ވާހަކަ

މުޅިޖާންހިތާ

(10 އޯގަސްޓް 2017 އާ ގުޅޭ) -- "ބައްޕާ..." ހާމަފެންޑާގައި ހުރި މޭޒު ދޮށުގައި އިން ޤައިސްއަށް ލޫކަން ގޮވާލިއެވެ. އެއާއެކު ގޮނޑީގައި އިނދެފައި ފަހަތަށް އެނބުރި ޤައިސް ބަލާލިއެވެ. އޭނާގެ ކުރިމަތީގައި އިން ރުބީނާއަށް ވެސް ބަލާލެވުނީ ދާދި ދެންމެ އެ އިވުނީ ލޫކަންގެ އަޑުކަން ޔަގީންކޮށްލުމަށެވެ.

ޤައިސްގެ މޫނުން އުފާވެރިކަން ފާޅުވެގެން ދިޔައިރު ރުބީނާގެ މުޅި ނަފްސު ސިއްސުވާލާވަރުގެ ބިރުވެރިކަމެއް އޭނާއަށް ލައިގަތް ކަހަލައެވެ. އުފާވުމުގެ ބަދަލުގައި މޫނު ކުނިކޮށްލެވުމާއެކު ދަތްކުނޑިވިކައިގަނެވުނެވެ. ހަމައެއާއެކު މީހާ ސުވާލުތަކުން ފުރިގެންދިޔައެވެ. ފަރާތް ފަރާތަށް ބަލާލެވުނީ ލޫކަން އައީ އެކަނިތޯ ބަލާލުމަށެވެ. އޭނާ އައިސް ޤައިސްގެ އެދުމަށް މޭޒު ދޮށުގައި އިށީނެވެ. ލޫކަންއާއެކު އިތުރު މީހަކު ހުރިނަމަ އޭނާ އެހާ ފަސޭހައިން އައިސް ނީށީންނާނޭކަން ރުބީނާ ދެނެގަތެވެ.

"ރޫބީ! ދޭބަލަ ލޫކަށް ކޮފީއެއް ފޮނުވާށޭ ބުނެލާން" ހަމަޖެހިލާފައި އިން ޤައިސް އެދުނެވެ.

"ޑޭޑްއަށް އެނގޭތަ؟ އަޅުގަނޑަށް ލޯބިވެވިއްޖެ... ޑޭޑްގެ މި ދަރިފުޅަށް ލޯބިވެވިއްޖެ" ރުބީނާ ލޯމަތިން ގެއްލުމާއެކު ލޫކް ބުންޏެވެ.

"ވަޓް..." ހިނިއައިސްފައި ވާހަކަދެއްކި ލޫކަންގެ ސަބަބުން ސައިޖޯޑުގައި ތުންޖެހި ޤައިސް ކޮށި އަރާ ގޮތްވިއެވެ. އެހާ ހާމަކަން ބޮޑު ގޮތަކަށް ލޫކަން އެފަދަ ވާހަކައެއް ދައްކާނެއެކޭ ޤައިސް ހިޔެއްނުކުރެއެވެ.

"ހަމަ ތެދެއް މިބުނީ... މި ވާހަކަ ބުނާނޭ ގޮތެއް ނޭނގިގެން ވިސްނާތާ ދުވަސްކޮޅެއްވެއްޖެ. އެކަމަކު ހިތަށް އެރީ ޑޭޑްއާ ބައްދަލުވީމާ އިތުރަށް ދެން ލަހެއް ނުކުރާނަމޭ. ހިތުގައި އޮތް އެއްޗެއް އޮތް ގޮތަށް ބުނާނީއޭ... ޑޭޑް އަންޑަސްޓޭންޑް ވާނޭކަން ޔަގީނޭ" ލޫކަންއަށް ބަދަލުތަކެއް އަތުވެއްޖެކަން ޤައިސް ދެނެގަތެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމާއި ފަނޑުވުމެއްނުވާ ހިނިތުންވުމާ ގުޅުމެއްވާކަން ޔަގީންވީ އަދި ކިރިޔާއެވެ.

"ޒަވާޖީ ހަޔާތެއް ފެށުމާ މެދު އެންމެ ފަހުން ދަރިފުޅު ވިސްނީތާ... ކޮންއިރަކުން ބައްޕައާ ތިހާ ލޯބިވާ ކުއްޖާއާ ބައްދަލުކޮށްދޭނީ" ޤައިސް ވެސް އިނީ ނިކަން ހިނިއައިސްފައެވެ.

