ހަބަރު

އަނަސްގެ މަރުގެ ތަހުގީގުގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފި

ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތަހުގީގާއި ބެހޭ މައުލޫމާތުތައް ފުލުހުން އޭނާގެ އާއިލާއާ ހިއްސާ ކޮށްފި އެވެ.

ފުލުހުން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި މިއަދު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު ވަނީ އަނަސްގެ ބައްޕަ އާއި ބައްދަލުކުރައްވައި އަނަސްގެ މަރާއި ގުޅިގެން ކުރިއަށްގެންދާ ތަހުގީގު ތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައި ކަމަށެވެ.

ނަމަވެސް ހިއްސާ ކޮށްފައިވަނީ ކޮން މައުލޫމާތެެއް ކަމެއް ސާފެއް ނުވެއެވެ. ފުލުހުން ބުނީ ތަހުގީގާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް މީޑިއާ އާއި ހިއްސާކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސް މަރާލި މައްސަލައާ ގުޅިގެން ރޭ 12 މީހަކު ހައްޔަރު ކުރި އެވެ. އެ މީހުންގެ ތެރޭގައި އަނަސް ގަޔަށްއަށް ވަޅިން ހަމަލާދީ އޭނާ މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ގުރޫޕަކުން ދިން ހަމަލާއެއްގައި އަނަސްގެ އިތުރުން ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަރުވެފަ އެވެ. ސީދާ އެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް މިފަހުން ހިނގި މާރާމާރީތަކާ ގުޅިގެން 23 މީހުން ހައްޔަރުކޮށްފައިވެ އެވެ.