ކުޅިވަރު

ރޮނާލްޑޯއަށް ދިން އަދަބު މާ ބޮޑު، ގޯހެއް އެބައުޅޭ: ޒިދާން

Aug 16, 2017

ބާސެލޯނާއާ ދެކޮޅަށް ކުޅުނު، ސްޕެނިޝް ސްޕަ ކަޕްގެ ފުރަތަމަ ލެގް މެޗުގައި، ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދައްކައި ފަސް މެޗަށް ސަސްޕެންޑް ކުރުން އެއީ، މާ ބޮޑު އަދަބެއް ކަމަށާއި އެ އަދަބަ ދިނުމުގައި ގޯހެއް އުޅޭ ކަމަށް، ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ބާސާއާ ދެކޮޅަށް 3-1 ން ރެއާލް މޮޅުވި މެޗުގެ، 82 ވަނަ މިނެޓްގައި ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ސެމިއުލް އުމިޓީ، ރޮނާލްޑޯ އަތުން ބޯޅަ ހޯދަން އުޅެ، ޕެނަލްޓީ އޭރިއާ ތެރެއަށް ރޮނާލްޑޯ ވެއްޓުމުން، ރެފްރީ ވަނީ، ރޮނާލްޑޯ އަމިއްލައަށް ޑައިވް ކުރި ކަމަށް ބަަލައި، ދެ ވަނަ ރީނދޫ ކާޑާއެކު، ރޮނާލްޑޯ އަށް ރަތް ކާޑު ދައްކާފަ އެވެ. ރަތް ކާޑު ދެއްކުމުން، އެކަމާ ހިތްހަމަ ނުޖެހި، ރޮނާލްޑޯ ވަނީ ރެފްރީގެ ފަހަތުން، ބުރަކަށީގައި ޖަހައި ކޮށްޕާލާފަ އެވެ.

ސްޕަކަޕްގެ ދެ ވަނަ ލެގް މެޗުގައި، އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ، ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ އާއި ރެއާލުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށެވެ.

"އަހަރެން މިހުރީ ރުޅި އައިސްފަ، އަހަރެމެން އެންމެން މިތިބީ ރުޅި އައިސްފަ،" ވާހަކަ ފަށަމުން ޒިދާން ބުންޏެވެ. "ރެފްރީންގެ ކަންކަމަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން، ނަމަވެސް ކަލޭމެން ބަލާ، އެތަނުގައި [އެ މެޗުގައި] ހިނގާދިޔަ ކަންކަމަށް ބަލާފައި ރޮންލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރުމަކީ (އަދަބު ދިނުމުގައި) ކޮންމެވެސް ކަމެއް ގޯހުން ހިނގާފައިވާ ކަމެއް، ފަސް މެޗަށް ސަސްޕެންޑް ކުރުން މިއީ ވަރަށް ބޮޑު ވަރެއް."

ރޮނާލްޑޯ އަށް ދިން އަދަބު އިސްތިއުނާފް ކުރަން، ރެއާލުން ހުށަހަޅާ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ޒިދާން ބުނީ މިވަގުތު އެކަން އޮތް ގޮތެއް ނޭންގޭ ކަމަށެވެ. މައްސަލަ އިސްތިއުނާފް ކުރުމަށް ލިބޭނީ 10 ދުވަހެވެ.

"އަހަންނަކަށް ނޭންގެ މިހާރުގެ ހާލަތެއް،" ޒީދާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަރެމެން މަޑު ކުރާނަން ކޮމިޓީ ބުދަ ދުވަހު ބައްދަލު ވަންދެން އެއަށްފަހު އަހަރެމެން ގޮތެއް ބަލާނީ."

ޒިދާން، ބުނީ ފުރަތަމަ ލެގްގައި، 3-1 ން ރެއާލް މޮޅުވެފައި ވީނަމަވެސް، ދެ ވަނަ ލެގަކަށް ދާއިރު އެކަން ބަދަލު ވެދާނެ ކަމަށާއި، އެކަމަށް ރެއާލުން ސަމާލުވާން ޖެހޭ ކަމަށެވެ.

"ފުޓްބޯޅައިގައި ކޮންމެ ކަމަކީ ވެދާނެ ކަމެއް، ހާއްސަ ކޮށް ދެ ވަނަ ލެގަކަށް ނިކުންނައިރު، އެކަން ބަދަލު ވެދާނެ،" ޒިދާން ބުންޏެވެ. "މެޗު ފެށިގެން ނިމެންދެންވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅެން ޖެހޭނެ، ސަބަބަކީ ފުރަތަމަ ލެގްގައިވެސް ބާސެލޯނާ އަށް މޮޅުވުމަށް ފުރުސަތު ލިބުނު، އެހެންވެ އެކަމަށް އަހަރެމެން ޖެހޭނެ ސަމާލު ވާން."

ދެ ވަނަ ލެގަށް ނިކުންނައިރު، ޒިދާން އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ދެ ކާޑު ހަމަވުމުގެ ސަބަބުން، ފުރަތަމަ ލެގް ގައި ނުކުޅެވުނު، ލުކަ މޮޑްރިޗަށް، މި މެޗުގައި ކުޅެވޭ ގޮތް ވުމެވެ.