ވާހަކަ

މުޅިޖާންހިތާ

(13 އޯގަސްޓް 2017 އާ ގުޅޭ) -- ފޯނުކޯލު ނިންމާލާފައި ލޫކަން އަމިއްލައަށް އަޑުއިވޭ ވަރަށް ވާހަކަދެއްކިއެވެ. އަދި ޔަގީންކަމާއެކު ފޯނުން އަތުގައި ޖަހާލީ ރުބީނާއަށް ހުރި ހާލު އޭނާގެ ސިކުނޑީގައި ސިފަކުރަމުންނެވެ.

ރޭގަނޑުގެ ނިދި ޤައިސްއަށް ހަރާމްވެފައި ވެއެވެ. ބޮލުގައި ހުރި ރިހުން ބޭސްގުޅައަކުން ލުއިވި ނަމަވެސް ސިކުނޑީގައިވާ ހާސްކަން ފިލައިގެނެއް ނުދިޔަ އެވެ. ފިކުރުގެ ކަނޑަކަށް އޭނާ ގެނބެމުންދިޔައިރު އަމިއްލަ ނަފްސު ވެސް ކުށްވެރި ކުރެވުނެވެ. ވިދާހާ އެއްޗަކީ ރަން ނޫންކަން އޭނާ ދަނެއެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގައި އެކަން އޭނާއަށް ހަނދާންނެތުނީ އެވެ. އެހެން ނޫންނަމަ ރުބީނާގެ ރީތިކަމާއި އޮމާން ވާހަކަތަކުގެ ދަލުގައި ޤައިސް ނުޖެހުނީހެވެ. އެއްފަރާތަށް އޮވެއޮވެ ވަރުބަލި ވުމުން ޤައިސް އުއްޑުން ޖެހިލިއެވެ. ނަމަވެސް އޭނާ ރުބީނާ އޮތް ފަރާތަށް އެނބުރޭކަށް ބޭނުމެއްނޫނެވެ. ވަޖީހުގެ ފަރާތުން ރުބީނާ ކަންތައްކުރި ގޮތުގެ ވާހަކަ އިވިގެން ޤައިސްއަށް މިހާ ބޮޑު ނުތަނަވަސްކަމެއް ލިބުނުއިރު ރުބީނާ އެފަދައިން ޢަމަލު ކުރިއިރު އޭނާއަށް ކުޑަ ވެސް އަސަރެއް ނުކުރީތީ ޤައިސް ހައިރާންވެއެވެ. ހިތޭ ކިޔާ ކުޑަކުޑަ މަސްކޮޅަކީ ހަށިގަނޑުގެ ކިހާ މުހިންމު ގުނަވަނެއް ހެއްޔެވެ. އަންހެނަކަށްވެ ހުރެ އެހެން އަންހެނަކަށް އެފަދަ ރަޙުމުކުޑަ ޢަމަލެއް ހިންގަމުންދިޔައިރު އޭނާގެ ހިތެއް އޮތްނަމަ ޔަގީނުން ވެސް ފަސްޖެހޭނެއެވެ. މޭމަތީ ޖޯޑުކޮށްލެވިފައިވާ ދެއަތްތިލަ ބާއްވާލައިގެން އޮވެ ފިނިނޭވާއެއް ޤައިސް ލިއެވެ. މަޑުމަޑުން މަރާލައިގެން އޮތް ދެ ލޯ ހުޅުވާލާ ވައަތްފަރާތުގައި ނިދާފައި އޮތް ރުބީނާއަށް ޤައިސް ބަލާލިއެވެ. އޭނާގެ ނިތަށް ރޫޖެހި ދެބުމަ ގުޅިގެންދިޔައެވެ.

"ވަޖީހުގެ ފަރާތުން އަހަންނަށް މި ހުރިހާ ކަމެއް ނޭނގުންނަމަ ރުބީނާ އަހަންނަށް ކިހާ ކަމެއް އޮޅުވާލާނަން. އަހަރެން ރުބީނާއާ ކައިވެނިކުރީ ވަރަށް އުންމީދާއެކު... އަހަންނާއި އަހަރެންގެ ދަރިފުޅާ ދެމެދު ޝައްކު އުއްފައްދާން ރުބީނާ މަސައްކަތްކުރީ ކީއްވެ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އެއީ. އަމިއްލަ ދަރިފުޅަށް ރުބީނާގެ ކުލުނެއް ނެތްއިރު އަހަރެންގެ ދަރިއަކަށް ކޮން ކުލުނެއް ހުންނާނީ. ނަސީބެއް އަހަންނަށް ލޫކްއާ މެދު ގޯސް ފިޔަވަޅެއް ނުނެގި ހުރިހާ ކަމެއް އެނގުނުކަން. ނަސީބެއް އަހަރެންގެ ދަރިފުޅަށް އަހަރެން އިތުބާރު ކުރިކަން. އެހެންނޫންނަމަ އަހަންނަށް ދުވަހަކު ވެސް އަމިއްލަ ނަފްސަށް މާފުނުލިބޭނޭ ވަރުގެ ކުށެއް ކުރެވުނީސްކަން ޔަގީން. މަންމައަކަށް ވިއެއްކަމަކު މައެއްގެ ހުންނާންޖެހޭ އޯގާތެރިކަމެއް ރުބީނާގެ ނެތް... ތީ ދޮގުވެރިއެއް... މަކަރުވެރިއެއް..." ޤައިސް މޫނު އަނބުރާލައި ދެ ލޯ މަރާ ބާރުކޮށްލިއެވެ.

