންގެ ގޮތުގައި މީގެ ކުރިން ލޭބަލްވެފައިވާ މީހުން ކަމަށް އެ ދިރާސާގައިވެ އެވެ. އެ ދިރާސާގައި ހައްދުފަހަނަ އެޅި ފިކުރުގައި ޖެހި 60 މީހުން ހަނގުރާމައިގައި އުޅޭ ކަމަށް ދެއްކި ނަމަވެސް އެ އަދަދު 100އާ ގާތްކުރާ ކަމަށް ބައެއް އެހެން ދިރާސާތަކުން ދައްކަ އެވެ.

ހަރުކަށި ފިކުރުތައް ފެތުރުން މެކުހަށް

މީގެ ކުރިން އެފަދަ ޖަމާއަތެއްގައި އުޅުނު ފަރާތަކުން ނަން ނުޖަހާ ގޮތަށް ބުނި ގޮތުގައި، މިހާރު ވެސް ބައެއް މިސްކިތްތަކަށް މިފަދަ ގްރޫޕްތަކުން ޖަމާވެ، ދީނީ ފަތުވާދީ ވަކި ޖަމާއަތުގައި ނަމާދުވެސް ކުރެ އެވެ. --މަސްލަހަތަށް ޓަކައި މިސްކިތްތަކުގެ ނަން ފޮރުވާފައި-- އެފަދަ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޝޭހުން ވެސް މިފަދަ މިސްކިތްތަކަށް ގޮސް، މިފަދަ ގްރޫޕްތަކާ ބައްދަލުކޮށް ދަރުސް ދީ ހަދާކަމަށްވެ އެވެ. އެގޮތުން، ދާދި ފަހުން ޔާމީންގެ މަރަށް ފަހުވެސް، އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދޭހަވާ ގޮތަށް ޝޭހަކު ގްރޫޕަކާ ބައްދަލުކޮށް މިސްކިތެއްގައި ދަރުސްއެއް ދެއްވި އެވެ. އަދި ޔާމީންގެ ގާތިލުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ބައެއް މީހުން ވަނީ އެ ދަރުސްގައި އެދުވަހު ބައިވެރިވެފަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޝޭހެއްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް، ސީރިޔާގެ ހަނގުރާމައަކީ ދާހިލީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ސީދާ މުސްލިމުން ނައްތާލުމަށް ހިންގާ ހަނގުރާމައެއް ކަމަށް ބުނެ އެބޭފުޅާގެ އަޑުން އޯޑިއޯ ރިޕޯޓެއް އާންމުކޮށްފައިވެ އެވެ. އަދި އެއީ ދާހިލީ ހަނގުރާމައެއް ކަމަށާއި އެއީ ޖިހާދެއް ނޫން ކަމަށް ބުނެ ދިވެހިންގެ ތެރޭގައި އަޑު ފަތުރަނީ ހަގީގަތް އޮޅުވާލުމަށް ކަމަށް ވެސް އެ މެސެޖްގައި އެ ޝޭހް ބުނެފައިވެ އެވެ. ހަގީގަތުގައި އެ ޝޭހްގެ ދަރުސްއިން ހިތްވަރު ލިބެނީ ޖިހާދުގެ ނަމުގައި ސީރިޔާއަށް ހަނގުރާމައެއް ދާށެވެ.