"ޑޭޑް! އަޅުގަނޑު ބޭނުންވަނީ އަވަހަށް ކައިވެނިކުރާން. އެހާ އުނދަގުލުން އެއްބަސްކުރެވުނީ... އޭނާގެ ޚިޔާލު ބަދަލުނުވަނީސް އަވަހަށް ހުރިހާ ކަމެއް ނިންމާން ބޭނުންވަނީ. ފާޑެއްގެ ކުއްޖެއްވިއްޔާ. އެކަމަކު ބުނަން... ޝީޒް ދަ ބެސްޓް. އަޅުގަނޑު ބުނީމެއްނު އަޅުގަނޑަށް ކުއްޖަކު ކަމުގޮސްފިނަމަ އެ ކުއްޖާ ޔަގީނުން ވެސް ވަރަށް ޚާއްޞަވާނެއޭ"

"ތިކަމާ ބައްޕަ ދެބަހެއްނުވާނަން. ލޫކަންގެ ހޮވުން ތަފާތުވާނޭކަން އެއީ ކުރީން ވެސް ބައްޕައަށް އެނގޭކަމެއް. ދެން އިތުރަށް ތަޢުރީފުނުކޮށް އަވަހަށް ބައްޕައާ ބައްދަލުކޮށްދޭން އުޅޭ... މިގެއަށް ކޮން ދުވަހަކުން ގެންނާނީ"

"ވަރަށް އަވަހަށް..." ލާނެތް ހުނުމަކާއެކު ލޫކަން ބުންޏެވެ. އޭނާ ވަކި ދުވަހެއް ކަނޑައެޅިގެން ޤައިސްގެ ގާތުގައި ނުބުނީ ގަސްދުގައެވެ. ރުބީނާގެ ކަންފަތާ ހަމައަށް އޭނާ ދެއްކި ހުރިހާ ވާހަކައެއް ހިނގައިދާނޭ ކަމުގެ ފުރުޞަތު އޮތީމައެވެ. މިހާރު އޭނާއަށް އިވިއްޖެނަމަ ހުންނާނީ ސުވާލު އުފެދިފައެވެ. ލޫކަން އިންނާން އުޅެނީ ކާކުކަމެއް ނޭނގޭތީއެވެ. ކުރީބައިގައި މޮޅެތި ރޭވުންތަކެއް ރާވާނޭ ފުރުޞަތެއް ރުބީނާއަކަށް ނުލިބޭނެއެވެ. އެހެންވެ ނިކަން ވިސްނުންތެރިކަމާއެކު ލޫކަން ނިންމި ނިންމުމެކެވެ.

"މިރޭ ޑޭޑްއާއެކު ބޭރަށް ގޮސްލާން ކަމަށް މި ވިސްނަނީ. ބިޒީވާނެތަ މިރޭ..." ލޫކަން މިހެން އަހާލި އިރު ރުބީނާ ތަބަކެއްގައި ކޮފީޖޯޑު ބަހައްޓައިގެން އެމީހުންގެ ގާތަށް އަންނަނީއެވެ. ޤައިސް އެއްޗެއް ބުނާން އުޅެފައި ވެސް ރުބީނާ ފެނުމުން އޭނާއަށް ގޮތްތަކެއްވެއްޖެކަން ލޫކަން އެ ކުޑަވަގުތުކޮޅުގެ ތެރޭގައި ވެސް ދެނެގަތެވެ.

"އާން! މިރޭ... މިރެއަކު ނޫން. މީހަކާ ބައްދަލުކޮށްލަން މިރޭ އެބަޖެހޭ. މާދަމާ ރޭ ރަނގަޅުވާނެ. ބައްޕަ ވެސް އެބަ ގަސްދުކުރާން ޗުއްޓީއެއް ނަގަން. ލޫކްއާއެކު ގޭގައި ވަގުތު ހޭދަކޮށްލަން ކަމަށް" ޤައިސްގެ ވާހަކައިގައި އަޅައިގަތުމެއް ހުއްޓެވެ. ނަމަވެސް އޭނާ މައުޟޫޢު އެހެން ދިމާއަކަށް ބަދަލުކޮށްލުމާއެކު އިހު ހުރި ޖެހިލުންވުން ކެނޑިއްޖެއެވެ.

"ޒޭން ބުނި މަސްދަތުރަކާއި ބާބެކިއުއެއް ހުޅުމާލޭގައި ބާއްވަން"

"އައްދޭ! ތީ ވަރަށް ރަނގަޅު ޚިޔާލެއް" ޤައިސް ދަރިފުޅާ އެއްބަސްވެލިއެވެ.