* * * *

ފަތިސް ނަމާދަށް ދިއުމަށް ޓަކައި ޤައިސް ކޮޓަރިން ނުކުތެވެ. ބޮޑުކޮޓަރިއަށް ފޭބެން ހުރި ސިޑިން ތިރިއަށް އަންނަނިކޮށް އޭނާއަށް ލޫކަން ފެނުނެވެ. އެހާ ފަތިހާ ލޫކަން ހޭލައިގެން އުޅޭތީ ފެނުމުން ސުވާލު އުފެދުނެވެ. ރަނގަޅަށް ނިދި ނުލިބި ހުރުމުން ހަށިގަނޑަށް ހިސާބެއްގެ ވަރުބަލިކަމެއް ލިބިފައި ވިޔަސް މީހާގެ ސަމާލުކަން ލޫކަންއަށް ހުއްޓުނެވެ.

"ލޫކް! ދަރިފުޅު މިގަޑީގައި..." ބޮޑުކޮޓަރި ހުރަސްކޮށް މައިދޮރާ ދިމާއަށް ދިޔަ ލޫކަންއަށް ޤައިސް ގޮވާލަމުން ބުންޏެވެ.

"ޑޭޑް... މީ... އަޅުގަނޑު... ނަމާދަށް..." ޤައިސްގެ އަޑު އިވުމުން ސިހިފައި ފަހަތަށް ބަލާލި ލޫކަން އަޅައިގަންނަމުން ވާހަކަދެއްކިއެވެ. އޭނާ ރާއްޖެ ބަދަލުވީއްސުރެން މި ނޫނީ ގޭގައި ހުރެ ފަތިސް ނަމާދަށް ދާން ނުކުމެފައެއްނުވެއެވެ. ޤައިސްއަށް ވެސް ދަރިފުޅަށް އެފަދަ ކަމަކަށް ހިތްވަރު ދެވިފައި ނުވާކަން އިހުސާސް ކުރެވުނެވެ. ކަންތައް އޮތީ އެހެންކަމުގައި ވިޔަސް ފެނުނު މަންޒަރުން އޭނާ އުފާ ވެސް ވިއެވެ.

"ބައްޕަ ވެސް މިދަނީ ނަމާދަށް. އަވަހަށް ހިނގާ" ހިނިތުންވެލައިގެން ހުރެ ޤައިސް އައިސް ލޫކަންއާ އެއްވަރު ކުރިއެވެ. އަދި ދެބަފައިން އެކުގައި ގެއިން ނުކުތެވެ.

"ދަރިފުޅު ނަމާދުކުރާން ފެށީމަ ބައްޕަ ވަރަށް އުފާވެއްޖެ" ފަތިސް ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީ ޤައިސް ބުނެލިއެވެ.

"ޒޭންއާއެކު އެގޭގައި ހުރިއިރު ހައިކަލް އަންކަލް ކޮންމެ ނަމާދު ގަޑިއަކަށް މިސްކިތަށް ދާނެ. ޒޭން ގޭގައި ހުރިއްޔާ ޒޭން ވެސް ގޮވައިގެން ދާނީ... ދެން އަޅުގަނޑަށް ވެސް ނުގޮސް ނުހުރެވޭނެއެއްނު... ނަމާދުކުރާން ބޭނުންވޭ. އެކަމަކު ނުކުރެވިފައި އޮންނަނީ. ޒޭންއާ ޖެހުނީމާ އެކަން ވެސް ވެއްޖެ. މިހާރު އުނދަގޫވޭ ނަމާދަށް ގޮވުމުން އެހެން މަސައްކަތެއް ކުރާން ހުންނާން"

