(15 އޯގަސްޓް 2017 އާ ގުޅޭ) -- "ދުލުން ނުބުނާތީ ނުދާންތަ ތި ހުންނަނީ... މައްސަލައެއްނެތް... ރުބީނާ މިވަގުތުން ފެށިގެން ތީ މިނިވަނެއް. އަޅުގަނޑުގެ އަނތްބެއްނޫން" ޤައިސްގެ ބަސްތައް އިވުމާއެކު ރުބީނާ ހުއްޓުން އެރިއެވެ. އެތަނުގައި ހުރި އައިރާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ލޫކަންގެ މޫނުން ފެނިގެންދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޤައިސް އިސްޖަހާލީ ފުރަތަމަ ފަހަރަށް ހަޔާތުގައި ނިންމި ނިންމުމުން އަރުގައި ހިތިރަހަ ލައިފިކަމުގެ އިހުސާސް ކުރެވިގެންނެވެ.
މޫނުގައި ދެއަތް އަޅައިގެން އިނދެ ބާރަށް ރޮމުންދިޔަ ރުބީނާގެ ކޮނޑުގެ ދެފަރާތުން ޤައިސް ހިފާ އޭނާ ކޮޅަށް ނެގިއެވެ. އަދި ސިޑިއާ ދިމާއަށް އޭނާ އަނބުރާލަމުން ޤައިސްގެ ކުރިމަތިން ދުރަށް ދިއުމަށް ބުންޏެވެ. ނަމަވެސް ރުބީނާ ފަސްއެނބުރި ބަލާލީ ލޫކަންގެ ގާތުގައި ހުރި އައިރާއަށެވެ. މިއަދު އޭނާއަށް މިހާ ދެރަގޮތެއް މެދުވެރިމިވީ އައިރާގެ ސަބަބުންނޭ އަދިވެސް އޭނާއަށް ހީވާ ކަހަލައެވެ. ނަމަވެސް ރުބީނާގެ ޟަމީރު އޭނާގެ ނަފުސުގެ މައްޗަށް އަޑުލައިގަތެވެ. ފެންކަޅިވެފައިވާ ދެ ލޮލުން ރުބީނާއަށް ބަލަހައްޓައިގެން އައިރާ ހުރިއިރު އޭނާގެ ހިތުގެ ސާފުކަން އެ މޫނުމަތީން ފާޅުވޭވޭ ހުއްޓެވެ. އެހިނދު ރުބީނާގެ ހިލަވެފައި އޮތް ހިތުގެ ބޭރުގައިވާ ތޮށިގަނޑު ފުނޑުފުނޑުވެ އެ ހިތުގައި ރަޙުމާއި ކުލުނުގެ ވިންދު ޖަހައިގަތެވެ. އޭނާދެކެ ލޯބިވާ ފިރިހެންދަރިފުޅު ނިޔާނުގެ ނަން ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އެ ދަރިފުޅުގެ މަތީން ހަނދާންވީ އަދިކިރިޔާ ކަހަލައެވެ. ކުއްލިއަކަށް ރުބީނާއަށް އޭނާގެ މޭގައި އަތްއަޅާލެވުނީ އައިރާގެ އަތުގައި އޮތް އައިޒަން ކުކުރާލާފައި ރޯލުމުންނެވެ. އައިރާ ދަރިފުޅު މޭގައި ޖައްސާލައިގެން ހުރެ އެ ކުއްޖާ މަޑުމަޑުން ތަޅުވާލީ "ނާނާ" ކިޔާ އުސޫލުންނެވެ. ރުބީނާއަށް ދެ ލޯ މަރާލެވުމާއެކު މޫނުގައި ދެއަތް އަޅާ ދެފަރާތަށް ބޯހޫރާލެވުނެވެ.
"އެ ހުރި އަންހެންކުއްޖާގެ އަތުގައި އެވަނީ ރުބީނާގެ މާމަ ދަރިއެއްނޫންތަ؟...." ޤައިސް ބުނިފައިވާ ޖުމްލައެއް ރުބީނާގެ ކަންފަތްދޮށުގައި ގުގުމާލިއެވެ.
ހިތްފަޅައިގެން ދިޔަ މީހަކު ފަދައިން ރުބީނާއަށް ގިސްލެވުނެވެ. މައްޗަށް އަރާން ހުރި ސިޑިއާ ދިމާއަށް ރުބީނާ ދުއްވައިގަތެވެ. ދެތިން ހަރުފަތް ހުރަސްކޮށް މައްޗަށް އެރުނު ތަނާހެން ސިޑީގެ މެދެއްހާ ހިސާބުގައި ގަނޑުވެފައި ހުރި މައުރީން ފެނުނެވެ. ހުއްޓެވުމާއެކު ކަރުނުން ފުރި ބަންޑުންވަމުން ދިޔަ ދެ ލޮލުން ދަރިފުޅަށް ރުބީނާ ބަލާލިއެވެ. މައުރީނާ ދިމާއަށް ރުބީނާ އަންނާންފެށުމުން އެކުއްޖާ ދެބުމަ ގޮއްޖާހިލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައެވެ.