ރުބީނާ އިނީ ދެބަފައިންގެ ވާހަކަ ކަނުލާ އަޑު އަހާށެވެ. ނަމަވެސް އޭނާ އުންމީދު ކުރި ފަދަ ބަދަލުތަކެއް ލޫކަންގެ ފަރާތުން ނުފެނުނެވެ. ދެބަފައިން ވާހަކައިގައި ތިބެ ސައިބޮއެ ނިންމާފައި ތެދުވިއިރު ވެސް އެތަނުގައި ރުބީނާ އިންކަން އެމީހުންނަށް ފާހަގަނުވާ ކަހަލައެވެ. ހާމަފެންޑާއިން ފައިބައިގެން ދިޔައީ ވެސް ދެބަފައިން އެކީގައެވެ. ރުބީނާގެ ގާތުގައި ޤައިސް ވަކި އެއްޗެއް ނުވެސް ބުނެއެވެ. އެމީހުން ދިއުމާއެކު ރުބީނާ ދުވެފައި އައިސް ދޮރުކައިރި ބަލާ ޔަގީން ކުރިއެވެ. ޤައިސްއާއި ލޫކަން ފެންނާން ނެތުމުން އަވަހަށް ފޯނު ނަގާ ހިދާއަށް ގުޅިއެވެ.

"އޭތް! ލޫކަން އަތުވެއްޖެ... އައިރާއެއް ނުގެނޭ" ހިދާ ކޯލަށް ޖަވާބު ދިނުމާއެކު ރުބީނާ ބުނެލީ ބިރުގެންފައި ހުރި މީހަކު ފަދައިންނެވެ.

"ތިވީ މާ ރަނގަޅަކައްނު. އޭނާ އެއްވެސް އެއްޗެއް ރޫބީއާ ދިމާއަށް ބުނެފިތަ؟"

"ނުބުނޭ. ހީވަނީ ވަރަށް ހަމަޖެހިފައި ހުރިހެން... ޤައިސް ވެސް ދަރިފުޅު އައީމަ ވާހަކަދެއްކުމުގެ ރާގު އެއްކޮށް ބަދަލުވެއްޖެ. އަހަރެން ހިތަށް އަރާ އައިރާ ކޮބައިބާއޭ؟" ރުބީނާގެ ހިތުގައިވާ ބޮޑު ސުވާލުކޮށްލިއެވެ.

"އައިރާ ކޮންމެތާކުވިޔަސް ދެން އަޅާލާނެކަމެއްނެތް. ރޫބީ! އެއްވެސް ކަމެއް އެނގޭ ކަމަށް ވެސް ހަދާނޭކަމެއްނެތް. ލޫކަންއާ ދެބަސްނުވާތި. ޤައިސްއާ ވެސް ސުވާލެއްނުކުރާތި... މިހާރު މީ އެމީހުން ކުރާކަމެއް ބަލާން މަޑުން އިންނާންވީ ވަގުތު. އައިރާ ތިގެއަށް ނުގެންނަންޏާ އަދި ވަކިން ރަނގަޅެއްނު. އޭރުން ދުވަސްކޮޅަކުން ތިކަންތައްގަނޑު ބޮޑުކަމަކަށްނުވެ ހިނދިދާނެ"

"އެހެންވާން މިހާރު އަހަރެން ވެސް ބޭނުމީ. ސަލްމާ ވެސް މިއަދު ގުޅީމާ ފޯނެއް ނުނަގާ. މެސެޖުކޮށްފައި އޮތް އޭނާއަށް ވަރަށް ބޮޑަށް މާފުކުރާށޯ. އަހަންނަށް ދެރައެއްދޭކަށް އޭނާ އެއްވެސް އިރަކު ނުވިސްނަމޯ... ދެން ނޭނގެ. އަހަންނަކަށް ނޭނގުނު އޭނާ އެ ކީ ބަނދިވަރެއް" ރުބީނާ ފޫހި ގޮތަކަށް ބުނެލިއެވެ.

"ބަހައްޓާ! އޭނާ ކިޔާހާ އެއްޗަކަށް އަޅާލާނޭކަމެއްނެތް. ދެން ބަލަންވީ ޤައިސްއާއި ލޫކަން ހަމައަކަށް އެޅުވޭތޯ" ހިދާ ބުންޏެވެ.