"އަލްޙަމްދުލިއްﷲ! ހައިކަލްއާ ބައްދަލުވި ދުވަހު ވެސް އެނގުނު އޭނާއަކީ ހެޔޮލަފާ ރަނގަޅު އަޙުލާޤެއްގެ މީހެއްކަން. ބައްޕައަށް އެކަމަކަށް ފަރުވާކުޑަކުރެވުނު ކަމެއް އޭނާ އެ ކޮށްދިނީ. ދަރިފުޅު ދީނީ ކަންކަމަށް ލޯބިކުރުމަކީ ބައްޕަ ވެސް އުފާވާކަމެއް. ލޫކް! ބައްޕައަށް ކަމެއް ކޮށްދޭންޏާ ތި އިސްތަށިގަނޑު ކުރުކޮށްލަބަލަ. މިހާރު ވެސް ހުންނަނީ ރީތިކޮށްކަން އެނގޭ. އެހެންވިޔަސް ތިއަށްވުރެ ވެސް ލޫކްއާ ގުޅޭނެ ކުރު އިސްތަށިގަނޑެއް ހުރީމާ. އަނެއްކާ ރާއްޖޭގައި ޑަކްޓަރުންނަކީ ތިގޮތަށް ތިބޭ ބައެއްނޫން" ޤައިސް އެންމެފަހުން ބުނެލި ވާހަކައިން ލޫކަން ހީނލިއެވެ. އަދި ބޮލުގައި އަތްހާކާލިއެވެ. ލޫކަންގެ ހަރަކާތްތައް ފެނި ޤައިސް ކައިރިއަށް ވެސް ހިނިއައެވެ. އިސްތަށިގަނޑަކީ ލޫކަން ކިހާ ލޯބިން ގެންގުޅޭ އެއްޗެއްކަން އޭނާއަށް އެނގެއެވެ. ހަމައެއާއެކު އެ އިސްތަށިގަނޑަކީ ލޫކަންގެ މަންމަގެ ފަރާތުން އޭނާއަށް ވާރުތަކޮށްފައިވާ ރީތިކަމެކެވެ.

* * * *

ލޫކަންއާ ކައިވެނީގެ ގޮތުން އައިރާ ގުޅޭން ނިންމި ނިންމުމާމެދު ހައިކަލްގެ ޢާއިލާ އުފާކުރިއެވެ. ހެނދުނުގެ ނާސްތާއަށް ފަހު ހައިކަލްއާއި ޒޭން މަސައްކަތަށް ނުކުތެވެ. ގޭތެރޭގައި އުޅޭ ޔާނާ ގިނަ ވަގުތު ހޭދަކުރަމުންއައީ އައިރާގެ ކޮޓަރީގައެވެ. ތުއްތު އައިޒަންގެ ކަންކަން ކުރުމުގައި އައިރާއަށް އެހީވުމުގައެވެ.

"އަހަރެން މި ހުންނަނީ ވަރަށް ހާސްވެފައި" އައިޒަން އުރާލައިގެން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ އައިރާ ބުންޏެވެ. އޭރު އޭނާއާ އެއްވަރަށް ޔާނާ ފައިބަމުން އައެވެ. އެމީހުންނަށްވުރެ ކުރީން މިންޙާ ސިޑިން ފައިބައިގެން ދިޔައެވެ.

"ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް. ތި ހުރިހާ ކަމަކާ ވިސްނީމަ ބޯގޮވާނީ. ލޫކް ބުންޏެއްނު އޭނާއަށް އިތުބާރު ކުރާށޭ" ޔާނާ ހިތްވަރުދޭ ފަދައިން ބުންޏެވެ.

"އެހެންވިޔަސް ލޫކްގެ ބައްޕަގެ ކުރިމައްޗަށް ދާނޭހާ ހިތްވަރެއްނެތް. ރުބީނާ ވެސް ހުންނާނެކަން ޔަގީން. އައިޒަން ގޮވައިގެން ދާންވީމަ. އަހަރެން... ލޫކް ހީކުރާހާ އަހަރެން ސްޓްރޯންގއެއްނޫން... އަހަރެން ޖެހިލުންވޭ ރުބީނާ ފެންނަ ހިސާބަށްދާން. ޔާންއަކަށް ނޭނގޭނެ. އޭނާ އަގައިން ބުނެގެން ފަރު ނުޖެހޭނެ... ގަޔަށް ވެސް އަރައިގަންނާނެ. އެކަހަލަ މީހެއް އެއީ"

"އައިރާގެ ގައިގާ މީހަކު އިނގިލިކުރި ޖައްސާލަންދެން ލޫކް ބަލަން ހުރެދާނޭ ހީވޭތަ؟... އައި ޑޯންޓް ތިންކް ސޯ. ބީ ޕޮޒިޓިވް. ކޫސަނި ކަންކަމާ ތި ވިސްނަނީ" ޔާނާ މިހެން ބުނުމާއެކު އައިރާ އޭނާއަށް ބަލާލީ ފަރުވާތެރިކަމާއެކުއެވެ.

"ލިޒީމަތީން ވަރަށް ހަނދާންވޭ. އޭނާއަށް އަހަރެންގެ އެއްވެސް ކަމެއް ނޭނގޭނެ. އޭނާ ވެސް އުޅޭނީ ޔާން މިހާރު ތި އުޅޭހެން. އަހަރެންދެކެ ވަރަށް ލޯބިވާނެ. ވަރަށް ވިސްނާނެ އަހަންނަށް ކަމެއް ދިމާވިޔަސް. އެކަމަކު މިއަދު އޭނާއަށް އެއްވެސް ކަމެއް އަންގާލެވޭނޭ ގޮތެއްނެތް" ބޮޑުކޮޓަރީގައި ހުރި ސޯފާގޮނޑިތަކުން ގޮނޑިއެއްގައި އައިރާ އިށީނދެ ޔާނާއަށް ބަލާލިއެވެ.