ސުކޫލުން އައިސް ފެންވަރާލައިގެން ކާކޮޓަރިއަށް ދިއުމަށް މައުރީން ސިޑިން ފައިބަނިކޮށް ބޮޑުކޮޓަރިތެރޭގައި ހޫނު ބަހުސެއް ހިނގާގެން ހީވެ އޭނާ ވެސް މަޑުކޮށްލީއެވެ. އެހިނދު އައިރާއާއި އޭނާގެ އަތުގައި އޮތް ކުޑަކުއްޖާ މައުރީނަށް ފެނުނެވެ. އަދި އެވަގުތު ހިނގަމުންދިޔަ ހުރިހާ ކަމެއް އޭނާއަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ. ދެއްކި ހުރިހާ ވާހަކައެއް އޭނާގެ ކަންފަތަށް އަޑުއިވިއްޖެއެވެ. ޤައިސް އޭނާގެ މަންމަ ވަރިކުރީކަން މައުރީނަށް ޔަގީންވީއެވެ. ދުވެފައި ކޮޓަރިއަށް އައީ އެ މަންމައާ ކުރިމަތިލާން ބޭނުންނުވެގެންނެވެ.
ސޯފާގައި ޤައިސް އިށީނުމާއެކު ލޫކަން ވެސް އައިރާ ގޮވައިގެން އައިސް ޤައިސްއާ ކުރިމަތިވާނޭހެން އިށީނެވެ. އިސްޖަހާލައިގެން އިރުކޮޅަކު އިނުމަށްފަހު ޤައިސް އިސްއުފުލާލާ އައިރާއަށް ބަލާލިއެވެ.
"އައިރާއަށް އެފަދަ އަނިޔާއެއް ލިބުނީތީ ވަރަށް ދެރަވެއްޖެ. އެކަމަކު ރުބީނާގެ އެފަދަ ރޭވުންތަކަކީ އަޅުގަނޑަށް އެނގިފައިވާ ކަންކަމެއްނޫން. އެކަމުގައި އަޅުގަނޑުގެ ބައިވެރިވުމެއްނެތް. އެހެންވިޔަސް މިއަދު މިހެން ބުނާއިރު ޤަބޫލުކުރާން އުނދަގޫވާނޭކަން އެނގޭ. އައިރާ... އަޅުގަނޑަށް މާފުކުރޭ... ލޫކަންގެ މި ބައްޕައަށް މާފުކޮށްދީ" ޤައިސްގެ އަޑުގައިވަނީ މަޑުމައިތިރިކަމާއި މޮޅިވެރިކަމެވެ. އައިރާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ނަމަވެސް ބޯޖަހާލީ ޤައިސްއަށް މާފުކޮށްފީމޭ ބުނުމުގެ ގޮތުންނެވެ.
އައިރާއާ ބެހޭ އިތުރު ކަންތައްތައް އޮޅުފިލުވާން ޤައިސް ބޭނުންވިއެވެ. އެކަމާ އޭނާ ސުވާލުކުރީ ލޫކަންއާއެވެ. ބޭނުންވީ ދައްކާ ވާހަކައެއް އައިރާ ވެސް ބައިންދައިގެން ދައްކާށެވެ. ނަމަވެސް ލޫކަންއަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނާ އެދުނީ ބައްޕައާ އެކަނި އިނދެ ވާހަކަދައްކާލާށެވެ. އެކަމުގެ އިޒުނައަށް އެދުމުން ޤައިސް ހުއްދަ ދިނެވެ. ލޫކަން އަވަހަށް ގޮވާލީ ކެތުލީނަށެވެ. އަދި އޭނާއާއެކު އައިރާ ގެންދިއުމަށް ލޫކަން އެދުނެވެ. ކެތުލީނުގެ މޫނުމަތިން ފާޅުވެގެންދިޔަ އުފާވެރިކަން ޤައިސްއަށް ވެސް ފެނުނެވެ. އެ ގޭގެ ޚާދިމުން ވެސް އެ އަންހެންކުއްޖާ ބަލައިގަނެފައިވާކަން ޤައިސްއަށް އެނގުނެވެ.