"އާން! އަހަރެން ފަހުން ގުޅާނަން... މި ދުވަސްކޮޅު އެ ދެބަފައިން ދައްކާ ވާހަކަތައް ޖެހޭނެ ނިކަން ފަރުވާތެރިވެ އަޑުއަހާން. މިގޭތެރޭގައި ހިނގާ ކަންކަން އެނގިގެން ނޫނީ އަހަންނަށް ވެސް ކުރިއަކަށް ދެން ފިޔަވަޅެއް ނޭޅޭނެ. ދެން ބޭއްވީ އިނގޭ" ރުބީނާ ފޯނުކޯލު ކުރުކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. ސުވާލުތަކުގެ ޖަވާބު ލިބިގެން ނޫނީ އޭނާއަށް ހިންދެމިއެއް ނުލެވޭނެއެވެ.

އިޝާ ނަމާދުން ގެއަށް އައި ޤައިސް ތައްޔާރުވަމުން ދިޔައީ ބޭރަށް ދިއުމަށެވެ. ޤައިސްގެ ހަރަކާތްތަކަށް ބަލާން އެނދުގައި ރުބީނާ އިނެވެ. ޤައިސް އަންނާނީ ކައިގެން ކަމުގައި ބުނެލުން ފިޔަވާ އިތުރު އެއްޗެއް ޤައިސް ނުބުނެއެވެ. ނަމަވެސް ޤައިސްގެ ސިކުނޑީގައި އެތައް ވާހަކައެއް ދެކެވެމުންދިޔައެވެ. މިރޭ އޭނާއަށް ރުބީނާއާ ގުޅިފައިވާ ވަރަށް ބޮޑު ކަމެއް އެނގޭނެއެވެ. ބޭރަށް އެ ދަނީ ވަޖީހުގެ އެދުމަކަށެވެ. އޭނާއަށް ކަމެއް އެނގުނީއެވެ. ރުބީނާގެ ގާތުގައި އެއްވެސް އެއްޗެއް ނުބުނާން ބުނީ ވެސް ޚުދު ވަޖީހެވެ. ލޫކަންގެ ގާތުގައި ވެސް ތެދު ހާމަކުރާން އުނދަގޫވީ އެހެންވެއެވެ.

"ލޫކް! ބައްޕަ ދާން މިދަނީ... ދަރިފުޅު ކައިގެން ހުންނައްޗޭ" ޤައިސް ނުކުމެގެން ދަމުން ލޫކަންގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުންޏެވެ. އޭރު ލޫކަން ވެސް ހުރީ ފޯނެއްގައެވެ. އެހެންވިޔަސް ޤައިސް ބުނި އެއްޗަކަށް އޭނާ ބޯޖަހާލިއެވެ.

ހުޅުމާލޭގެ ބޮޑެތި ރެސްޓޯރެންޓުތަކުން އާންމުކޮށް ޤައިސްއާއި ވަޖީހު ބައްދަލުކުރާ ރެސްޓޯރެންޓުގެ ހާމަފެންޑާގައި ފާރުބުރިއާ އެންމެ ކައިރީން މޭޒެއްގައި ތިއްބެވެ. ދެމީހުން ވެސް ފުރަތަމަ ކަމަކަށް ކެއުމަށް އޯޑަރު ދިނީއެވެ. ވަޖީހު އެދުނީ ފުރަތަމަ ކެއުމަށެވެ. އޭނާ ދައްކަން އުޅޭ ވާހަކަ އިވިފައި ޤައިސްގެ މިރޭގެ ކެއުން ވެސް ހަރާބުވެގެން ހިނގައިދާނޭހެން ހީވާތީއެވެ. އެވަގުތު ކޮޅުގެ ތެރޭގައި ލޫކަންގެ ވާހަކަ ޤައިސް ދެއްކިއެވެ. އޭނާ ޒަވާޖީ ހަޔާތެއް ފަށާން ވިސްނުމަކީ ޤައިސް ދެކެމުންއައި ހުވަފެނެކެވެ. އެކަން ވެސް ދެން ގިނަ ދުވަހެއްނުވެ ފުރިހަމަވެދާނޭކަން އެނގޭތީ ޤައިސް އިނީ ވަރަށް އުފަލުންނެވެ.

ކައި ނިންމާފައި ތަށިތައް ފޮނުވާލުމާއެކު ހޫނު ކޮފީއެއް ގެނައެވެ. ވަޖީހުގެ އަސްލު މައުޟޫޢުއަށް ދިޔައީ ދެނެވެ. އޭނާ ޤައިސްއަށް ބަލާލީ ކަންބޮޑުމުގެ ނަޒަރަކުންނެވެ. ވާހަކަ ފަށާނޭކޮޅެއް ނޭނގިފައި އިން ކަހަލައެވެ. ނަމަވެސް ދޫކޮށްލި ފިނިނޭވާއަކާއެކު ޤައިސްއަށް ވަޖީހު ގޮވާލިއެވެ.

