ހަބަރު

އެމްއެމްއޭގެ ގަވަރުނަރުކަމަށް ނީޒާ އިމާދުގެ ނަން ފޮނުވައިފި

Aug 16, 2017
4

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މާގަމަށް އެ ބޭންކްގެ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ނީޒާ އިމާދު ހަމަޖެއްސުމަށް އެކަމަނާގެ ނަން، ރައީސް އަބްދުﷲ ޔާމީން މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

އެކަމަނާ ރަސްމީކޮށް އެ މަގާމަށް އައްޔަން ކުރެވޭނީ، މަޖިލީހުން ރުހުން ދިނުމުން އެވެ. އެހެން ނަމަވެސް މަޖިލިސް މައްސަލަ ގަނޑެއްގެ ތެރޭގައި އޮތުމުން އެހާ އަވަހަކަށް އެކަމަނާއަށް ރުހުން ލިބޭނެ ކަމަށް އުންމީދެއް ނުކުރެވެ އެވެ.

ނީޒާ މިހާރު ބަލަހައްޓަވަމުން ގެންދަވަނީ އެމްއެމްއޭގެ ފައިނޭންޝަލް ސްޓެބިލިޓީ ސެކްޝަން އެވެ. އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމް އެ ގަމާމުން މިއަދު އިސްތިއުފާ ދެއްވީ، އެކަމަނާގެ ފިރިކަލުން އަލީ ނަސީރުގެ ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލު ކުރާތީ ފިރިކަލުންނާ އެކު ބޭރަށް ވަޑައިގަތުމަށެވެ. އަލީ ނަސީރަކީ ރާއްޖެއިން އދ އަށާއި އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.

ނީޒާ އިމާދު ވެސް ވަނީ އެމްއެމްއޭގެ އެކި މަގާމުތަކުގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އެމްއެމްއޭގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން އަޒީމާ އާދަމް ވިދާޅުވީ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވަނީ، އުފަލާ އެކުގައި ކަމަށާއި އެމްއެމްއޭއަށް ހިދުމަތް ކޮށްދިނުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ފަހުރު ކަމަށެވެ. އަދި އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނަވައިގެން ބޭރުގައި އެހާ ގިނަ ދުވަސްތައް ހޭދަ ކުރެއްވުމަކީ އެކަމަނާއަށް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށް ވެސް އަޒީމާ މިއަދު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް އަޒީމާ ހަމަޖެއްސީ އޭރު ގަވަރުނަރަކަށް ހުންނެވި ފަޒީލް ނަޖީބު 31 ޑިސެމްބަރު 2013 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އެވެ.