ކުޅިވަރު

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ރޮނާލްޑޯ، މެސީ، ބުފޯން

މި މަހު، 24 ވަނަ ދުވަހު ބޭއްވުމަށް، ހަމަޖެހިފައިވާ، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ކުޅުންތެރިން، ޔޫއެފްއާއިން އިއުލާން ކޮށްފި އެވެ. އެ ވޯޑަށް ވާދަ ކުރަނީ، ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޔުވެންޓަސް ޖިއާންލުއީޖީ ބުފޯން އެވެ.

ރޮނާލްޑޯ އާއި މެސީ، ވެސް ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިހާތަނަށް ދެ ފަހަރަށް ހޯދާފަ އެވެ. މެސީ އެވޯޑް ހޯދާފައި ވަނީ، 2010/2011 ގެ ސީޒަނާއި، އަދި 2014/2015 ސީޒަންގަ އެވެ. ރޮނާލްޑޯ އެވޯޑް ހޯދާފައި ވަނީ 2013/2014 ގެ ސީޒަންގެ އިތުރުން މިދިޔަ އަހަރު އެވެ.

މި އެވޯޑަށް، ނަން ހުށަހަޅާނީ، ޔޫއެފްއާ 55 ގައުމުގެ ފުޓްބޯޅަ ނޫސްވެރިންގެ ތެރެއިން، ޔޫރަޕްގެ ސްޕޯޓްސް މީޑިއާ ގުރޫޕްގައި ހިމޭނޭ މީޑިއާތަކުގެ ނޫސްވެރިން ކޮންމެ ނޫސްވެރިޔަކު، އެ ނޫސްވެރިޔަކަށް، ފެންނަ އެންމެ ވަރުގަދަ ފަސް ކުޅުންތެރިންނެވެ. ކޮންމެ ލިސްޓެއްގެވެސް އެއް ވަނަ ކުޅުންތެރިޔާއަށް ފަސް މާކްސް ލިބޭނެ އެވެ. އެގޮތަށް ގޮސް، އެންމެ ގިނަ އިން މާކްސް ލިބޭ 10 ކުޅުންތެރިން ނޮމިނޭޓް ކުރުމަށްފަހު، އެ ދިހަ ނަމަށް ވޯޓް ދޭނީ، ނޫސްވެރިންނާއި، ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގައި ވާދަ ކުރާ 80 ޓީމުގެ ކޯޗުންނެވެ.

ރޮނާލްޑޯ އާއި މެސީ އަދި ބުފޯން، ގަދަ ތިނަކަށް ނޮމިނޭޓްވީ، އެ ދިހަ ކުޅުންތެރިންގެ ތެރެއިން ކޯޗުންނާއި ނޫސްވެރިންގެ ވޯޓުން އެންމެ ގިނަ މާކްސް ލިބުނު ތިން ކުޅުންތެރިންގެ ގޮތުގަ އެވެ. އެއްވެސް ކޯޗަކަށް، އޭނާގެ އަމިއްލަ ޓީމުގައި ހިމެނޭ ކުޅުންތެރިޔަކަށް ވޯޓެއް ނުދެވޭނެ އެވެ.

ގަދަ 10 އަށް ނޮމިނޭޓްވި އަނެއް ހަތް ކުޅުންތެރިން:

4. ލުކަ މޮޑްރިޗް (ކޮރޭޝިއާ / ރެއާލް މެޑްރިޑް)
5. ޓޯނީ ކްރޫޒް (ޖަރުމަން / ރެއާލް މެޑްރިޑް)
6. ޕައުލޯ ޑިބާލާ (އާޖެންޓީނާ / ޔުވެންޓަސް)
7. ސާޖިއޯ ރާމޯސް (ސްޕެއިން / ރެއާލް މެޑްރިޑް)
8. ކިލިޔަން އެމްބަޕޭ (ފްރާންސް / މޮނަކޯ)
9. ރޮބަޓް ލެވަންޑޮސްކީ (ޕޮލެންޑް / ބަޔާން މިޔުނިކް)
10. ޒަލްޓާން އިބްރޮހިމޮވިޗް (ސްވިޑެން / މެންޗެސްޓާ ޔުނައިޓަޑް)

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް، ވާދަ ކުރުމުގައި ބަލާނީ، ޔޫރަޕްގެ 55 ގައުމުގެ ލީގްގައި ކުޅޭ ކުޅުންތެރިންނަށެވެ. އެ ލީގްތަކުގައި ކުޅޭ އެހެން ބައްރުތަކުގެ ކުޅުންތެރިންނަށްވެސް، އެ އެވޯޑަށް ވާދަ ކުރާނެ އެވެ.

މިމަހު 24 ގައި ފްރާންސްގެ މޮނަކޯގައި ބާއްވާ އެވޯޑް ރަސްމިއްޔާތާއެކު، މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރު ނެގުން ވެސް އޮންނާނެ އެވެ.