"އަޅުގަނޑު މިއަދު ވަރަށް ދެރަވޭ... ރުބީނާއަކީ އަޅުގަނޑު ޤައިސްއާ ބައްދަލުކުރުވި އަންހެނެއް. އޭރު ހަޤީޤަތް ވެސް ނޭނގުނީ. ސަލް ވެސް ބާރު އެޅިވަރުން އެކަން އެހެން އެވީ"

"ރުބީނާ ކިހިނެއްތަވީ؟ އަޅުގަނޑަށް ނޭނގޭކަމެއް އޮތިއްޔާ ނިކަން ކިޔައިދީބަލަ" ޤައިސްގެ ހުރިހާ ސަމާލުކަމެއް ވަނީ ވަޖީހަށް ހުއްޓިފައެވެ.

"ރުބީނާގެ ކުރީގެ ދިރިއުޅުމާ ބެހޭ ގޮތުން ސުވާލެއްނުކުރީ އަޅުގަނޑަށް އިތުބާރުކޮށްފަކަން އެނގޭ. އަޅުގަނޑު ވެސް އެހާވަރުން އަޅާނުލީ ސަލްގެ ރަޙުމަތްތެރިއަކަށްވީމަ. އޭނާއަކީ އަޅުގަނޑު ހީކުރި ވަރަށްވުރެ ރަޙުމު ކުޑަ އަންހެނެއް. ޤައިސްގެ ވާހަކަ އެދުވަހު އަހާފައި ފުރަތަމަ ފަހަރަށް ރުބީނާއާ މެދު ސުވާލު އުފެދުނީ. ތަންކޮޅެއް ރަނގަޅަށް އެއީ ކާކުކަން ބަލާން އަޅުގަނޑު ބޭނުންވީ. އޭނާގެ ސަބަބުން ޤައިސްގެ ދިރިއުޅުމަށް އަތުވެދާނެ ކޮޅިގަނޑަކަށް ވިސްނާފައި"

"ވަޖީހު... އޭނާ ކުރީ ކޮންކަމެއްތަ؟ އަޅުގަނޑަށް އޮޅުވާލާ ދޮގު ހެދީތަ؟ ސާފުކޮށް ކިޔައިދީބަލަ... މިކަމުގައި އަޅުގަނޑު ވަޖީހު ކުށްވެރިއެއްނުކުރާނަން. އަޅުގަނޑު ވެސް ރުބީނާއާ ކައިވެނި ކުރުމުގެ ކުރީން އޭނާގެ ހަޤީޤަތް ބަލާލުން ރަނގަޅުތާ. ހެޔޮނުވާނެ! ވަޖީހަށް އެނގޭ ކަމެއްވިއްޔާ އަޅުގަނޑަށް ކިޔައިދީ" ޤައިސްގެ ކެތްތެރިކަން ކުޑަވެފައި ހުރިވަރު ހާމަވެގެންދިޔައެވެ.

ވަޖީހުގެ އަންހެނުން ސަލްމާގެ ފުށުން ރުބީނާއާ ބެހޭ ހުރިހާ ކަމެއް އޭނާ ވަނީ އޮޅުން ފިލުވާފައެވެ. ރުބީނާގެ ފުރަތަމަ ކައިވެންޏާ ހަމައިން ޤައިސްއަށް ވަޖީހު އޮޅުން ފިލުވައިދެމުންދިޔައެވެ. ފުރަތަމަ ކައިވެނި ރޫޅުނު ނަމަވެސް ދަރީންނަށް ޓަކައި ފިރިމީހާގެ ގޭގައި ރުބީނާ ބަހައްޓާފައި ހުރީކަމެވެ. އަދި ރުބީނާގެ ދޮށީ ފިރިހެން ދަރިފުޅާއި މައުރީންގެ ވާހަކައެވެ. އޮފީސް މަސައްކަތުގައި އަތޮޅުތެރޭގައި އުޅެމުން ރަށްފުށުގެ ކުއްޖަކާ ކައިވެނިކޮށްގެން ގެއަށް ގެނައުމާއެކު ގޭތެރޭގެ މަޞްލަޙަތު ގެއްލިގެން ދިޔަ ގޮތެވެ. ޅީދަރިފުޅު ދެކެ ރުބީނާ އަންނަ ރުޅިއެވެ. ނަމަވެސް ފިރިހެން ދަރިފުޅާ ހެދި ޅީދަރިފުޅަށް ގޮތެއް ހަދާން ނުކެރިފައި ހުރީ ކަމެވެ. ރުބީނާގެ ފިރިހެން ދަރިފުޅު ނިޔާވި ގޮތަކީ ޤައިސްއަށް ވެސް އެނގޭ ވާހަކައެކެވެ. އެހެންނަމަވެސް ނޭނގި އޮތީ އެ ފިރިހެންދަރިފުޅު އިނދެގެން އުޅުނު އަންހެންކުއްޖާއަށް ވީ ގޮތެވެ. އެކަން ވެސް ވަޖީހު އޮޅުންފިލުވާ ދިނެވެ. ފިރިމީހާ ނިޔާވިއިރު ބަލިވެ އިން އައިރާއަށް ރުބީނާ ޖެއްސި ހާލެވެ. އެންމެނަށް އޮޅުވާލައިގެން ޤައިސްގެ ގެއަށް އެ އަންހެންކުއްޖާ ގެނެސްގެން ގެންގުޅުނު ގޮތެވެ. މި ހުރިހާ ވާހަކައެއް އަޑުއަހާން އިން ޤައިސްއަށް ބޭއިޚްތިޔާރުގައި އޭނާގެ ތުނބުޅިމަތިމަތުގައި އަތްހާކާލެވުނެވެ.

