ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އިއުތިރާވެފައިވުމަކީ އެމަނިކުފާނު އަޒުކުރަން ޖެހޭ ފަދަ ވާހަކަފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ޖަމީލު ވިދާޅުވީ، އަމިއްލަ އިއުތިރާފަކީ ކާފީ ހެކި ކަމަށެވެ. އިންސާފުވެރި ނިޒާމެއް ހިނގާނަމަ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަތަކުން ވެސް އެމަނިކުފާނު މަގާމުން އަޒުލުކުރަން ޖެހޭނެ ކަމަށެވެ.
ޕީޕީއެމްގެ ބޮޑު ޖަގަހައެއް މާލޭ ހިޔާ ހުސް ބިމުގައި ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށެވެ.
"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެގެން ވަޑައިގަތުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް، އާނ! އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު، އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.