ދުނިޔެ

ޖިއްދާގެ އަލިފާނުގެ ހާދިސާއެެއްގައި ތިން އިމާރާތެއް ހަލާކުވެއްޖެ

ޖިއްދާގެ މެދުތެރޭގައިވާ ތާރީހީ ސަރަހައްދެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ތިން އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ އަރަބް ނިއުސް ބުނީ ރޭހިނގި ހާދިސާއާ ގުޅިގެން އެ އިމާރާތްތަކުން މީހުން ހުސްކުރި ކަމަށެވެ. ހާދިސާގައި އެއްވެސް މީހަކު މަރުވި ނުވަތަ ޒަހަމްވި ކަމަކަށް އެނޫހަކުން ނުބުނެއެވެ.

އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބުނު ތިން އިމާރާތަކީ އަލް ގަމްސާނީ ނަމަކަށް ކިޔާ އިމާރާތަކާއި އަލް އަޝްމާވީ ނަމަކަށް ކިޔާ އިމާރާތަކާއި އަބުދުލް އާލް ނަމަކަށް ކިޔާ އިމާރާތެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު އެ ތިން އިމާރާތުގެ ތެރެއިން އަލް ގަމްސާނީ ނަމަކަށް ކިޔާ އިމާރާތް ވެއްޓުމުގެ ބިރު ހީވެފައިވާ ކަމަށް ނޫހުން ބުންޏެވެ.

ޖިއްދާގެ މެދު ތެެރޭގައިވާ އެ ސަރަހައްދަކީ ހައްޖު މޫސުމުގައި ވަރަށް ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. ޖިއްދާއަކީ އެހެން ގައުމުތަކުން އަންނަ ހައްޖާޖީން މައްކާއަށާއި މަދީނާއަށް ވަންނަ މައި ދޮރާށްޓެވެ.