"އޭނާ ވީތަނެއް ނޭނގޭތަ؟" ޔާނާ ސުވާލުކޮށްލިއެވެ.

"ރަށުގައި ހުންނާނީ. އެކަމަކު ކުރީން ގެންގުޅުނު ނަންބަރު ބަދަލުކުރީހެން ހީވަނީ. ނުއެއް ގުޅުނު. އަހަންނަށް އެނގޭ ލިޒީ ވެސް އަހަންނަށް ގުޅާން ވަރަށް މަސައްކަތްކުރާނެކަން"

"ތީ އެއްވެސް ކަމެއްނޫނެއްނު. ބެސްޓްފްރެންޑާ ބައްދަލުކުރާން ރަށަށް ދާނީ. އޭރުން އެކަން އެ ނިމުނީނު"

"އެކަމަކު... ކިހިނެއް؟... އަހަންނަކީ..." އައިރާ ހައިރާންވެފައި ޔާނާއަށް ބަލަންއިނެވެ.

"ލޫކް ގާތުގައި ބުނަނިކޮށް އައިރާއަށް ތިވަރުގެ ކަމެއް ނުކޮށްދީއެއް ނުހުންނާނެ. އަހަރެން ވެސް މި ހުރީނު. ބައްޕަ ގާތުގައި ބުނަނިކޮށް ޔަގީން އައިރާއަށް ދަތުރު ހަމަޖައްސައިދޭނެކަން. އެއީ ތި ހީކުރާހާ އުނދަގޫކަމެއްނޫން. އައިރާ އަދިވެސް އަހަރުމެންނަކީ ދުރުބައެއްގެ ގޮތުގައި ދޯ ދެކެނީ. ހެނދުނު ވެސް ބައްޕަ އެ ދިޔައީ ބުނެފައި އައިރާ ކަމެއް ބޭނުންވެފައި ނުބުނެ ނުހުންނައްޗޭ. މައިންޑް ރީޑް ކުރެވޭނަމަތާ އައިރާ ނުބުންޏަސް އެނގޭނީ" ޔާނާ ހީނގަތެވެ. އޭނާގެ ވާހަކައިން އައިރާ ވެސް ހިނިތުންވެލިއެވެ.

"އަހަރެން އެންމެ ބޭނުންވަނީ ލިޒީގެ ހާލު އެނގެން" މަޑުމަޑުން ޔާނާގެ އަތުގައި އެއްއަތުން ހިފާލާފައި އައިރާ ބުންޏެވެ. އޭނާ ކަމަކު އެދުނީކަން ޔާނާ ދެނެގަތެވެ.

"ބައްޕަ ގާތު ތިވާހަކަ ދައްކާނަން. ބައްޕަ ބުނާއެއްޗެއް މިހާރު އައިރާ ވެސް ވާނެ ޤަބޫލުކުރާން" ހިނިއައިސްފައި އިނދެ ޔާނާ ބުންޏެވެ. އެއާއެކު ނިކަން ފަސޭހައިން އައިރާ ބޯޖަހާލިއެވެ.

"ކޮން މަޝްވަރާއެއް؟" ކުއްލިއަކަށް އައިރާއާއި ޔާނާގެ ސަމާލުކަން އަތުލީ ލޫކަންގެ އަޑެވެ. އޭރު އޭނާ އެތެރެއަށް ވަދެގެން އަންނަނީއެވެ. އަބަދުހެން ތަޅުލާފައި ހުންނަ ދޮރޯށި ހުޅުވިގޮތެއް ހޯދަން ޔާނާ ސުވާލުކޮށްލި ވަގުތު އެތެރެއަށް ވަދެގެން އަންނަ ޒޭން ފެނުނެވެ.

"ލޫކް އެ އައީ އައިރާ ބަލާ... އައި އޭމް ޝޮކްޑް. ނޫންތަ ޔާން! މިގޭ ކުއްޖެއް ކިހިނެއް އެހާ ފަސޭހައިން ގެންދާނީ. ބައްޕަ ބުނެފަ އޮތީ ލޫކް އަތުވެއްޖެއްޔާ މެންދުރު ކައިގެންދާން މަޑުކުރުވައްޗޯ. އެހާއިރަށް ބައްޕަ ވެސް އަންނާނެ. ބައްޕަ ނެތިސް އައިރާ ގެންގޮސްނުވާނެކަމަށް އަންގާފައި އޮތީ. ހީޒް ދަ ބޮސް... ދޯ ޔާން" އޮފީސް ހެދުމުގައި ހުރި ޒޭން ލާނެތް ހިންޏެއް އައިސްފައި ހުރެ ވާހަކަދެއްކިއެވެ.

ލޫކަން އައިސް އައިރާގެ ގާތުގައި އިށީނެވެ. އޭނާގެ އަތުގައި އޮތް އައިޒަން ނަގާ އުރާލިއެވެ. ލޯބިން އެ ކުޑަކުޑަ ނިތްކުރީގައި ބޮސްދިނެވެ.

"އެއީ ތެދެއް؟" ލޫކަންގެ ކޮނޑުން އައިރާގެ ކޮނޑުގައި ޖެހިލާފައި އަހާލިއެވެ.

