ކުޅިވަރު

18 އަހަރުގެ އާނޯލްޑްގެ ހިތްވަރަށް ކްލޮޕްގެ ތައުރީފް

Aug 16, 2017

ހޮފެންހަމްއާ ދެކޮޅަށް، ރޭ ކުޅުނު މެޗުގައި، ލިބުނު ހިލޭ ޖެހުމަކުން ލިވަޕޫލަށް ލީޑް ނަގައިދިން ލަނޑު ކާމިޔާބު ކުރި، އުމުރުން 18 އަހަރުގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ ހިތްވަރާ މެދު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ހޮފެންހަމްގެ ދަނޑުގައި ކުޅުނު މެޗު، ލިވަޕޫލް ކާމިޔާބު ކުރީ 2-1 ން ނެވެ. ލިވަޕޫލް މޮޅުވުމުން، އެ ޓީމަށް ވަނީ، ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމާ ގާތަށް ޖެހިލާފަ އެވެ.

މެޗުގައި، ހޮފެންހަމްގެ މާކް އޫތު އެޓީމުގެ ލަނޑު ޖެހިއިރު، އާނާލްޑް ހުރީ ބޯޅަ ދޫކޮށް ލައިގެން، އޮފްސައިޑް ވާނެ ކަމަށް ބަލަހައްޓައިގެން ނެވެ. ނަމަވެސް، އޭނާގެ ފަރާތުން އެ މިސްޓޭކް ފެނުނު ނަމަވެސް، ލަނޑު ޖެހުމުން ކޮލްޕް ހުރީ ވަރަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މެޗުގެ 35 ވަނަ މިނެޓްގައި، ހޮފެންހަމްގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން، އާނޯލްޑް ފޮނުވާލީ ހޮފެންހަމްގެ ގޯލްގެ ދަނޑި ކައިރިން ގޯލްގެ ތިރީ ކަނަށް އަމާޒުވާ ގޮތަށެވެ.

"އަހަރެން ބުނާނީ، 18 އަހަރުގައި، ބޯޅަ ހޯދައި ހިލޭ ޖެހުން ޖަހުމަކީ އަހަންނަށް ވަރަށް ބޮޑަށް ޝައުގުވެރި ކުރުވި ކަމެއް، އޭނާ ހެދި ކުޑަ މިސްޓޭކަކަށް ވުރެ، އޭނާ އެ އުމުރުގައި ދެއްކި ހިތްވަރު އަހަންނަށް މާބޮޑު ހިތްހަމަ ޖެހުމަކަށް ވޭ،" ލިވަޕޫލްގެ އަމިއްލަ އެކެޑެމީން އުފެއްދި ކުޅުންތެރިޔާއާ ބެހޭގޮތުން، ކްލޮޕް ބުންޏެވެ. "އެ މެޗަކީ އޭނާ އަށް ވަރަށް ބޮޑު މެޗެއް، އަދިވެސް އޭނާ ދަސްކުރަން ޖެހޭ ބައެއް އެއްޗިހި އެބަހުރި، އޭނާ ދޫކޮށްލައިގެން ހުރި ބޯޅައިގައި އޭނާ ހީކުރީ އޮފްސައިޑް ކަމަށް، އެކަމަކު އެއީ ހަމަޔަގީނުންވެސް އޮފްސައިޑެއް ނޫން އެކަންދިޔައީ މާ ރަނގަޅަކަށް ނޫން، އެކަމަކު ޓްރެންޓް [އެލެގްޒެންޑާ އާނޯލްޑް] އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް."

ލިވަޕޫލްގައި އާންމުކޮށް ހިލޭޖެހުންތައް ޖަހަނީ، އެމްރޭ ޗަން އާއި އަލްބާޓޯ އާއި މޮރޭނޯ އެވެ. ކްލޮޕް ބުނީ، އާނާލްޑް އެ ހިލޭ ޖެހުން ޖެހީ، އޭނާ [ކްލޮޕް] ބުނެގެން ކަމަށެވެ.

"އޭނާ ހިލޭ ޖެހުން ޖެހީ އަހަރެން ބުނެގެން، އަހަރެން ބުނީ އޭނަ ކައިރީގައި، އޭނާއޭ އެ ބޯޅަ ޖަހަން ޖެހޭނީ، އަހަރެން އެކަމުގެ ކްރެޑިޓް ނަގަނީކީ ނޫން، އޭނާ ވަނީ އަހަރެން ހީކުރި ވަރަށް ވުރެ ފުރިހަމަ ކޮށް އެކަން ކޮށްފަ، މިދިޔަ ސީޒަންގައި ލިވަޕޫލްގެ 23 އަހަރުން ދަށުގެ ޓީމުގެ މެޗުތައް އަހަންނަށް ބެލުނު އެންމެ ގިނައެއްކޮށް ބެލިން އޭރުވެސް އޭނަ ވަރަށް ގިނައިން ހިލޭ ޖެހުން ޖަހާ."

ކްލޮޕް ބުނީ، އާނާލްޑް ފުރީކިކް ޖެހި ވަގުތަކީ ލިވަޕޫލަށް އައި ވަރަށް މުހިންމު ވަގުތު ކޮޅެއް ކަމަށެވެ.

ރޭގެ މެޗުގެ 12 ވަނަ މިނެޓްގައި، ހޮފެންހަމްއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. އަންޑްރޭ ކްރަމަރިޗް ފޮނުވާލި ޕެނަލްޓީ، ލިވަޕޫލްގެ ކީޕަރު ސިމޯން މިނިއޯލޭ ވަނީ، ދިފާއު ކޮށްފަ އެވެ.

ރޭގެ މެޗުގެ 74 ވަނަ މިނެޓްގައި، ލިވަޕޫލްގެ ދެ ވަނަ ލަނޑު، ޖޭމްސް މިލްނާ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ، ހޮފެންހަމްގެ ގޯލް ތެރެއަށް ވަނީ އެ ޓީމުގެ ހަވާޑް ނޯޑްޓްވެޓްގެ މޫނު ގައި ޖެހިފަ އެވެ. އެހެންވެ އެ ގޯލް ބަލާފައި ވަނީ ބައިކޮޅަށް ވަން ލަނޑެއް ކަމުގަ އެވެ. ހޮފެންހަމްގެ ލަނޑު މާކް އޫތު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނެޓްގަ އެވެ.

މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގް މެޗު އޮންނާނީ، ރޭ ރާއްޖޭގަޑިން، އަންނަ ބުދަ ދުވަހުގެ ރޭ 11:45 ގަ އެވެ.