ކުޅިވަރު

ބާސާގެ ރަންޒަމާން ނިމުމަކަށް އައީތަ؟

Aug 17, 2017
3

އެންމެ ފަހުގެ ޗެމްޕިއަންސްލީގްގެ ކްއާޓާ ފައިނަލުން ސްޕެއިންގެ، ބާސެލޯނާ ކަޓައިގެން ދިޔައީ އެވެ. މިދިޔަ ސީޒަންގެ ސްޕެއިންގެ ލަލީގާ އެ ޓީމަށް، ގެއްލުނީ އެވެ. ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު، ސްޕެނިޝް ސްޕަ ކަޕްގެ ދެ ލެގް މެޗުގައިވެސް ވާދަވެރި ރެއާލް މެޑްރިޑް އަތުން އެ ޓީމް ވަނީ ބަލިވެފަ އެވެ. މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ވަންދެން ދުނިޔޭގެ ފުޓްބޯޅައިގައި ވިދުން ގަދަވި ބާސެލޯނާގެ، އެންމެ ފަހުގެ ނަތީޖާ ތަކެވެ. ބާސާގެ އެ ރަންޒަމާނުގައި އެޓީމުން ވަނީ 2009/2010 ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ޑޮމެސްޓިކާއި އިންޓަނޭޝަނަލް ލެވަލްގައި ފުޓްބޯޅަ ޓީމަކަށް ކާމިޔާބު ކުރެވޭނެ ހުރިހާ މުބާރާތެކެވެ.

ނަމަވެސް، އެއީ މާޒީ އެވެ. އެ ރަންޒަމާނުގައި އޮތް ޕެޝަން، އާއި ހިތްވަރު ބާސާއިން މި ވަނީ ފަނޑުވެފަ އެވެ. އުފެދޭ ސުވާލަކީ ބާސާގެ އެ ރަންޒަމާނުގެ ގޮތުގައި ފާހަގަ ކުރި ޒަމާން ނިމުމަކަށް އައީ ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ދިނުމުގައި އުފައްދަން ޖެހޭނީވެސް ސުވާލު ތަކެކެވެ. ބާސާގައި ގޯސް ކޮށް ދިޔައީ ކޮންކަމެއް ހެއްޔެވެ؟ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ އަދި ހައްލަކީ ކޮބާ ހެއްޔެވެ؟ ބާސެލޯނާއަށް އޮތީ ދެން ކޮންކަމެއް ހެއްޔެވެ؟

މިހުރިހާ ސުވާލަކަށްވެސް އޮތީ އެއް ޖަވާބެކެވެ. ޓްރާންސްފާގެ ޑީލް ތަކެވެ. ޓީމުގެ ޓްރާންސްފާ އެކިއުރޭޓް ޑީލް ތަކެއް ނުހެދުމެވެ. ދެހާސް ސާދަ ވަނަ އަހަރު، ލުއިސް ސުއަރޭޒް، ބާސާ އަށް ގެނައި ފަހުން، ޓްރާންސްފާގައި އެޓީމަށް ރަނގަޅު އެއްބަސްވުންތަކެއް ހެދިފައެއް ނުވެ އެވެ. ނުވަތަ ޓީމަށް ގެނައީ، އެންމެ ފައިދާ ހުރި ކުޅުންތެރިންނެއް ނޫނެވެ.

ތިރިސް މިލިއަން ޕައުންޑް (595 މިލިއަން ދިވެހި ރުފިޔާ) ހޭދަ ކޮށް، އެޓީމަށް ގެނައި، އަރުދާ ތުރާންއަށް، އެންމެ ބޭނުންވާ ކުޅުމެއް ނުދެއްކުނެވެ. އޭނާ އަކީ އެތުލެޓިކޯ މެޑްރިޑްގައި މޮޅު ކުޅުމެއް ދެއްކި، ކުޅުންތެރިޔެކެވެ. ނަމަވެސް، ބާސާގައި އޭނާ އަށް ޖާދޫ ތަކުރާރެއް ނުކުރެވުނެވެ. ދެން އަނެއްކާވެސް 30 މިލިއަން ޕައުންޑް ހޭދަ ކޮށް ގެނައީ ވެލެންސިއާ އަށް ކުޅެމުންދިޔަ އެންޑްރޭ ގޯމޭޒް އެވެ. އޭނާގެ ފަރާތުންވެސް، އެންމެ ބޭނުންވި ކުޅުމެއް ނުނެރެވުނެވެ.

