ބޮލީވުޑް

"އޮކްޓޯބަރު"ގައި ވަރުން އާއެކު ދިޕިކާ ނުފެންނާނެ

ޑައިރެކްޓަރު ޝޫޖިތް ސިރްކާރްގެ އާ ފިލްމު "އޮކްޓޯބަރު" ކުޅެން ޒުވާން އެކްޓަރު ވަރުން ދަވަން ސޮއިކުރުމާއެކު އެންމެ ގަދަޔަށް ދެކެވެން ފެށި ވާހަކަ އަކީ ފިލްމުގެ ބަތަލާ އަކަށް ވާނީ ކާކުތޯ އެވެ.

ދެހާސް ފަނަރަވަނަ އަހަރު ނިކުތް "ޕީކޫ" އަށް ފަހު ބަތަލާ ދިޕިކާ ޕަދުކޯން އިނީ އަލުން ޝޫޖިތް ފިލްމަކުން ފުރުސަތަކަށް އެދިއެދި އެވެ. އަލުން ޝޫޖިތްއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ދިޕިކާ ފާޅުކޮށްފައި ވަނިކޮށް، ވަރުން އާއެކު "އޮކްޓޯބަރު" ގެ ބަތަލާގެ ރޯލުން ދިޕިކާގެ ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެން ފެށިފަ އެވެ.

ނަމަވެސް މި ވާހަކަ ދޮގުކުރަމުން ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ އެ ފިލްމު އެއްކޮށް ނިސްބަތްވަނީ ވަރުން ކުޅޭ ކެރެކްޓާގެ މައްޗަށް ކަމަށާއި ބަތަލާ އަކު ފެނިގެން ދިޔަ ނަމަވެސް އެ ރޯލަކީ ވަރަށް ކުޑަރޯލެއް ކަމުން ދިޕިކާ އެ ފިލްމު ކުޅުމަކީ ވުމަށް ވުރެން ނުވުން ގާތްކަމެއް ކަމަށެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ތަރިއެއް ހަމަޖެހިފައިވާކަން ފިލްމު އުފައްދާ ފަރާތުން އިއުލާން ކޮށްފައިނުވާއިރު، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ "ޕީކޫ" ގެ ލިޔުންތެރިޔާ ޖޫހީ ޗަތުރްވެދީ ލިޔާ ތްރިލާ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު، ފިލްމަކީ އަޑި ނޭނގޭ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ތްރިލާއެއް ކަމަށް ވަރުން ވަނީ ބުނެފަ އެވެ. އަދި ފިލްމު ކުޅެން ފުރުސަތު ލިބުމުން އެކަމާ އުފަލުން ހުރެ ވަނީ މިއީ ވަރަށް އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށެވެ.

ވަރުން މި ފިލްމުގެ ލީޑްރޯލު ކުޅެން ހަމަޖެއްސީ 2015 ވަނަ އަހަރު އޭނާގެ ނިކުތް ފިލްމު "ބަދްލާޕުރް" ގައި ދައްކުވާފައިވާ މޮޅު އެކްޓިންގެ ސަބަބުން ކަމަށް ޝޫޖިތް ވަނީ ބުނެފަ އެވެ.