"ސުބުޙާނައްﷲ! އަޅުގަނޑުގެ ގޭގައިތަ އެކަމެއް ކުރާން އެނގުނީ.... މިހާރު އެކުއްޖާ ކޮބާ؟ އެހެންވެގެން ދޯ ރުބީނާ އެވަރަކުން އެ އަންހެންކުއްޖާ ވީތަނެއް އެ ހޯދަނީ... ކީކޭ ބުނާނީ. ބަލިވެ އިންދާ އެފަދަ އިހާނެތިކޮށް ކަންތައްކުރާކަށް ހެޔޮވެސް ނުވާނެއެއްނު"

"އެކަކަށް ވެސް ނޭނގޭ އެކުއްޖާ ވީތަނެއް. ސަލްގެ ފަރާތުން އެނގުނު ގޮތުގައި ރުބީނާއާއި އެ އަންހެންކުއްޖާގެ ދެމެދަށް ލޫކަން ވަންކަމަށްވަނީ. އަޅުގަނޑަށް ހީވަނީ ލޫކަންއަށް މިކަމުގެ ކޮންމެވެސް ވަރެއް އެނގޭހެން" ވަޖީހު ބުންޏެވެ. ޤައިސްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ރުބީނާގެ ރީތި ސިފައިގެ ފުރަގަހުގައި އެފަދަ ރަޙުމުކުޑަ ކަމެއް ފޮރުވިފައިވެދާނޭ އޭނާ ކުޑަކޮށް ވެސް ހިޔެއްނުކުރެއެވެ. ބޯގޮވާފައި އިން މީހަކުހެން މޭޒުގައި ވިއްދާލައިގެން އިން ކަނާތުން ނިތްކުރީގައި އިނގިލި ހިންގިލާއެވެ.

"ވަރަށް ވިސްނާފައި ނޫނީ ޤައިސް ފިޔަވަޅެއް ނުނަގާތި. އަޅުގަނޑުގެ ޚިޔާލަކީ ލޫކަންއަށް އެނގޭ މިންވަރެއް ވެސް ހޯދުން. އަދި ރުބީނާގެ ދުލުން ހުރިހާ ހަޤީޤަތެއް ފާޅުކުރުވުން"

"އަޅުގަނޑު ބޭނުންވަނީ އޭނާ އެފަދަ ދަށުދަރަޖައަކަށް ޢަމަލުތައް ބަހައްޓާން ޖެހުނު ސަބަބު އެނގޭން. ހުވަފަތްވެފައި އިންއިރު އެ އަންހެންކުއްޖާ އިނީ އޭނާގެ މާމަދަރިއަކަށް ބަލިވެއެއް ނޫންތަ..."

"ރުބީނާ ރާވާފައި އޮތީ އެ އަންހެންކުއްޖާ ވިހޭމާ ދަރިފުޅު އަތުލާފައި ފޮނުވާލަން. އެހެންވެ އެހާ ފޮރުވައިގެން ގެންގުޅުނީ" ވަޖީހު އިތުރުކަމެއް ހާމަކުރިއެވެ. އެއާއެކު ޤައިސް ބަސްހުއްޓި ދެ ލޯ ބޮޑުކޮށްލިއެވެ.