އަނެއްކާވެސް، ވެލެންސިއާ 30 މިލިއަން ޕައުންޑް ދީފައި، ގެނައީ ޕަކޯ އަލްކޭސާ އެވެ. އެންމެ އެދެވޭ ނަތީޖާ އެއް ނުނެރެވުނެވެ. އަލްކޭސާ އަކީ ބާސާއިން ވެލެންސިއާ އަށް ލޯން އެއްބަސްވުމުގެ ދަށުން ދޫކޮށްލި، މުނީރު އަލް ހައްދާދީ އަށް ވުރެ ތިން ގުނަ އަގުބޮޑު ކުޅުންތެރިޔެކެވެ. ދެން ހެދުނު އެންމެ ބޮޑު ގޯހަކީ ބާސާގެ ކޮންޓްރެކްޓްގައި ހުއްޓައި ޑެނީ އަލްވޭސް ޔުވެންޓަސްއަށް ދޫކޮށްލުމެވެ. އޭނާގެ މަގާމު ފޫބައްދަން ގެނައީ ސެވިއްޔާގެ އެލެކްސް ވިޑާލް އެވެ. މިދިޔަ ސީޒަންގެ މެދުތެރޭގައި އޭނާ އަށް ކުރިމަތިވި އަނިޔާ ހެދި، އޭނާގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ. ދެން ހިމެނެނީ، ލޫކަސް ޑީނިއެ އާއި ޑެނިސް ސުއަރޭޒް އެވެ. ނަމަވެސް އެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ޓީމަށް ގެނައި ކުޅުންތެރިން ގެނައުމުގައި، އެކިއުރޭޓް ނަތީޖާއެއް ނުނެރެވުމުން ސްޕޯޓިން ޑިރެކްޓާ ރޮބަޓް ފެނާންޑޭޒް ޒިންމާ ނަގަން ނުޖެހޭ ބާވައެވެ. އޭނާ ޓީމަށް ގެނައި، ބައެއް ކުޅުންތެރިންނަކީ، އޭރު ބާސާގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިންނެއް ނޫނެވެ. އެގޮތުން އެއް ކުޅުންތެރިޔަކީ ތުރާން އެވެ. ބާސާއަށް އެންމެ ފަހުން ގެނައި، ބްރެޒިލްގެ ޕައުލީނީއޯ އަކީވެސް ބަސާގެ ޕްލޭންގައި ހިމެނިގެން ގެނައި ކުޅުންތެރިޔެއް ނޫނެވެ. އޭނާ ގެނައީ، ބާސާއަށް ގެންނަން މަސައްކަތް ކުރި ކުޅުންތެރިން ނުލިބުމުން ނެވެ.

ޓްރާންސްފާގައި، ބާސާއަށް، ކަނާތު ބެކެއް ބޭނުން ވެއެވެ. އަދި ވާތު ބެކެއްވެސް މެއެވެ. އަދި އެންމެ މުހިންމު ކަމަކަށް ޓޮޕް މިޑްފީލްޑަރެކެވެ. މިހާރު ނޭމާގެ މަގާމު ފޫބައްދާނެ ކުޅުންތެރިޔެއްވެސް އެބަ ބޭނުންވެއެވެ. ޓްރާންސްފާ ޕީރިއަޑްގައި، ބާސާއަށް ނަން މަޝްހޫރު ބޮޑު ކުޅުންތެރިޔެއް ގެންނާނެ ކަމަށް ފެނާންޑޭޒް ވަނީ ބުނެފަ އެވެ.