"ލޫކް! ރުބީނާގެ ފަރާތުން ބަދަލު ހިފާން ކުރާ ކަމެއްތަ ތީ؟ މިހާރު އޭނާގެ ނުބައިކަން ވެސް އެނގިއްޖެ. ތީ ކުޅޭ ޑްރާމާއެއްނަމަ ހުއްޓާލަންވީ ވަގުތު ޖެހިއްޖެ" ލޯމަތިން އައިރާ ގެއްލުމާއެކު ޤައިސް ވާހަކަދައްކަން ފެށިއެވެ.
"ޑޭޑް! މީ ކުޅޭ ޑްރާމާއެއްނޫން. އަޅުގަނޑު ހަޤީޤަތުގައި ވެސް އައިރާދެކެ ވަރަށް ލޯބިވޭ. އޭނާއާ ގުޅޭން ބޭނުންވީ ވެސް އަޅުގަނޑު. އަޅުގަނޑަށް އެނގޭ އައިރާއަށް އަޅުގަނޑު ދެކެ ލޯބިވާން ދުވަސްނަގާނެކަން... އަޅުގަނޑު ކެތްތެރިވާނަން. އައިރާއަށް އަޅުގަނޑުދެކެ ލޯބިވެވެންދެން... އަޅުގަނޑު އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން ބޭނުން... ވަރަށް ދުވަހު އައިރާ ހިތާމަކޮށްފި. ވަރަށް ރޮއެފި... ވަރަށް ކެތްކޮށްފި..." ލޫކަން އޭނާގެ ބައްޕައަށް ހުރިހާ ވާހަކައަށް ކިޔައިދިނެވެ. އެއަޑުގައި ވާ ރިހުން އިހުސާސްވިއެވެ. އޭނާގެ ހިތުގެ ހާލު ބަޔާންކުރުމުގައި އެއްވެސް ކަމެއް އުނިވިޔަ ނުދިނެވެ. އެންމެ ފުރަތަމަ އޭނާއަށް އައިރާ ފެނުނު ވަގުތު ހިނގައިގަތް ޝުޢޫރުން ފެށިގެންނެވެ. އެ އަންހެންކުއްޖާގެ މައްޗަށް ހިތްލެނބުނީ އޭނާގެ ހުރިހާ ހަޤީޤަތެއް އެނގި ހުރެއެވެ. ދުނިޔެއިން ހާޞިލުކުރާން އެދުނު ލޯތްބަކީ އެއީއެވެ. ނަމަވެސް ލޫކަންއަށް އައިރާއާ ބައްދަލުވި އިރު އައިރާގެ ހިތަކީ ނިޔާނުގެ އެއްޗެއްކަން އޭނާއަށް ހުރިހާ ގޮތަކުން ވެސް އެނގެއެވެ. ލޫކަން އެހިތުގެ މައްޗަށް ވެރިވެގަތުގެ ގަސްދެއްނެތެވެ. އޭނާ ބޭނުންވަނީ އެ ހިތުގައި އޭނާ ވެސް ވާކަން އެނގުމެވެ. އެ ހިތުން ޖާގައެއް ލިބުމަކީ ވެސް ނިޢުމަތެވެ. ލޯބިވުމަކީ އޭގެ ފަހުގެ ކަމެކެވެ.
ދަރިފުޅުގެ ވާހަކަތައް އެހުމަށްފަހު ޤައިސްއަށް ފައިސަލާ ކުރާކަށް އުނދަގުލެއްނުވިއެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވާ ލުއި ހިނިތުންވުން އެކަމަށް ހެކިދެއެވެ.
"ތި ލޯތްބަށް ބައްޕަ ޤަދަރުކުރަން. ތި ދެ ކުދީން ކައިވެނި ކުރާން ބޭނުންވާނަމަ ހަމަ ކުރިއަށްދާންވީ. ބައްޕައަށް ވެވޭން އޮތް އެހީތެރިކަމެއްވިއްޔާ ކޮށްދޭނަން. އައިރާ ދެން ހުންނާނީ މިގޭގައި... އޭނާއަށް އެއްވެސް ކަމެއް ދެން އުންޏެއްނުވާނެ. އައިރާއަކީ އަޅާލާނޭ މީހަކުނެތް ކުއްޖެއްނޫން. މިއަދުން ފެށިގެން އައިރާއަކީ ލޫކަންގެ ވާންއުޅޭ އަނބިމީހާ. މުސްތަޤުބަލުގައި ބައްޕަގެ ދަރިއެއް. މަރިޔަންދީ ގާތު ބުނޭ ކޮޓަރިއެއް ތައްޔާރުކުރުމަށް..." ޤައިސް ވާހަކަދެއްކުން ހުއްޓާލީ ލޫކަން ވާހަކައެއް ބުނާން ބޭނުންވެފައި އިންހެން ހީވެގެންނެވެ.
