ދެ ވަނަ ލެގް މެޗުގައި، ވާދަވެރި، ބާސެލޯނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސްޕަ ކަޕް ރެއާލް ކާމިޔާބު ކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު، ފުރަތަމަ ލެގް މެޗު، ރެއާލް ކާމިޔާބު ކުރީ 3-1 ން ނެވެ. އެހެންވެ ދެ ލެގްގެ ނަތީޖާއާއެކު ރެއާލް، ސްޕަ ކަޕް ކާމިޔާބު ކުރީ، 5-1 އެގްރިގޭޓް ނަތީޖާއިން ނެވެ.
ފަސް މެޗަށް، ސަސްޕެންޑް ކޮށްފައިވާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ނެތި ކުޅުނު މެޗުގައި، ރެއާލްގެ ހަމަލާތަކުގެ މުހިންމު ނަމަކަށްވީ، އުމުރުން 21 އަހަރުގެ ފޯވަޑް މާކޯ އެސެންސިއޯ އެވެ. ރެއާލްގެ ފުރަތަމަ ހަމަލާ އުފެއްދުމަށް ލުކަ މޮޑްރިޗަށް ބޯޅަ ތަނަވަސް ކޮށްދިނީވެސް އޭނާ އެވެ. އަދި ރެއާލް އަށް ފުރަތަމަ ލީޑް ނަގައިދިނީވެސް، އެސެންސިއޯ އެވެ.
މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި، ބާސާގެ ހާފުގެ މެދެއްހާ ހިސާބުން، އެސެންސިއޯއަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު، އޭނާ ފޮނުވާލީ ބާސާގެ ގޯލަށް އޮހިގެންދާ ގޮތަށެވެ. ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަންއަށްވެސް ހުރެވުނީ ބޯޅަ، ހުރަސް ދަނޑިމަތިން ދާނެ ކަމަށް ބަލަހައްޓައިގެން ނެވެ.
މެޗުގެ 16 ވަނަ މިނެޓްގައި، ބާސާގެ ލިއޮނަލް މެސީއަށް ނުރައްކާތެރި ބޯޅައެއް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ، ރެއާލްގެ ކީޕަރު ނާވަސް އެވެ. މެޗުގެ 30 ވަނަ މިނެޓްގައި، ރެއާލްގެ ލޫކަސް ވަޒްކްއޭޒް ވަނީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން، ރީތި ބޯޅައެއް، ޓޯނީ ކްރޫޒްއަށް ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
އޭގެ ފަހުން 33 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ވަޒްކްއޭޒްއަށް، ބޯޅަ އެއްތަނަވަސް ކޮށްދީފަ އެވެ. ވަޒްކްއޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ބާސާގެ ގޯލް ދަނޑި އަށެވެ.
ރެއާލްގެ ދެ ވަނަ ލަނޑު ބެންޒެމާ ކާމިޔަބު ކުރީ މެޗުގެ 39 ވަނަ މިނެޓްގައި މާސެލޯ ނަގައިދިން ހުރަހަކުން ނެވެ.
މެޗުގެ 53 ވަނަ މިނެޓްގައި، ފެނިގެން ދިޔައީ، ބާސާގެ މެސީ އާއި ސުއަރޭޒްގެ ކޮމްބިނޭޝަންއެވެ. ސުއަރޭޒް ތަނަވަސް ކޮށްދިން ބޯޅަ، މެސީ، ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ.
ސްޕެނިޝް ލަލީގާ ފަށާނީ މާދަމާ ރޭ އެެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރަނީ ލަގަނޭސް އާއި ޑިޕޯޓިވޯ އަލްވޭސް އެވެ.