ފިނިޕޭޖް

ސޮނާކްޝީގެ އެންމެ ގާތް ފޭނަކަށް ދިވެއްސެއް

ބޮލީވުޑް ތަރިއެއްގެ ފޭނެއް ދިވެހިންގެ ތެރޭގައި އުޅޭހޭ އަހައިފިނަމަ އެންމެ ކުރިންވެސް ހިތަށް އަންނާނީ ސުނީތާ އަލީގެ ނަމެވެ. ހިތަށް އެރުމާއެކު ދުލުން އޮންނާނީވެސް ބުނެވިފަ އެވެ. އެހާވެސް ޔަގީންކަން އޮވެ އެވެ. ޓުވިޓާ ތެރޭން އުފެދުނު އެ ލޯބީގައި ސުނީތާވަނީ ޕްރިޔަންކާއާއިވެސް ބައްދަލުކޮށް އޭނަގެ ހިތް އަތުލާފަ އެވެ.

އަނެއްކާވެސް މުޅިން އާ ޒުވާނެއްގެ ވާހަކަ އެވެ. ޕްރިޔަންކާ ޗޯޕްޅާގެ ފޭނެއް ނޫނެވެ. ބޮލީވުޑް ތަރި ސޮނާކްޝީ ސިންހަގެ ފޭން އެކެވެ. ސޮނާކްޝީއަށް ގުރުބާންވާން ތައްޔާރަށް ހުރި އަންހެން ކުއްޖެކެވެ. އިންނު ނަކަމަށް ކިޔާ އެކުއްޖާވެސް މިހާރުވަނީ ސޮނާކްޝީގެ ހިތުން ޖާގައެއް ހޯދާފަ އެވެ. ޓުވިޓާގެ ތެރެއިންނެވެ.

ސޮނާކްޝީއަށް ވަފާތެރި އެޒުވާނާ ވަނީ ސޮނާކްޝީގެ ފޮޓޯއެއް ކުރަހާފައި ޓުވިޓާ މެދުވެރިކޮށް ފޮނުވާފަ އެވެ. އަދި ރާއްޖެއަށް އައުމަށް ދައުވަތު ދީ އިންނު އާ ބައްދަލުކުރަންވެސް އެދިފަ އެވެ. އެ ޓުވީޓަށް ސޮނާކްޝީވަނީ ރިޕްލައި ކޮށްފަ އެވެ. "ސޮނާ ސޭސް"ގެ ރިޕްލައި އެއް ވީޑިއޯއެއް މެދުވެރިކޮށް ކޮށްފަ އެވެ. އިންނިގެ ހުނަރަށް ތައުރީފްކޮށް ވަރަށް އަވަހަށް ރާއްޖެއަންނާނެ ކަމަށް ސޮނާކްޝީވަނީ ބުނެފަ އެވެ. އަދި ރާއްޖެދެކެ ވަރަށް ލޯބިވާ ކަމަށާއި ރާއްޖެ އައިސް އިންނު އާ ބައްދަލުކުރާނެ ކަމަށް އޭނާ ވަނީ ވައުދުވެފަ އެވެ.

އެދުވަސް ވެގެން ދިޔައި އިންނުގެ ހަޔާތުގައި އައި އެންމެ "ބެސްޓު" ދުވަސް ކަމަށް އިންނު ބުނެފައިވެ އެވެ. އަދިވެސް އެކަން ގަބޫލުނުކުރެވޭ ކަމަށެވެ.

އިންނު މިހާރުދަނީ ސޮނާކްޝީގެ ފޭން ގްރޫޕްތަކުގައިވެސް ހަރަކާތްތެރިވަމުންނެވެ. އިންނު އެ ހިމެނުނީ ސޮނާކްޝީގެ ސަޕޯޓަރުންގެ ތެރެއިން އޭނާ ހޮވު 25 ސަޕޯޓަރުންގެ ތެރޭގައި ހިމެނިފަ އެވެ. ޓުވިޓާގައި ސޮނާކްޝީގެ ފޮލޯވަރުންގެ އަދަދު މިހާރުވަނީ 10 މިލިއަނަށް އަރާފަ އެވެ.

ސޮނާކްޝީ ބޮލީވުޑަށް ތައާރަފްވެފައިވަނީ 2012 ވަނަ އަހަރު ރިލީޒްކުރި ސަލްމާންހާންގެ "ދަބަންގް" އިންނެވެ. އޭގެ ފަހުން އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ފޯސް 2"، "ނޫރް"، "ތިވާރް" އަދި "ރައުޑީ ރާތޯރް" ހިމެނެ އެވެ.