ހަބަރު

ފަނޑިޔާރުން ވަކިކުރަންޖެހޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ގާނޫނީ ވަކީލުންތަކެއް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލް ޝާހީން ހަމީދާއި އިތުރު ވަކީލުންތަކެއް ހުށަހެޅި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމި ނިންމުމުގައި ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައަކަށް ވާއިރު އެ ކޯޓާ ގުޅޭގޮތުން މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ނިންމުންތަކުގެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނަށް ރިއާޔަތް ކުރާއިރު ސުޕްރީމް ކޯޓަށް އެކަނި ބެލޭ ފަދަ ބާވަތުގެ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ނެތުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ ކޯޓުގެ ރެޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި މަރިޔަމް އަފްޝާ ސޮއި ކުރައްވާ އެގޮތަށް ނިންމި ނަމަވެސް އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ހަތް ދުވަހުގެ ތެރޭގައި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމިއިރު އެ އިސްލާހުގެ ދަށުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ ދެ ބޭފުޅުން ވަކިކުރަން އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުން ސުޕްރީމް ކޯޓުން ވަނީ ހުއްޓުވައިފަ އެވެ.