"އިރުކޮޅަކުން މެންދުރު ކާން ނަގާނެ" އައިރާ ވެސް ބޭނުންވަނީ ހައިކަލް އައުމުން އެގެއިން ނުކުންނާންކަން ލޫކަން ދެނެގަތެވެ. އޭނާ ހިނިތުންވެލިގޮތަށް ޒޭންއާ ވާހަކަދައްކަންފެށިއެވެ.

* * * *

ނުތަނަވަސްކަން ފިލުވާލާ ހިނިތުންވެލާން ރުބީނާ މަސައްކަތް ކުރިއެވެ. ބޮޑުކޮޓަރީގެ ސޯފާގައި ދިވެހި ޗެނެލަކުން މެންދުރު ދޭއްގެ ޚަބަރު ބަލާން ޤައިސް އިނީތީ އޭނާގެ ގާތުގައި ރުބީނާ ވެސް އިނީއެވެ. ވާހަކަދައްކަން ކުރިހާ މަސައްކަތެއް ބޭކާރުވީމައެވެ. މިއަދު ޤައިސް އޮފީހަށް ނުދިޔަ ސަބަބެއް ވެސް ރުބީނާ ގާތުގައި އޭނާ ނުބުންޏެވެ. ހަމައެއާއެކު ރުބީނާ އަނގަހުޅުވާލާއިރަށް ވެސް ޤައިސް އަތުން އިޝާރާތްކޮށްލުމާއެކު މިވަގުތަކު ނޫނޭ ބުނެލައެވެ. ޔަގީނުން ވެސް ޤައިސްއަށް ކަމެއްވެއްޖެކަން ރުބީނާއަށް އެނގެއެވެ. ބޮޑަށް ލަފާކުރެވެނީ ކަމަކާ ހިތްހަމަނުޖެހިގެން އުޅޭ ހެނެވެ. އެހެންނަމަވެސް ކޮންކަމަކާ މެދު ކަމެއް ކުޑަކޮށް ވެސް ވިސްނައިގަންނާކަށް ނޭނގުނެވެ. ހެނދުނުގެ ނާސްތާ ކުރުމުގައި ވެސް ރުބީނާ ބައިވެރިއެއް ނުކުރިއެވެ. މެންދުރު ކާން ދަމުން ވެސް ބުނެނުލިއެވެ. ޤައިސް ކައިގެން އައިކަން އެނގުނީ ވެސް މަރިޔަންދީގެ ފަރާތުންނެވެ.

"ހާއި މަންމާ! ހެލޯ ބޭބޭ..." ސުކޫލުން ގެއަށް އައިސް ވަންއިރު ސޯފާގައި ޤައިސްއާއި ރުބީނާ ތިބިތަން ފެނި މައުރީން ގޮވާލިއެވެ. ޤައިސް އެ އަޑު އިވުނު ކަމަކަށް ނުހެދިއެވެ. ރުބީނާ ހިނިތުންވެލުމަށްފަހު އަތުން އިޝާރާތްކޮށްލީ އެތަނުން އަވަހަށް ދާށޭ ބުނާ ފަދައިންނެވެ. އަނގަޔަށް ގޮތެއް ހަދާލުމާއެކު މައުރީނު ސިޑިން އަރައިގެން ދިޔައެވެ.

"ޤައިސް..." އިރުކޮޅަކު އިނުމަށްފަހު ރުބީނާ އަނެއްކާ ވެސް ވާހަކަދައްކަން އުޅުނެވެ.

"ޚަބަރު ބަލަނީ" ހަރުކަށިކަމެއްނެތް ނަމަވެސް ޤައިސްގެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ. ޚާއްޞަކޮށް އެ ބަލާލާ ބެލުމެވެ. ވަގުތުން ހިމޭންވާން ރުބީނާއަށް މަޖުބޫރުކުރި ކަހަލައެވެ. މިހާތަނަށް ދުވަހަކު ވެސް ރުބީނާއާ ދެބަސްވެފައި ނުވާތީ ޤައިސްއާ ބާރަށް ވާހަކަދައްކާކަށް ރުބީނާއަކަށް ނުކެރުނެވެ. އޭނާއަކީ އެހެން މަޑުމަޑުން އިންނާނޭ މީހެއްނޫނެވެ. ނަމަވެސް ރުބީނާގެ އެ ސިފަ ޤައިސްގެ ކުރިމަތީ ފާޅުކުރާން އޭނާގެ ޟަމީރު ވެސް ތަންނުދެނީއެވެ.