މި ފިކުރު ރަތްރޮނގު ހުރަސްކޮށްފި

މި ހައްދުފަހަނަ އެޅި ހަރުކަށި ފިކުރުތައް ހައްދުން ނައްޓައިގެން ގޮސް މުޅި ރާއްޖެ ގުޑުވާލާ ވަރުގެ ބޮމުގެ ހަމަލާއެއް ވެރިރަށް މާލޭގައި ނުދީ ސަލާމަތްވީ ވެސް ކިރިޔާ އެވެ. އެގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފުލުހުން، ބިސްބުރު ކައިރީ ހުރި ތަނެއް ބަލައި ފާސްކޮށް ބޮން ހަދަން ގެންގުޅޭ ޒާތުގެ ގިނަ ސާމާނާއި ކެމިކަލާ އެކު އެފަދަ ފިކުރުގެ ބައެއް ހައްޔަރު ވެސް ކުރި އެވެ. މި ނުރައްކާ ހަމަލާ ރާވަމުން އައި އެ މީހުންގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އެ ހަމަލާއާ ގުޅޭ ގޮތުން ސިއްރުފުލުހުންގެ ކިބައިން ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެ މީހުން ރާވާފައި އޮތީ، މާލޭގައި މީހުން ގިނައިން އެއްވާ ފަސް ތަނެއްގައި ބޮމުގެ ހަމަލާތަކެއް ދޭށެވެ. އެގޮތުން ޕިކަޕެއްގައި ބޮން ހަރުކޮށް މާރުކޭޓް ސަރަހައްދުގައި ބޮން ގޮއްވާލަން ވެސް އެ މީހުންގެ ޕްލޭންގައި އޮތް ކަމަށް އިންޓެލިޖެންސުން ތުހުމަތުކޮށްފައިވެ އެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ހައްޔަރު ކުރި ބައެއް މީހުންގެ ސިކުނޑި ހައްދު ފަހަނަ އެޅި ފިކުރުން ދޮވެލާފައި ހުރި މިންވަރަކީ އޭގެ ތެރެއިން ބައެއް މީހުން ނަމާދުވެސް ކުރަނީ ޝާމްގެ ގަނޑި ނޫނީ، ސީރިޔާގެ ގަޑިޔަށް ބަލައިގެން އެވެ. އަދި ރާއްޖެއަކީ ކުފުރުގެ ބިމެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އަދި އެ މީހުންގެ ވެރިރަށް ޝާމްކަރަ ނޫނީ ސީރިޔާއަށް ނުދެވޭ ނަމަ، މިތަނުގައި ޖިހާދުގެ ހަރަކާތްތައް ހިންގަން ޖެހޭ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. މިފަދަ ޒުވާނުން އެ މާހައުލަށް ތައްޔާރުވުމަށް ތަފާތު ޓްރޭނިންތައް ރާއްޖޭގައި ހިންގާ ކަމަށްވެސްވެ އެވެ. ނަތީޖާއަކަށް ވަނީ ބޮންގޮއްވުމާއި މީހުން ގަތުލު ކުރުމުގެ ހަރަކާތްތަކަކީ ޖިހާދުގެ ގޮތުގައި މިފަދަ ޒުވާނުންނަށް ބަލައިގަނެވުމެވެ.

އަޅާނުލާ ތިބެވޭ ވަރަށް ވުރެ ސީރިއަސް

ހައްދުފަހަނަ އެޅި ފިކުރު އެންމެ ބޮޑަށް ދެވި ހިފަނީ ކޮންމެސް މާޔޫސްކަމެއްގެ ތެރެއަށް ވަދެވި، ސަލާމަތް ނުވެވިފައިވާ ޒުވާނުން ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެފަދަ ޒުވާނުންނަށް މި ފިކުރު ތައާރަފްކޮށްދެނީ ކޮންމެވެސް ރަހުމަތްތެރިއެއް ނޫނީ ސޯޝަލް މީޑިއާގެ ވަސީލަތެވެ. ނޫނީ ބައެއް ފަހަރަށް މުޅިން އަލަށް ދިމާވެ ރަށްޓެހިކަން އުފެދޭ މީހުންގެ ކިބައިން ވެސް މި ފިކުރު ތައާރަފްވެ އެވެ. ހާއްސަކޮށް މީގެ ކުރިން ދީނީ ކަންކަމަށް މާބޮޑު ހޭލުންތެރިކަމެއް ނެތް މީހުން މިފަދަ ފިކުރުތަކުގެ ގެންދާލެއް ފަސޭހަ އެވެ. އެއީ އެފަދަ ފަރާތްތަކަށް މީގެ ކުރިން ދީނީ މާބޮޑު މައުލޫމާތެއް ނެތް އިރު، އަލަށް އެ މައުލޫމާތުތައް ތައާރަފްވުމުން އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެވެނީ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ޔާމީންގެ މަރާގުޅިގެން ފުލުހުން ހާާމަ ކުރި މައުލޫމާތުތަކުގައިވެސް ވާގޮތުގައި އޭނާގެ ގާތިލުން ކަމަށް ތުހުމަތުވާ މީހުންނަކީ ތައުލީމު ލިބިގެން ތިބި ބައެއް ނަމަވެސް ދީނީ ކަންކަމުގައި ވާހަކަ ދައްކައި ގޮބް ބުނެވޭވަރުގެ ތައުލީމެއް އެ މީހުންގެ ނެތެވެ. އެކަމަކު ފުލުހުން ބުނީ އެ މީހުން އެ އަމަލު ހިންގީ ދީނީ ޖަސްޓިފިކޭޝަނެއްގެ ތެރެއިން ކަމަށެވެ.

