ޗައިނީސް ސުޕާ ލީގުގެ ގުއްންޒޯ އެވަގްރޭޑްއަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފިލްޑަރު ޕައުލީނިޔޯ ބަސާއަށް ބަދަލުވާން އެއްބަސްވެފައިވާކަމަށް ޗައިނާގެ މީދިޔާތަކުން ބުނެފިއެވެ. ރިޕޯޓުތަށް ބުނާގޮތުން ޕައުލީނިޔޯ ބާސާއަށް ގުޅެނީ 40 މިލިޔަން ޔޫރޯއަށެވެ.
އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ވަނީ ބްރެޒިލްގެ ގަދަ ބާރު ކޮރިންތިއަންސްގެ އިތުރުން އިންގިރޭސި ކްލަބު ޓޮޓެންހަމްއަށްވެސް ކުޅެފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް 41 މެޗު ކުޅުފައިވާ ޕައުލީނިޔޯއަކީ ގައުމީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔެކެވެ. 2015 ވަނަ އަހަރު ޕައުލީނިޔޯ ޗައިނާއަށް ބަދަލުވީ 14 މިލިޔަން ޔޫރޯއަށެވެ.
ސްޕެއިންގެ މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުގައި ޕައުލީނިޔޯ މިއަދުގެ ވަގުތެއްގައި މެޑިކަލް ހެދުމަށް ބާސެލޯނާއަށް އަންނާނެއެވެ. ނޭމާ ޕީއެސްޖީއަށް 222 މިލިޔަން ޔޫރޯއަށް ބަދަލުވުމާއެކު ބާސާއިން ވަނީ ޓީމު ވަރުގަދަކުރަން ފަށާފައެވެ. ޕައުލީނިޔޯގެ އިތުރުން ބާސާއިން ވަނީ ލިވަޕޫލް އަދި ބްރެޒިލްގެ އެޓޭކިމް މިޑްފީލްޑަރު ފިލިޕް ކުޓީނީޔޯގެ ސޮއި ހޯދުމުގެ މަސަތްކަށް ފަށާފަ އެވެ.
ބާސާއިން ކުޓީނިޔޯއަށް ކުރި 2 ބިޑްވެސް ލިވަޕޫލްއިން ބަލައިގަންފައެއްނުވެއެވެ. ބާސާއިންވަނީ 72 މިލިޔަން އާއި 90 މިލިޔަން ޕައުންޑައް ބިޑްކޮށްފައެވެ. ނޭމާ ނެތްތަން ފޫބެްދުމަށް ބާސާއިން ގެއްނަން އުޅޭ ކުޓީނިޔޯއަކީ ފާއިތުވެދިޔަ ސީޒަންގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ. އިންގިރޭސި މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން ލިވަޕޫލްއިން ކުޓީނީޔޯއަށް 145 މިލިޔަން ޕައުންޑު ބޭނުންވެއެވެ.