ސަލާމް ގޮވާލި އަޑާއެކު ޤައިސްގެ ނަޒަރު ޓީވީއިން ވަކިވެ ބޮޑުކޮޓަރީގެ ދޮރާދިމާއަށް ހުއްޓުނެވެ. ހަމަ އެހިނދު ރުބީނާ ކޮޅަށް ތެދުވެއްޖެއެވެ. އެ ދޮންމޫނުމަތި ހުދުވެގެން ދިޔައެވެ. ޤައިސް ކޮޅަށް ތެދުވެ ދޮރުމަތީ ހުރި ލޫކަންއަށް ބަލާލިއެވެ. އޭނާގެ ގާތުގައި އަންހެންކުއްޖަކު ހުރީތީ އޭނާއަށް ވެސް ބަލާލީ ހައިރާންވެފައި ހުރެއެވެ. އަތުގައި އޮތް ކުޑަ ކުއްޖާ ވެސް ޤައިސްއަށް ފެނެއެވެ.

"ޑޭޑް! މީ އައިރާ... އައިރާ މައި ޑޭޑް" އައިރާގެ ކޮނޑުގައި ހިފައިގެން ހުރެ ޤައިސްގެ ގާތަށް ލޫކަން އައެވެ.

"މީ ކޮންކުއްޖެއްތަ؟" އައިރާއަށް ހިނިތުންވުމެއް ބަދަލުކޮށްލަމުން ޤައިސް ސުވާލުކުރީ ލޫކަންއާއެވެ. އޭރު ވެސް ރުބީނާ ހުރީ ދެ ލޯ ބޮޑުކޮށްގެން އައިރާއަށް ބަލާށެވެ. އައިރާއަށް ވެސް ކަންބޮޑުވުމުގެ ބެލުމަކުން ދޭތެރެއަކުން ބަލާލެވެނީ ރުބީނާއާ ދިމާއަށެވެ.

"ބައްޕައާ ބައްދަލުކޮށްދޭން މިގެއަށް ކުއްޖަކު ގެންނާނޭ ވާހަކަ އަޅުގަނޑު ބުނީމެއްނު" ހިނިއައިސްފައި ހުރެ ލޫކަން ބުންޏެވެ. ޤައިސްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާއަށް ބަލާލެވުނީ އައިރާގެ އަތުގައި އޮތް ތުއްތު ކުއްޖާއަށެވެ. އެކަން އައިރާއާއި ލޫކަންއަށް ވެސް ފާހަގަވިއެވެ. އައިރާ އިތުރަށް ނުތަނަވަސްވިއެވެ. އަވަސްއަވަހަށް އިސްޖަހާލި ގޮތުން ހީވީ އެތަނުން ދާން ބޭނުންވީހެނެވެ.

"ޑޭޑް! އަޅުގަނޑު ބުނީމެއްނު އެއީ ވަރަށް ޚާއްޞަ ކުއްޖެކޭ. އަޅުގަނޑަށް އެންމެ މުހިންމު ކަމަކީ ހަޔާތުގެ ބައިވެރިޔާއަކީ ތެދުވެރި ރިވެތި އަޚުލާޤެއްގެ ވެރިއަކަށްވާންޖެހޭނެ. އަޅުގަނޑަށް އައިރާގެ ފަރާތުން ފެނުނީ އެފަދަ ތެދުވެރިކަމެއް. ޑޭޑް! ފެންނަ ފެނުމަށް އެއްވެސް މީހަކީ ކޮންކަހަލަ މީހެއްކަމެއް ބުނާކަށް ނޭނގޭނެ. އޭނާގެ ދިރިއުޅުމުގައި އޭނާ ކުރިމަތީ ކިހާވަރެއްގެ ހަނގުރާމައަކާކަމެއް ވެސް ނޭނގޭނެ. މިއަދު އަޅުގަނޑުގެ ވާހަކަ ޑޭޑްވާނެ ވަރަށް ރަނގަޅަށް އަޑުއަހަން" ލޫކަންގެ ވާހަކައާއެކު އޭނާ ރުބީނާއަށް ބަލާލިއެވެ. އެއާއެކު ޤައިސްގެ ހިތް ބާރަށް ތެޅިގަތެވެ. އަލުން އައިރާއަށް ބަލާލާފައި ރުބީނާއަށް ބަލާލިއެވެ.

"ލޫކަން ހާމަކުރާން އެ އުޅެނީ ރުބީނާގެ މަކަރުވެރިކަންބާ؟ އައިރާ!... ވަޖީހު ނަމެއް ނުބުނޭ... އެހެންވިޔަސް ރުބީނާއަށް ވެފައި ހުރި ގޮތުން ހީވަނީ އޭނާއަށް މި އަންހެންކުއްޖާ އެނގޭހެން" ޤައިސްގެ ޟަމީރު ބުންޏެވެ.