ޕާކިސްތާނާއި އަފްގާނިސްތާން އަދި ޔަމަނަށް ދަތުރުކޮށް ބޮޑެތި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ ބައެއް މީހުން އެނބުރި ރާއްޖެ އައިސް މިނިވަންކަމާ އެކު އެބަ އުޅެމުންދެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެމެރިކާގެ އިޓެލިޖެންސާއި ދިވެހި ފުލުހުން ވެސް ފާރަލަ އެވެ. އެކަމަކު އެކަށީގެންވާ ގޮތުގައި އެ މީހުން މޮނީޓާ ނުކުރެވުމުން އަނެއްކާ ވެސް ހައްދުފަހަނަ އެޅުމުގެ ފިކުރުތަކަށް މީހުން ރެކްރޫޓް ކުރުމުގައި އެފަދަ މީހުން ހަރަކާތްތެރިވާތަން ފެނިފައިވެ އެވެ. ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ، އެންމެންގެ އަމާޒު އެދިމާޔަށް ހުއްޓިފައިވާ އިރު ހައްދުފަހަނަ އެޅި ފިކުރުތަކުގެ މީހުން މި ފުރުސަތުގެފައިދާ ވަރަށް ވެސް ރަނގަޅަށް ނަގަ އެވެ. އެ މީހުންގެ އެ ފިކުރު އެހެން މީހުންނަށް ފަތުރާލައި އެ ބަޔަށް މީހުން ގިނަކޮށް މޮޅަތި ރޭވުންތައް ރާވަން މި ފުރުސަތު އެ މީހުން ބޭނުން ކުރެ އެވެ. އަދި މީގެ ތެރެއަށް ބައެއް ވިޔަފާރިވެރިން ވެސް ވަދެ، މައްސަލަ އިތުރަށް ނާޒުގު ކުރާކަމުގެ ތުހުމަތު ވެސް އޮވެ އެވެ.

ކޮންމެ ގޮތެއް ވިޔަސް ހައްދުފަހަނަ އެޅުމުގެ މި ވިހަޔަށް ފަރުވާއެއް ނުހޯދިއްޖެ ނަމަ، މީގެ ކުރިން ރާއްޖޭގައި ފެނުނު ފަދަ ބައެއް މަންޒަރުތައް އަނެއްކާ ވެސް ތަކުރާރުވެދާނެ އެވެ. މީގެ ކުރިން ސަލްޓަންޕާކްގައި ބޮމެއް ގޮއްވާލައި އިތުރު ބޮންތަކެއް ގޮއްވުމަށް ބަޔަކު މަސައްކަތް ކުރި އެވެ. އެފަހަރު ބައެއް ޓޫރިސްޓުންނަށް އަނިޔާވެ ރާއްޖޭގެ ޓޫރިޒަމް ބޮޑު އަޑިގަނޑަކަށް ވެއްޓުނެވެ. އަދި ހަމަ އެ ދުވަސްވަރު، ސަލާމަތީ ބާރުތަކާއި ހައްދުފަހަނަ އެޅި ފިކުރުގައި ތިބި ބަޔަކާ ދެމެދު ހިމަންދޫގައި ބޮޑު ކުރިމަތިލުމެއް ހިނގައި އެތައް ބައެއްގެ ލޭއޮހޮރިގެން ދިޔަ އެވެ. މިއީ ހަގީގަތުގައި ޓޫރިޒަމަށް ބިނާވެފައި އޮތް ރާއްޖެއަށް ތަހައްމަލް ކުރަން ފަސޭހަ ކަންކަމަކަށް ނުވާނެ އެވެ. އަހަރުމެންނަށް ހީނުކުރެވުނަސް ހައްދުފަހަ އެޅި ފިކުރު ފަތުރަން ބަޔަކު ތިބީ ފޫގަޅައިގެން އެވެ. އަދި އެ މީހުންގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބުކޮށް، އޭގެ ނުރައްކާ ވެސް މި އަންނަނީ ދުވަހެއް ދުވަހަކަށް ދިވެހިންގެ ބޯމަތިވަމުން އެވެ. މިއީ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް ގައުމީ މައްސަލައެއްގެ ގޮތުގައި މިވަނީ ބަދަލުވެފަ އެވެ.