ކުޅިވަރު

ސެވިއްޔާ، ސެލްޓިކް އަދި ނަޕޯލީ ޗެމްޕިއަންސް ލީގާ ގަތަށް

Aug 17, 2017

ޕްލޭއޮފްގެ ފުރަތަމަ ލެގް މެޗުތައް ކާމިޔާބު ކޮށް، ސެވިއްޔާ އާއި ސެލްޓިކް އަދި ނަޕޯލީ ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމާ ގާތަށް ޖެހި ލައިފި އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗް ބްރެންޑެން ރޮޖާސް، ކޯޗް ކޮށް ދެމުން ގެންދާ، ސްކޮޓްލޭންޑްގެ ސެލްޓިކް، ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމާ ގަތަށް ޖެހިލީ އަމިއްލަ ދަނޑުގައި، ކަޒަކިސްތާންގެ އަސްޓާނާއާ ދެކޮޅަށް 5-0 ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައިގެން ނެވެ.

ސެލްޓިކްގެ ފަސް ލަނޑުގެ ތެރެއިން، ދެ ލަނޑު ކާމިޔާބު ކުރީ ކުރިން، ޗެލްސީ އާއި މެންޗެސްޓާ ސިޓީއަށް ކުޅުނު ފޯވަޑް ސްކޮޓް ސިންކްލެއާ އެވެ. ސެލްޓިކްގެ ފުރަތަމަ ލަނޑަކީ، އަސްޓާނާގެ ޕޮސްޓިނިކޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 32 ވަނަ މިނެޓްގައި، ސެލްޓިކްގެ އެޓޭކިން މިޑްފީލްޑާ ޓޮމް ރޮޖިކް ފޮނުވާލި ބޯޅަ ޕޮސްޓިނިކޯވް މަސައްކަތް ކުރީ ދިފާއު ކުރާށެވެ. ނަމަވެސް އޭނާގެ ފައިގައި ޖެހިފައި އެ ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

ސިންކްލެއާ، އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 42 ވަނަ މިނެޓްގައެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް، ތިން ލަނޑުގެ ލީޑެއް ސެލްޓިކަށް ހޯދައިދިނީ 60 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުން ނެވެ. ސެލްޓިކްގެ ހަތަރު ވަނަ ލަނޑު ޖޭމްސް ފޮރެސްޓް ކާމިޔާބު ކުރީ 79 ވަނަ މިނެޓްގަ އެވެ. ސެލްޓިކްގެ ފަސް ވަނަ ލަނޑަކީ އަނެއްކާވެސް، އަސްޓާނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ގެ

ރަށުން ބޭރުގައި އިސްތަންބޫލްގެ ބަޝަކްޝިއާ އަތުން، ސެވިއްޔާ އަށް މޮޅު ވެވުނީ މެޗުގެ އެންމެ ފަހު ވަގުތު އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އެ ޓީމުން ނެވެ. މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ، ސާޖިއޯ އެސްކްޑޭރޯ ޕަލޯމޯ އެވެ.

މެޗުގެ 64 ވަނަ މިނެޓްގައި، ބަޝަކްޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އެލްޖޭރޯ އޭލިއާ އެވެ. މެޗުގެ 84 ވަނަ މިނެޓްގައި، ސެވިއްޔާ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ، ވިސާމް ބެން ޔާދެރު އެވެ.

އިޓަލީގެ ނަޕޯލީ، ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖާ ކައިރިއަށް ޖެހިލީ ފްރާންސްގެ ނީސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިގެން ނެވެ. މެޗުގައި ނީސްގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. ފުރަތަމަ ރަތް ކާޑު ދެއްކީ ވިންސެންޓް ކޯޒީއެލޯ އަށެވެ. އޭނާ އަށް ސީދާ ރަތް ކާޑު ދެއްކީ، ނަޕޯލީގެ ޕިއޮޓޯ ޒެލީންސްކީ އަށް ޓެކްލް ކުރުމުން ނެވެ. ދެ ވަނަ ރަތް ކާޑު ދެއްކީ، އަލަސާން ޕްލީ އަށެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑާއެކު އެވެ.

ނަޕޯލީގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ، ޑްރިއަސް މެރެޓެންސް އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ޖޯޖީނިއޯ އެވެ.

މި ޓީމުތައް ކުޅޭ، ދެ ވަނަ ލެގް މެޗުތައް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 11:45 ގަ އެވެ.