"ރުބީނާދައްތައަށް އެންމެ ރަނގަޅަށް އެނގޭނީ އައިރާގެ ކަންކަން ކިޔާދޭން... އެހެންނު! ދެން ތިހެން ނުހުރެ ޑޭޑްއަށް ކިޔައިދީބަލަ މީ ކާކުކަން؟ މިގޭގައި ދުވަސްތަކެއްވާންދެން އައިރާ ހުއްޓެއްނު"

"ލޫކް... ލޫކް..." ރުބީނާގެ އަޑުގައި ވެސް ތުރުތުރެއް ހުއްޓެވެ. ބަލަން ހުރި ގޮތުން ލޫކަންގެ ގާތުގައި ހިމޭންވާށޭ ބުނާ ކަހަލައެވެ. އޭރު ލޫކަންއާއި ރުބީނާގެ ވާހަކަ ފުރިހަމަ ނުވިނަމަވެސް އައިރާއަކީ ކާކުކަން ޤައިސްއަށް އެނގިއްޖެއެވެ. އައިރާއާ ގާތަށް ޤައިސްއަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަޅުގަނޑު ކިޔައިދީފާނަން... މި އޮތީ ހެކި..." ލޫކަން މިހެން ބުނުމާއެކު ރުބީނާއަށް އަތްދިއްކޮށްލެވުނީ ހުއްޓާލާށޭ ބުނާ މީހަކު ފަދައިންނެވެ. ނަމަވެސް މުޅި މީހާއަށް ހުއްޓުން އެރީ ޤައިސް ބަލާލުމުންނެވެ. ހަމަ އެހިނދު ރުބީނާ ސިއްރު ކުރަމުން އައި ކަންތައްތައް ވަރަށް ތަފްޞީލުކޮށް ލޫކަން ކިޔައިދޭންފެށިއެވެ. ގޭގައި ގެންގުޅޭ ޚާދިމުންގެ ތެރެއިން މަރިޔަންދީއާއި ކެތުލީނުގެ އިތުރުން މޯނާ ވެސް އެތަނަށް ހާޟިރު ކުރިއެވެ. ހަމައެއާއެކު އައިރާއަކީ ރުބީނާގެ ޅީދަރިކަން ލޫކަން ސާބިތުކުރީ އައިރާއާއި ނިޔާނުގެ ކައިވެނީގެ ސެޓްފިކެޓުންނެވެ. އެއަށް އެތައް އިރަކު ބަލަހައްޓައިގެން ޤައިސް ހުއްޓެވެ. އޭރު ޤައިސްގެ މޫނުމަތިން ރުޅިވެރިކަން ފަޅުވާން ފަށައިފިއެވެ. ބިރުގެންފައި ހުރި އައިރާ ދޭތެރެއަކުން ލޫކަންގެ އަތަށް ދަމާލާފައި ދެން ހުއްޓާލުމަށް ބޮލުން އިޝާރާތްކޮށްލައެވެ. ނަމަވެސް އެކަމަށް ހުއްޓުމެއް ނައެވެ. ލޫކަންގެ ހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކޮށްލެވުމުން ނޫނީ އޭނާ މައިތިރިއެއްނުވިއެވެ.

"މިކަހަލަ އަންހެނަކާ ބައްޕަ ގުޅިގެން އުޅޭން ޤަބޫލުވެވޭނީ ކިހިނެއް؟ އޭނާއަކީ އަންހެނަކަށް ވެސް ނުވޭ... ނިކަމެތިންނަށް އެހާ އިހާނެތިކޮށް ކަންތައްކުރާއިރު އޭނާއަށް އަމިއްލަ ހާލު ނޭނގުނު. އެހެންނުވާނީ ތިމާއަށް ތިމާގެ ފެންވަރު އޮޅިފަވިއްޔާ ހުރީ. ހީވާ ކަހަލަ މީ އޭނާއަށް ލިބިފައި އޮތް މުއްސަނދިކަމެކޭ" ޤައިސް އައިސް ލޫކަންގެ ކޮނޑުގައި އަތްބާއްވާލިއެވެ. އެއާއެކު އޭނާ ހިމޭންވިއެވެ.

"އެ ހުރި އަންހެންކުއްޖާގެ އަތުގައި އެވަނީ ރުބީނާގެ މާމަދަރިއެއްނޫންތަ؟ ދުވަހަކު ވެސް ހިޔެއްނުކުރާން... ލޫކް އެ ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުގެ ކުރީން ރުބީނާގެ ޢަމަލުތައް ހުރި ގޮތުގެ ވާހަކަ އަޅުގަނޑަށް އޮތީ އެނގިފައި"

"ޤައިސް... އަޅުގަނޑު..." ޤައިސްގެ ވާހަކަ އިވި ރުބީނާ ހަދާނޭ ގޮތް ހުސްވިއެވެ. އެހެންވެ އަވަހަށް ރޮވޭގޮތް ދައްކަމުން ވާހަކަދައްކަން އުޅުނެވެ.

