ކުޅިވަރު

ނޭމާ ނެތިވެސް ބާސާއަށް ކާމިޔާބު ހޯދޭނެ: ކޯޗް

Aug 13, 2017

ނޭމާ ނެތިވެސް ބާސެލޯނާ އަށް ކާމިޔާބު ހޯދޭނެ ކަމަށް، އެ ޓީމުގެ ކޯޗް އެރުނަސްޓޭ ވެލްވާޑޭ ބުނެފި އެވެ. ނޭމާ ޓީމު ދޫކޮށްލި ފަހުން، ބާސެލޯނާ ކުޅޭ ފުރަތަމަ ރަސްމީ މެޗުގައި އެޓީމު މިރޭ ނިކުންނާނީ، ސްޕެނިޝް ސްޕަ ކަޕްގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ބާސާގެ ދަނޑުގައި، މިރޭ ކުޅޭ، ސްޕެނިޝް ސްޕަ ކަޕުގެ ފުރަތަމަ ލެގް މެޗު، ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގަ އެވެ. ވެލްވާޑޭ ބުނީ، ވަކި ކުޅުންތެރިޔަކު ނެތުމުން، ފަހަތައް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ނޭމާ ނެތުމުން އެ މަގާމަށް ކުޅޭނެ ގިނަ ކުޅުންތެރިން އެބަތިބި ކަމަށެވެ.

"[ޖެރާޑް] ޑިއުލޭފޫ، [ޖޯޑީ] އަލްބާ އަދި [ލިއޮނަލް] މެސީ ދެމެދުވެސް އަންޑަސްޓޭޑިންއެއް އެބައޮތް ނަމަވެސް އެންމެ ފަހުން ގެމްޕާ ޓްރޮފީގައި އަހަރެމެންނަށް ފެނުނީ އެ މަގާމު ފޫބައްދަން އެންމެ ޕޮއިންޓެއް، އެކަން މެޗުގައި ފެނިގެންދާނެ." އެތުލެޓިކް ބިލްބާއޯއަށް ކުރިން ކޯޗް ކޮށްދިން ވެލްވާޑޭ ބުންޏެވެ.

ބެލެވޭ ގޮތުގައި، ބާސާގެ އަރިމަތިން ވާތު ފަޅި އަށް ކުޅުމުގެ ފުރުސަތު ވެލްވާޑޭ ދޭނި ޕަކޯ އަލްކާސާ އަށެވެ. އަދި ބާސާއިން މިދިޔަ ސީޒަންގައި އާންމުކޮށް ބޭނުން ކުރި 4-3-3 ގެ ފޯމޭޝަން ގެ ބަދަލުގައި، ބޭނުން ކުރާނީ 4-4-2 ގެ ފޯމޭޝަނެވެ. އޭރުން ރެއާލްގެ ތިން ފޯވަޑުން އުފައްދާ ހަމަލާތައްވެސް، ހުއްޓުވުމަށް، ބާސާ އަށް ފަސޭހަ ވެގެންދާނެ އެވެ

ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ވެސް ބުނީ، ނޭމާ، ބާސެލޯނާ ދޫކޮށް ދިޔަޔަސް އެއީ، އެ ޓީމު ބަލިކަށިވާނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރެއާލްގެ ކުޅުންތެރިން އެގޮތަށް ނެވެސް ވިސްނާ ކަމަށް ރެއާލްއާ އެކު އޭނާގެ ހަތަރު ވަނަ ސީޒަން ފަށާ، ކޮސްޓަރިކާގެ ކީޕަރު ބުންޏެވެ.

ނާވަސް ބުނީ، ބާސާގެ ޓީމުގައި ވަކި ހާއްސަ ސިއްރެއް ނެތް ކަމަށާއި ހުރިހާ ކަމަކީވެސް ދެ ޓީމު އެއް ޓީމަށް އެނގޭނެ ކަންކަން ކަމަށެވެ.

"ނޭމާގެ ހުނަރަކީ އެއްވެސް މީހަކަށް ވަންހަނާ ވެފައިވާނެ ކަމެއް ނޫން، އެކަމަކު އަހަރެމެންނަށް އެނގޭ އޭނާ ނެތަސް ބާސެލޯނާގެ ޓީމު ބަލިކަށި ނުވާނެކަން، ކޮންމެ ކުޅުންތެރިޔަކު ނޭމާގެ މަގާމަށް ކުޅުނަސް، އެކުޅުންތެރިޔެއްގައި ވެސް ހުންނާނީ އެއް އަޒުމެއް އަދި އެއް ރޫހެއް،" ނާވަސް ބުންޏެވެ. "ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހަމަޖެހިގެން، މިކަހަލަ މެޗެއްގައި އަހަރެމެން ޒިންމާއަކީ ކޮބައިކަން އެނގޭ، އަހަރެމެން މެޗަށް ނިކުންނަނީ ވަރަށް އިތުބާރާއެކު އަދި އަހަރެމެންނަށް އެނގޭ މެޗު އުނދަގޫ ވާނެކަން."

މިރޭ، ރެއާލްގެ ލުކަ މޮޑްރިޗަކަށް ނުކުޅެވޭނެ އެވެ. އެއީ 2014 ވަނަ އަހަރު ސްޕެނިޝް ސްޕަކަ ކަޕްގައި އޭނާ އަށް ދެއްކި ރީނދޫ ކާޑާއެކު، ދެ ކާޑު ހަމަވުމުން މެޗަށް ސަސަޕެންޑް ވެފައިވާތީ އެވެ.