ކުޅިވަރު

އިސްކޯ އާއި ޒިދާން ރެއާލްގެ ކޮންޓްރެކްޓް އާ ކޮށްފި

Aug 12, 2017

ރެއާލް މެޑްރިޑްގެ އެޓޭކިން މިޑްފީލްޑާ އިސްކޯ އާއި އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ އެއްބަސްވުން އާ ކޮށްފި ކަމަށް، ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިސްކޯ އާއި ޒިދާން ސޮއި ކުރި ކަމަކަށް، ރެއާލުން މިހާތަނަށް އިއުލާން ކޮށްފަ އެއް ނުވެ އެވެ. ސްޕެއިންއިން ލިބޭ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ، އިސްކޯ އާއި ޒިދާންގެ ކޮންޓްރެކްޓް އާ ކުރި ވާހަކަ އިއުލާން ކުރަން ރެއާލުން މަޑު ކުރަނީ ސްޕެނިޝް ލީގް ފެށެން ކައިރިވުމުން ކަމަށެވެ.

އިސްކޯ ސޮއި ކުރީ ފަސް އަހަރުގެ އެއްބަސް ވުމެއްގަ އެވެ. އަދި އޭނާގެ ކޮންޓްރެކްޓްގެ އަގު ބޮޑެވެ. އެހެން ޓީމަކުން އިސްކޯ ގެންދަން ބޭނުން ނަމަ، އިންތިހާ އަށް ބޮޑު އަަދެއް، ރެއާލްއަށް ހުށަހަޅަން ޖެހޭނެ އެވެ. އެހެން ޓީމަކުން ގެންދަން ބޭނުންވުމުން، އިސްކޯގެ ކޮންޓްރެކްޓް ބާތިލު ކުރާ އަގަކަށް ރެއާލުން ކަނޑައަޅާފައި ވަނީ 700 މިލިއަން ޔޫރޯ (12.735 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު) ހުށަހަޅަން ޖެހެ އެވެ.

ރެއާލްގެ އެހެން އެއްވެސް ކުޅުންތެރިޔެއް ދޫކޮށްލުމަށް 500 މިލިއަން ޔޫރޯ ވެސް އެ ޓީމުން ކަނޑައަޅާފަ އެއް ނުވެ އެވެ. އާ އެއްބަސްވުމުގެ ދަށުން، އިސްކޯގެ މުސާރަ އަށް ހަފުތާއަކު 105000 ޕައުންޑް (1.9 މިލިއަން ރުފިޔާ އަށްވުރެ ބޮޑު) ލިބިގެން ދާނެ އެވެ.

ޒިދާން، ރެއާލްއާ އެކު ސޮއި ކުރީ، ތިން އަހަރުގެ އެއްބަސް ވުމެއްގަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސް 'އޭއެސް' އިން ބުނެފައި ވަނީ، ތިން އަހަރުގެ އެއްބަސްވުމާ މެދު ޒިދާން ހިތް ހަމަޖެހޭ ކަމަށެވެ. މިހާރު ޒިދާން އަށް މުސާރައިގެ ގޮތުގައި ލިބެނީ އަހަރަކު 4.35 މިލިއަން ޔޫރޯ އެވެ. ނަމަވެސް އާ އެއްބަސްވުމުގެ ދަށުން، ޒިދާންގެ މުސާރަ ދެގުނަ ވެގެން ދާނެ އެވެ. އެގޮތުން ޒިދާން އަށް އަހަރަކު އަށް މިލިއަން ޔޫރޯ ދޭނެ ކަމަށް އޭއެސް އިން ބުނެފައި ވެއެވެ.

ރެއާލްގެ ބޯޑުން، ޒިދާންއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު، ރެއާލްގެ ކޯޗަކަށް، ޒިދާން ގެނައީ އޭރު ކޯޗަކަށް ހުރި، ރަފާ ބެނިޓޭޒް ވަކި ކުރުމަށް ފަހު އެވެ. އެހެންވެ، ރެއާލްގެ މެނޭޖްމެންޓުން ދެކުނު ގޮތުގައި، ޒިދާންއާ ކޯޗްކަން ހަވާލު ކުރުމީ ރިސްކެކެވެ. ނަމަވެސް، ޒިދާން އައިސް ރެއާލް އަށް ކާމިޔާބު ހޯދަން، ފެށުމުން ރެއާލްގެ މެނޭޖެމެންޓުން ޒިދާންއާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ޖެހުން އެބައޮތެވެ.

ޒިދާން، ރެއާލް އަށް ހޯދައިދިން ހަ ތައްޓާއެކު، އޭނާ މިހާރު ވެފައި ވަނީ، ރެއާލްގެ ހަޔާތުގައި ފެނުނު، ހަތަރު ވަނަ އަށް އެންމެ ކާމިޔާބު ކޯޗަށެވެ.