"އަޅުގަނޑުގެ ގާތުގައި ދައްކާފައި ހުރި ވާހަކަ ވަޖީހަށް އެނގޭނެ. ފާޅުކޮށް އެވަރުގެ ބޮޑު ދޮގުތަކެއް ރުބީނާ ހެދިއިރު އޭނާ ކުޑަކޮށް ވެސް ޖެހިލުމެއްނުވިތާ... ހިތަށްނޭރި އެ ދޮގުތައް ފަޅާއަރާފާނެއޭ... އެހެންނޫނަސް ހެއްދި ފަރާތަށް ބިރުވެތިވިނަމަ... އަޅުގަނޑުގެ ސިކުނޑި ފަޅައިގެން ހިނގައިދާނެހެން ހީވަނީ. އަޅުގަނޑު ދުވަހަކު ވެސް ނޯންނާނެ މީހަކަށް ދެރައެއްދީފައި. އަމިއްލަ ގޭގައި އެފަދަ ރަޙުމުކުޑަ ޢަމަލެއް ހިނގަމުންދިޔައިރު އަޅުގަނޑު ހުރީ ނޭނގުމެއްގެ ތެރޭގައި... އެހެންވިޔަސް... އެ އަންހެންކުއްޖާ ހީކުރާނީ ކީކޭ... ރުބީނާއަށް އެހެން ކަންތައް އެ ކުރެވުނީ އެކަމުގައި އަޅުގަނޑު ވެސް ޝާމިލުވާތީއޭ ނޫންތަ؟ ރުބީނާ! ކީއްތިކުރީ؟ ކުރި އިތުބާރު ހިނދުކޮޅެއްގެ ތެރޭ ގެއްލިގެން ހިނގައްޖެ... ދެން ނޭނގެ ދުވަހަކު ވެސް އިތުބާރުކުރެވޭނެކަމެއް"

"ޤައިސް! އަޅުގަނޑުގެ ސަބަބުން ގޯހެއް ހެދިފައި މިވަނީ. މިހާރު ތި އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި... މިވަގުތު ގެއަށް ގޮސް ރުބީނާއާ ކުރިމަތި ލައިފިނަމަ ރަނގަޅު ނިންމުމެއް ނުނިންމޭނެ. ހަމަޖެހިގެން ލޫކްއާ ވެސް ވާހަކަދައްކާފައި ޤައިސްއަށް ފެންނަ ކޮންމެ ނިންމުމެއް ނިންމަންވީ"

"ވަޖީހު ހާސްނުވޭ. އަޅުގަނޑަކީ ތިހާ ނުވިސްނޭ މީހެއްނޫން. އަޅުގަނޑު ގޮތެއް ނިންމާނީ ހަމަހޭގައި ހުރެ ވަރަށް ވިސްނާފައި"

ވަޖީހުއާއި ޤައިސް ރެސްޓޯރެންޓުން ނުކުތް އިރު ދިހަގަޑި ބައިވެއްޖެއެވެ. ޤައިސްގެ ކާރުގައި ވަޖީހު ގެންގޮސް ލާންޗު އޮތް ސަރަޙައްދަށް ބޭލިއެވެ. ޤައިސް ގެއަށް އައީ އޭގެ ފަހުގައެވެ. ގިނަ ވަގުތު ހިމޭންކަން ވެރިވެފައި އޮންނަ ގޭގެ ބޮޑުކޮޓަރީގައި ރުބީނާ ޓީވީ ބަލާން އިނެވެ. އޭނާ ފެނުމުން ހުއްޓެވުނެއްކަމަކު ޤައިސްގެ މޫނުމަތިން ނުރުހުމުގެ އަސަރު އިތުރުވެގެންދިޔައެވެ. އެހެންވެ ހަލުވިކޮށް ސިޑިން އަރައިގެން ދިޔައީއެވެ. ޤައިސްއާ ވާހަކަދައްކަން ހިނިތުންވެލާފައި ތެދުވި ރުބީނާ ގަބުވެފައި ހުރީ ޤައިސްއަށް ވީގޮތެއް ނޭނގޭތީއެވެ. އޭނާ ވެސް ހަލުވި ފިޔަވަޅުގައި ޤައިސްގެ ފަހަތުން އައެވެ.

"މިރޭ ކަމެއް ދިމާވީތަ؟" ކޮޓަރިއަށް ވަން ގޮތަށް ރުބީނާ އަހާލީ ލޯތްބާއެކުއެވެ.

