ހަބަރު

ރައީސް ޔާމީން އިންތިހާބުގައި ވާދަނުކުރާނެ: ރިޔާޒު

ރައްޔިތުންގެ ތާއިދާއި ލޯތްބެއް ރައީސް އަބްދުﷲ ޔާމީނަށް ނެތް ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ކުނޫޒުގައި ރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، ސިޔާސީ ލީޑަރުންނަށް އެންމެ ބޭނުންވާނެ އެއްޗަކީ ރައްޔިތުންގެ ލޯތްބާއި ރުހުން ކަމަށެވެ. ނަމަވެސް އެ ރުހުމާއި ލޯތްބެއް ރައީސް ޔާމީނަށް ނެތް ކަމަށާއި ރައްޔިތުން ރައީސް ޔާމީން ދެކެ ނަފުރަތުކުރާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން، އަޅުގަނޑަށް މިހާރު މިކަންކަން ފެންނަ ގޮތުން އެސެސްމެންޓެއް ހަދާފަ އަމިއްލަ ވިސްނުމުން ބުނެލާ އެއްޗެއް މިއީ، އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ 2018 ގައި ބާއްވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަކަށް، އެއީ ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން އެންމެ ބޮަޑަށް ބޭނުން ވަނީ ކޮން ކަމެއްތޯ، ރައްޔިތުންގެ ތާއިދު، ރައްޔިތުންގެ ލޯބި، ރައްޔިތުންގެ ރުހުން، ރައްޔިތުންގެ ނަފުރަތު އެމަނިކުފާނަށް އޮތީ،"

ރައްޔިތުންގެ ލޯތްބާއި ތާއިދު ރައީސް ޔާމީނަށް ނެތްއިރު އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުން ވެސް ރައީސް ޔާމީނަކީ އިހުލާސްތެރި ވެރިޔެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެ ބޭފުޅުން ވެސް ގަބޫލުކުރަނީ މި ތަންމައަށް މާދަމާ އިރު އަރާއިރު ވެސް ލަނޑެއް ދީފާނެ ކަމަށް، ކޮންމެ ވެސް އަނިޔާއެއް ދީފާނެ ކަމަށް ގަބޫލުކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ކެމްޕެއިން ޖަގަހަތަކެއް ހުޅުވައިގެން ސިޔާސީ މަސައްކަތް ކުރެއްވި ނަމަވެސް އެއީ އިންތިހާބުގައި ވާދަކުރުމުގެ ނިޔަތުގައި ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ އެ ޖަގަހަތަކުގައި ވަކި ބަޔަކު ބައިތިއްބައިގެން އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.

"އަދި އަޅުގަނޑަށް ވިސްނެނީ 2018 ގައި ނިކުންނަވާނެކަން ދައްކައިގެން ނޫން ގޮތަކަށް މިހާރު އެމަނިކުފާނަށް ވެރިކަން ދެމެހެއްޓެން ނެތް ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ވަރަށް ބޮޑު ތާއިދަކާއި ވަރަށް ފަސޭހަކަމާއެކު ވެރިކަން ކުރައްވަން ރައީސް ޔާމީނަށް ލިބިވަޑައިގަތް ނަމަވެސް، މިހާރު އެމަނިކުފާނުގެ އަމަލުތަކުގެ ސަބަބުން އެމަނިކުފާނު ހުންނެވީ މުޅިން އެކަނިވެރިވެފައި ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ސިފަ ކުރެވިގެން ދާނީ ރާއްޖެއަށް އައި "ތޫފާނެއްގެ" ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ޖެހެމުން ޖެހެމުން ގޮސް ރައީސް ޔާމީން އެ ހުންނެވީ ކަނެއްގަ، ވަރަށް ފާޓުފުޅާކޮށް ފެއްޓެވި މަސައްކަތެއް، މިހާރު ވަރަށް ބޮޑަށް ހަނިވަމުން ގޮސް އެމަނިކުފާނު އެ ހުރީ ކޯނާވެފަ، އެމަނިކުފާނަށް ނެތް މިހާރު އެއްވެސް ރީތި މަންޒަރެއް ފެންނާކަށް،" ރިޔާޒު ވިދާޅުވި އެވެ.