ކަނާތު ބޭކަށް ބާސާއިން ވަނީ އާސެނަލްގެ ސްޕެއިންގެ ޑިފެންޑަރު ހެކްޓާ ބެޔަރިންއަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. އެވެ. ނަމަވެސް، އާސެނަލްއިން، އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. މިޑްފީލްޑް ލައިނަށް، ލިވަޕޫލްގެ ބްރެޒިލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ގެންނަން އަގުބޮޑު ޓްރާންސްފާ އެއް ހުށަހެޅި އެވެ. ކުޓީނިއޯއަކީ، އެޓޭކިން މިޑްފީލްޑާ އަންދުރޭ އިނިއެސްޓާއާ އެކު، މިޑްފީލްޑްލައިން ވަރުގަދަ ކޮށްދޭނެ ކުޅުންތެރިޔެކެވެ. ނަމަވެސް 100 މިލިއަން ޔޫރޯގެ ބޮޑު އަގެއް ހުށަހެޅުމުންވެސް އޭނާ ދޫކޮށްލަން، ލިވަޕޫލުން ބޭނުމެއް ނުވި އެވެ.

ނޭމަގެ މަގާމު ފޫބައްދަން، އެ ޓީމުން ވަނީ، ބްރޫޝިއާ ޑޯޓަމުންޑްގެ އުސްމާން ޑެމްބެލޭ ގެންނަން ހުށަހަޅާފަ އެވެ. ނަމަވެސް، ޑޯޓަމުންޑުންވެސް ބާސާ އަށް ދިނީ "ނޫން" ޖަވާބެވެ.

މައްސަލައަކީ، ޓްރާންސްފާގައި އެކިއުރޭޓް އެއްބަސްވުންތަކެއް ނުހެދުން އެކަންޏެއް ނޫނެވެ. އަދި އެއީ އެންމެ ބޮޑު މައްސަލައެއްވެސް ނޫނެވެ. ބާސާގެ ރަންޒަމާނުގައި އެ ޓީމުން، ކާމިޔާބު ހޯދީ އެ ޓީމުގެ އަމިއްލަ އެކެޑެމީން އުފެއްދި ކުޅުންތެރިން ހިމަނައިގެން ނެވެ. ކާލޯސް ޕްޔޯލް، ވިކްޓާ ވެލްޑެސް، ޒަވީ ހެނާންޑޭޒް، އަންދުރޭ އިނިއެސްޓާ އާއި ލިއޮނަލް މެސީ އަކީ ބާސާގެ އަމިއްލަ އެކެޑެމީން އުފެއްދި 100 ޕަސަންޓް ބާސާގެ "ޕްރޮޑެކްޓް" ތެކެވެ.

ނަމަވެސް، މިހާރު ބާސާގެ ޔޫތު ސިސްޓަމްގެ ތެރެއިން، ބާސާގެ ސީނިއާ ޓީމަށް، އެންމެ މުހިންމު ކުޅުންތެރިން ނުއުފެއްދެ އެވެ. ބާސާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ، އޭރުވެސް އަދި މިހާރުވެސް ބާސާއަށް ކޮށްފައި އޮތް އިލްތިމާސެއް އެބައޮތެވެ. އެއްދުވަސްވަރެއްގައި، އެންމެ އުހުގައި ވިދާވިދާ ހުރި ނަމަވެސް އެކަން އަބަދު ދެމި ނޯންނާނެ ކަމަށެވެ. އެގޮތުގައި ދަމަހައްޓަން، ބޭނުން ނަމަ، ގެންނަން ޖެހޭ ބަދަލުތައް ރިވިއުކޮށް ގެންނަން ޖެހޭނެ ކަމަށް، ގަޑިއޯލާ ދިޔައީ ބުނަމުން ނެވެ. ބާސާގެ ޔޫތު ސިސްޓަމް ނުވަތަ ލަމާސިއާ ބަދަލެއް ބޭނުން ވެއެވެ. ކުރިން އުފެއްދި، ކޮލިޓީ ޕްރޮޑެކްޓް އުފެދޭނެ ގޮތަކަށް، މިހާރު ބަދަލު ކުރަން ޖެހެ އެވެ. އަލުން ރަން ޒަމާން ތަކުރާރު ކުރުމަށެވެ.