"އަޅުގަނޑަށް ރަނގަޅީ މިރޭ އުނދަގޫނުކުރިއްޔާ. ވަރަށް ބޮލުގައި އެބަރިއްސާ... ވަރަށް ރަނގަޅު ދޮރުލައްޕާލާފައި އިހަށް މިތަނުން ރުބީނާ ދިޔައީވިއްޔާ" ޤައިސްގެ ރާގު ހުރި ގޮތުންނާއި ރުބީނާގެ ފުރިހަމަ ނަން ބޭނުންކުރުމުން ކޮންމެވެސް ކަމެއް ޤައިސްއަށް ވެއްޖެހެން ރުބީނާއަށް ޝައްކުކުރެވުނެވެ. ޤައިސް ދުވަހަކު ވެސް އަމުރުކުރާ ގޮތަށް ރުބީނާއާ ވާހަކައެއް ނުދައްކައެވެ. ސިކުނޑީގެ ހަމަޖެހުން ސުވާލުތަކުން ގެއްލެމުންދިޔަ ހާލު ރުބީނާ މަޑުމަޑުން ކޮޓަރީން ނުކުތެވެ. ޤައިސް ހެދުން ބަދަލުކޮށްނުލާ އެނދުގައި އޮށޯވެލާ ނިތުގައި އެއްއަތް ބާއްވާލައިގެން މީހާ ހަމަޖެހެން މަސައްކަތްކުރިއެވެ.

* * * *

"ހަމަޖެހިބަލަ! އައިރާ ހާސްނުވެބަލަ... ރުބީނާއަކަށް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް" ފޯނުގައި ހުރެ ލޫކަން ބުންޏެވެ. ގެއަށް އައި ފަހުން އޭނާ އިރުއިރުކޮޅާ އައިރާއަށް ގުޅާލައެވެ. ދެމައިންގެ ހާލު އަހާލައެވެ.

ލޫކަން ގަސްދުކޮށްފައި އޮތީ ޖެހިގެން އަންނަ ދުވަހު އައިރާ ގެއަށް ގެނައުމަށެވެ. ޤައިސްއާ ބައްދަލުކުރުވުމަށެވެ. ޔަގީނުން ވެސް އައިރާ ފެނުމާއެކު ރުބީނާ ދުވަހު ވެސް ނުސިހޭވަރަށް ސިހޭނޭކަން ލޫކަންއަށް އެނގެއެވެ. އޭނާ ބޭނުންވަނީ ވެސް އެގޮތެވެ.

"ބައްޕައަށް ހުރިހާކަމެއް އޭރުން އެނގޭނެ. ރުބީނާ ހީކުރަނީ ދުނިޔޭގައި މުޅި އުމުރަށް މަކަރާއި ހީލަތުގައި އުޅެވިދާނެއޭ. އޭނާގެ ނިމުން ގާތްވެއްޖެ... ހުރިހާ ހަޤީޤަތެއް ބައްޕައަށް އެނގުމުން އޭނާއަކީ ކިހާ ރަޙުމުކުޑަ އަންހެނެއްކަން އެނގޭނެ. މިފަހަރު ނޯންނާނެ ދެއްކޭނެ އެއްވެސް ބަހަނާއެއް. ބައްޕައަށް ޖެހޭނީ ކުރިމަތިން ފެންނަ ހަޤީޤަތް ޤަބޫލުކުރާން. އައިރާއަކީ ރުބީނާ އެބުނާ ކަހަލަ އަންހެންކުއްޖެއްނޫންކަން އަހަރެން ސާބިތުކުރާނަން. މި ތަނަވަސްކަމާއި ފަސޭހަ ދިރިއުޅުން ކުޑަކޮށް ވެސް ރުބީނާއަށް ހައްޤެއްނޫން... އޭނާ ބައްޕައަށް އޮޅުވާލީއިރު އޭނާއަށް ނޭނގޭ އެއީ ބައްޕަ އެންމެ ނަފުރަތުކުރރާ ސިފަކަމެއް. ދޮގު ހަދާ އޮޅުވާލާ މީހުންދެކެ ބައްޕަ އިންތިހާއަށް ނަފުރަތުކުރާނެ. މީހުންނަށް ގެއްލުންދޭން އުޅޭ މީހުންދެކެ ވެސް... ރުބީނާ! ތައްޔާރުވެގެން ހުރޭ..." ފޯނުކޯލު ނިންމާލާފައި ލޫކަން އަމިއްލައަށް އަޑުއިވޭ ވަރަށް ވާހަކަދެއްކިއެވެ. އަދި ޔަގީންކަމާއެކު ފޯނުން އަތުގައި ޖަހާލީ ރުބީނާއަށް ހުރި ހާލު އޭނާގެ ސިކުނޑީގައި ސިފަކުރަމުންނެވެ. (ނުނިމޭ)