ބޭރު ކުޅިވަރު

އޮންރީ ކުޅުން ހުއްޓާލައިފި

ލަންޑަން (ޑިސެމްބަރު 16) – އާސެނަލް އާއި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ކުޅުން ހުއްޓާލައިފި އެވެ.

އާސެނަލް އަށް 1999 އިން 2007 އަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އޮންރީ ވަނީ އެ ޓީމާއެކު އިނގިރޭސި ލީގު ދެ ފަހަރު އަދި އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

އޮންރީ އެންމެ ފަހުން ކުޅުނު އެމެރިކާގެ ނިއު ޔޯކް ރެޑްބުލްސްއަށެވެ. ނިއު ޔޯކް ރެޑްބުލްސްއާއެކު ހަދައިފައިވާ ކޮންޓުރެކްޓް މި މަހު ހަމަވުމާއެކު، އޮންރީ އެހެން ކްލަބަކަށް ބަދަލުވާނެ ކަމުގެ އަޑުތައް ފެތުރުނެވެ. އެކަމަކު އޮންރީ ވަނީ ކުޅުން ހުއްޓާލަން ނިންމައި، ސްކައި ސްޕޯޓްސްގެ އެނަލިސްޓެއްގެ މަގާމާ ހަވާލުވެފަ އެވެ.

"އޭއެސް މޮނާކޯ އާއި ޔުވެންޓަސް އާއި އާސެނަލް އާއި ނިއު ޔޯކް ރެޑްބުލްސް އަދި ފްރާންސްގެ ގައުމީ ޓީމަށް އަހަރެން ކުޅުނުއިރު ތަރުހީބު ދިން ސަޕޯޓަރުންނާއި އަހަންނާއެކު ކުޅުނު ކުޅުންތެރިންނާއި އެއްކޮށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އޮންރީ ބުންޏެވެ. "ވަރަށް އުފާވެރި ހަނދާންތަކަކާއި ރަނގަޅު ތަޖުރިބާތަކެއް ކުރުމަށް ފަހު އަހަރެން މި ކުޅުން ހުއްޓާލަނީ."

އާސެނަލް ދޫކޮށް 2007 ވަނަ އަހަރު ބާސާ އަށް ބަދަލުވެ، އޮންރީ ވަނީ އެ ޓީމާއެކު 2009 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ނިއު ޔޯކް ރެޑްބުލްސް އަށް ބަދަލުވި ފަހުން، އޮންރީ ވަނީ 2012 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލް އަށް އޭނާ ވަނީ ކުޅެފަ އެވެ.

ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހޯދައިފައިވާ އޮންރީ ވަނީ ފްރާންސްގެ ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. -- ބީބީސީ