ވިޔަފާރި

ދިވެހި ލަވަތައް "ޔޮންޑާ މިޔުޒިކް" އެޕްގައި ހިމަނައިފި

  • ދިވެހި ފަންނާނުންނަށް އާމްދަނީ އިތުރުވާނެ
  • ވިހި މިލިއަން ލަވަ ހިމެނޭ މަޝްހޫރު އެޕެއް
  • ދިވެހި ލަވަތައް އިންޓަނޭޝަނަލް މާކެޓަށް

ވިހި މިލިއަނަށް ވުރެ ގިނަ ލަވަ ހިމެނޭ ލަވަ އެޕްލިކޭޝަން ނެޓްވޯކް "ޔޮންޑާ މިއުޒިކް" ގައި ދިވެހި ލަވަތައް ދިރާގުން ހިމަނައިދީފި އެވެ.

ލަވަ ސްޓީމް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޔޮންޑާ މިއުޒިކް" އެޕްލިކޭޝަން ތައާރަފު ކުރުމަށް ޝެރެޓަން، ފުލްމޫން ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭގައި ތައާރަފުކުރާ ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕްލިކޭޝަން ކަމަށެވެ. އަދި މި އެޕްލިކޭޝަންގައި ލަވަތައް ހިމެނުމާއެކު ލަވަ ކިޔާފައިވާ ފަންނާނުންނަށް މާލީ ގޮތުންވެސް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ލިިބިގެންދާނެ ބޮޑު ކުރިއެރުމެއް. އިންޓަނޭޝަނަލް ޕްލެޓްފޯމަކަށް ދިވެހި ލަވަތައް ގެންގޮސް ދިނުމަށް އެޅޭ ފިޔަވަޅެއް،" އިސްމާއިލް ވިދާޅުވި އެވެ.

ދެހާސް ތޭރަވަނަ އަހަރު އުފެދިފައިވާ "ޔޮންޑާ މިއުޒިކް" އެޕްލިކޭޝަންގައި ރާއްޖެއާ އަވަށްޓެރި ބައެއް ގައުމުތަކުގެ ފަންނާނުންގެ ލަވަތައް ވެސް ހިމެނިފައިވެއެވެ.

މި ރަސްމިއްޔާތުގައި ޔޮންޑާ މިއުޒިކްގެ އެޑަމް ކިޑްރޮން ވިދާޅުވީ ރާއްޖެ އަށް ފުރަތަމަ އައިއިރު ރާއްޖޭގައި މޮޅެތި ފަންނާނުން ތިބިކަން ނޭނގޭ ކަމަށެވެ. ނަމަވެސް ދިވެހި ލަވައިގެ ތެރެއަށްވަދެ ހާވާލުމުން ދިވެހިންގެ ހުނަރު ފެނިގެން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ދިވެހި ލަވަތަކަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ލިބުމުގެ އިތުރުން ފަންނާނުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހި ކުރުން ކަމަށެވެ.

"ދިވެހި ލަވައިގެ މައުލޫމާތު ބަލައިލުމުން އެނގުނީ ދިވެހިން މި ދާއިރާއިން ހޯދާފައި ކުރިއެރުން. ހުނަރުވެރިކަން. ނަމަވެސް މި ދާއިރާގައި އުޅޭ ފަންނާނުންނަށް އޮތް ގޮންޖެހުމަކީ އެށީގެންވާ އާމްދަނީއެއް ނުލިބުން އެހެންވެ މި އެޕްލިކޭޝަންގައި ލަވަތައް ހިމެނުމުން ފަންނާނުންނަށް ރަނގަޅު އާމްދަނީއެއްވެސް ލިބިގެންދާނެ،" އެޑަމް ވިދާޅުވި އެވެ.

"ޔޮންޑާ މިއުޒިކް" އެޕް ފަރުމާކޮށްފައިވަނީ ލަވަ ސްޓީމްކުރާ ކޮންމެ ފަހަރަކު އެ ލަވައެއް ކިޔާފައިވާ ފަންނާނަށް "ޓިޕެއް" ލިބޭ ގޮތަށެވެ. މީގެ އިތުރުން މި އެޕްލޭޝަން މެދުވެރިކޮށް ލަވަ ޑައުންލޯޑުކޮށް، އަމިއްލައަށް ލަވަ ކިޔައި ސޯޝަލް މީޑިޔާގައި ހިއްސާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި އެޕްލިކޭޝަންގައި މިހާރުވެސް ދިވެހި 500 ލަވަ ހިމެނެ އެވެ.