ބާސެލޯނާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން މޮޅުވެ، ސްޕެނިޝް ސްޕަކަ ކަޕްގެ ތައްޓާ ކައިރިއަށް ރެއާލް މެޑްރިޑް ޖެހިލިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތް ކާޑާއެކު، ދެ ވަނަ ލެގް މެޗަށް އޭނާ ސަސްޕެންޑް ވެއްޖެ އެވެ.
ރޮނާލްޑޯއަށް ރަތް ކާޑު ދެއްކި މެޗުގައި އޭނާ އަށް ދެއްކި، ދެ ވަނަ ރީނދޫ ކާޑާއެކު އެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ، ރެއާލް އަށް ލީޑް ނަގައިދިނުމަށްފަހު، އުފާ ފާޅު ކުރުމުގެ ގޮތުން، ޖޯޒީ ބޭލުމުން ނެވެ. ދެ ވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑު ދެއްކީ، ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެ ޓީމުގެ ސެމިއުލް އުމިޓީ، ރޮނާލްޑޯއަށް ޗާޖު ކުރުމުން، ރޮނާލްޑޯ އަމިއްލައަށް ޑައިވް ކުރި ކަަމަށް ނިންމާފަ އެވެ. ރަތް ކާޑު ދެއްކުމުން، ރޮނާލްޑޯ ވަނީ ރެފްރީގެ ބުރަކަށީގައި ހިފައި ކޮށްޕާލާފަ އެވެ.
ރޭގެ މެޗުގައި، ފުރަތަމަ ލީޑް ނެގީ ރެއާލުން ނެވެ. މެޗުގެ 50 ވަނަ މިނެޓްގައި ރެއާލު ލީޑް ނެގި ލަނޑަކީ، ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރެއާލްގެ މާސެލޯ، ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަހެއް ނެގުމުން، ޕީކޭ މަސައްކަތް ކުރީ އެ ބޯޅަ ދިފާއު ކުރާށެވެ. ނަމަވެސް އޭނާގެ ފައިގައި ޖެހިފައި މިސްރާބު އޮޅި އެ ބޯޅަ ވަނީ ބާސާގެ ގޯލްގެ ތެރެއަށެވެ.
ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޕެނަލްޓީ އަކުން ލިއޮނަލް މެސީ ކާމިޔާބު ކުރީ، މެޗުގެ 77 ވަނަ މިނެޓްގައެވެ. އެ ޕެނަލްޓީ އަކީ، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބާސާގެ ލުއިސް ސުއަރޭޒްއަށް، ރެއާލްގެ ކީޕަރު ކޭލޯ ވަސް ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ.
އިސްކޯ ދިން ބޯޅަ އަކުން، ރޮނާލްޑޯ، ރެއާލް އަށް އަލުން ލީޑް ނަގައިދިނީ، 80 ވަނަ މިނެޓްގައެވެ. އިސްކޯ ދިން ބޯޅަ ރޮނާލްޑޯއަށް ލިބުނީ ބާސާގެ ހާފުގެ މެދެއްހާ ހިސާބުން ނެވެ. ބޯޅަ ހިފައިގެން ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބާސާގެ ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލީ ޕީކޭ ކައިރިންވެސް ނައްޓާ ލުމަށް ފަހު އެވެ.
ރެއާލްގެ ތިން ވަނަ ލަނޑު، މާކޯ އެސެންސިއޯ ކާމިޔާބު ކުރީ، ބާސާގެ ހާފުގެ މެދެއްހާ ހިސާބުން، ލޫކަސް ވަޒްކްއޭޒް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެން ނެވެ.
ސްޕަ ކަޕްގެ ދެ ވަނަ ލެގް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭގަޑިން އަންނަ ބުދަ ދުވަހުގެ ރޭ ދަންވަރު 2:00 ގަ އެވެ.