"އިތުރު ވާހަކައެއް ދައްކާން އޮންނާނޭ ކަމަކަށް އަޅުގަނޑު ނުދެކެން. ރުބީނާއަކީ ކިހާ ވަރެއްގެ މީހެއްކަން އެނގި ސާފުވެއްޖެ. މި ކައިވެންޏަކީ އަޅުގަނޑަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަން ތި ސާބިތުކޮށްދިނީ ޚުދު ރުބީނާ. ނޭނގުމުގެ ތެރޭ އެއްވެސް ކުށެއްނެތް އަންހެންކުއްޖަކަށް ވޭނާ ހިތްދަތިކަން ދިނުމުގައި ރުބީނާ އަޅުގަނޑުގެ ބޭނުންކޮށްފީމު... އެ ކުއްޖާގެ ކުށަކީ ކޮބާ؟ ރުބީނާ ހީކުރަނީ ތިކަހަލަ ރަޙުމު ކުޑަ މީހެއް ކަމައްތަ އަޅުގަނޑަކީ. އޮޅުވާލާ ދޮގު ހަދާ މީހުންދެކެ އަޅުގަނޑު ނަފުރަތުކުރަން. އިންތިހާއަށް ނަފުރަތުކުރާން... މި ކައިވެނި އިތުރަށް ދެމިއޮތް ނަމަވެސް ރުބީނާއަށް އިތުބާރެއް ނުކުރެވޭނެ.. ވަރަށް ވިސްނިން... ރުބީނާއަށް ކަންތައްކުރާންވީ ގޮތެއް ނޭނގިގެން... ވަރަށް ވިސްނީން... އިތުބާރު ނުކުރެވޭ މީހަކާއެކު އުޅޭނޭ ގޮތެއް ނުވިސްނުނު..." ޤައިސްގެ ވާހަކަ ނުނިމެނީސް ރުބީނާ ބާރަށް ރޯންފެށިއެވެ. ޤައިސްގެ އަތުގައި ދެއަތުން ހިފާ އާދޭސްކުރާން ފެށިއެވެ.

"އަޅުގަނޑަށް މާފުކުރޭ... ޤައިސް!... ދެން ދުވަހަކު ވެސް ޤައިސްގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރާނަން. އެކަމަކު އަޅުގަނޑު ޤައިސްއާ ވަކިކޮށްނުލާ... އާދޭސްކުރާން... އަޅުގަނޑަށް މާފުކުރޭ... އައިރާ! އައިރާ!.. މަންމައަށް މާފުކުރޭ..." ޤައިސްގެ އަތުން ރުބީނާގެ އަތް އޭނާ ފޮޅުވާލިއެވެ. އެއާއެކު ރުބީނާ ދުވެފައި އައީ އައިރާގެ ގާތަށެވެ. ނަމަވެސް ހުސިޔާރުވެ ހުރި ލޫކަން އެމީހުންގެ މެދަށް ވަދެ ރުބީނާ ހިފަހެއްޓިއެވެ. އައިރާއަށް ވަގުތުން ދަރިފުޅު މޭގާލައި ބޮނޑިކޮށްލެވުނެވެ.

"މާފަށް އެދުނު ނަމަވެސް ރޫބީއާއެކު އުޅޭކަށް އަޅުގަނޑުގެ އަމިއްލަ ޟަމީރު އެއްބަހެއްނުވޭ. ހުވަފަތްވެ އަލަތު ދަރިފުޅަށް ބަލިވެ އިން އަންހެނަކަށް ރަޙުމު ނުއުފެދުނު އަންހެނެއް ތި ނޫނީ އުޅޭނޭއެކޭ ހިޔެއްނުވޭ. ތި ގޮތް ގޮތަށް ނޫޅެ ކުރިމަތީން މިވަގުތު ދުރަށް ދޭ. ރުބީނާއަކީ އެކްޓުކުރާން މޮޅު މީހެއްކަން އެނގޭ. ތި ކަރުނައަކުން އަޅުގަނޑަށް އެއްވެސް އަސަރެއް ނުކުރާނެ... ދޭ ދޭ... މިތަނުން ދޭ..." ރުބީނާ މޮޔައަކުހެން އާދޭސްކޮށްކޮށްފައި އުޅޭން ފެށުމުން ޤައިސް އަމުރު ކުރިއެވެ. މިއަދު ރުބީނާގެ ހިތަށް އަސަރު ކުރި ނަމަވެސް ވަށައިގެންވާ މީހުނަށް ހީވީ އޭނާ އެކްޓުކުރަނީ ކަމުގައެވެ. ނުދާންވެގެން ދެފަރާތަށް ބޯހޫރުވާލާފައި ރުބީނާ އަނެއްކާ ވެސް ހިފީ ޤައިސްގެ އަތުގައެވެ. އަތުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ޤައިސްގެ ފައިބުޑަށް ރުބީނާ ތިރިވިއެވެ.

"ދުލުން ނުބުނާތީ ނުދާންތަ ތި ހުންނަނީ... މައްސަލައެއްނެތް... ރުބީނާ މިވަގުތުން ފެށިގެން ތީ މިނިވަނެއް. އަޅުގަނޑުގެ އަނތްބެއްނޫން" ޤައިސްގެ ބަސްތައް އިވުމާއެކު ރުބީނާ ހުއްޓުން އެރިއެވެ. އެތަނުގައި ހުރި އައިރާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ލޫކަންގެ މޫނުން ފެނިގެންދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޤައިސް އިސްޖަހާލީ ފުރަތަމަ ފަހަރަށް ހަޔާތުގައި ނިންމި ނިންމުމުން އަރުގައި ހިތިރަހަ ލައިފިކަމުގެ އިހުސާސް ކުރެވިގެންނެވެ. (ނުނިމޭ)