"ޑޭޑް!... މިރޭ ހައިކަލް އަންކަލް މިގެއަށް އަންނާނެ. ބައްޕައާ ބައްދަލުކުރާން. ބޮޑު ވާހަކައެއް ދައްކަންވެފައި އޮތީމަ. އައިރާގެ ކަންތައް ނިންމާނީ އޭގެ ފަހުގައި" ލޫކަން ބުންޏެވެ. ހައިކަލްމެން ގެއަށް ލޫކަން އައުމުން މެންދުރު އޭނާއާ އެކަހެރިކޮށް ހައިކަލްވަނީ ބައްދަލުކޮށް ވާހަކަތަކެއް ދައްކާފައެވެ. އަދި އެގޮތަށް ޢަމަލުކުރާން ލޫކަން ވެސް ވަނީ ނިންމާފައެވެ. އޭނާ އެއީ ކޮން ވާހަކައެއްކަމެއް ޤައިސްގެ ގާތަކު ނުބުންޏެވެ.
ޚާދިމުންގެ ބަޔަށް އައިރާ ގޮވައިގެން އައިސް ކެތުލީނު ވަނެވެ. އައިރާގެ ދަރިފުޅު އެންމެ ފުރަތަމަ ވެސް އުރާލީ މަރިޔަންދީއެވެ. ކެތުލީނާއި މޯނާ ހީވަނީ އެ ތުއްތު ކުއްޖާއާ ހެދި މޮޔަވެދާނެހެނެވެ. ބޮޑުގަސްދަށުގައި ހުރި މޭޒުގެ ދޮށުގައި އައިރާ އިނެވެ. އައިރާގެ ހާލު މަރިޔަންދީ އޮޅުންފިލުވާލިއެވެ.
ލޫކަންއާއެކު ޤައިސް ވެސް ގޭގެ ބިއްދޮށަށް ނުކުތެވެ. ހައިރާންކަން އިތުރުވީ ޚާދިމުންތައް އައިރާއާއި އޭނާގެ ދަރިފުޅު ގޮވައިގެން އުޅޭގޮތް ފެނިފައެވެ. މަރިޔަންދީ ހިނިއައިސްފައި އިނދެ ދަރިއެއްގެ ގައިގާ ފިރުމާ އުސޫލުން އައިރާގެ ގައިގާ ފިރުމަމުން ދިޔައެވެ. އެންމެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ލޫކަންއާއި ޤައިސް އެތަނަށް ނުކުތުމުންނެވެ. އައިރާ ވެސް އިށީނދެ އިނދެފައި ތެދުވެއްޖެއެވެ. ހިނިތުންވެލައިގެން ހުރި ލޫކަން އައިސް މޯނާގެ އަތުގައި އޮތް އައިޒަން އުރާލިއެވެ. އަދި އެކުއްޖާ ގޮވައިގެން އައިސް ޤައިސްގެ ގާތުގައި ހުއްޓިލިއެވެ. އެ ތުއްތު މޫނަށް ބަލާލުމާއެކު ޤައިސްގެ މޫނު އުޖާލާވެގެން ދިޔަތަން ފެނުނެވެ. އޯގާތެރިކަމާއެކު ލޫކަންގެ އަތުން އައިޒަން ނަގާ އުރާލިއެވެ.
* * * *
"ދެން ކިހިނެއްވާނީ؟ ޑިވޯސްޑްވީމަ މަންމައަށް މިގެއަކު ނުހުރެވޭނެ... ނޯ ނޯ! އަހަރެން ބޭނުމެއްނޫން މިގެއިން ދާކަށް" ކޮޓަރީގައި އޮތް މައުރީންގެ ހިތަށް އަރަމުންދިޔައެވެ. އޭނާއަށް ލިބިފައިވާ މިނިވަންކަމާއި މުއްސަނދި ދިރިއުޅުމަށް ވާނޭ ގޮތަކާ މެދު އިންތިހާއަށް ކަންބޮޑުވެފައި ވެއެވެ. އެކި ގޮތްގޮތަށް އޭނާ ވިސްނަމުންދިޔައެވެ.
ރުބީނާ ވެސް ކޮޓަރިއަށް ވަންގޮތަށް ނުނިކުތެވެ. އެނދުކައިރީ އިށީނދެ އެނދުގައި ބޯއަޅާލައިގެން އިނދެ އޭނާއަށް ރޮވެނީއެވެ. ޤައިސްއާއެކު ދިރުއުޅޭން އޭނާ ނުހަނު ބޭނުމެވެ. ޤައިސްއަކީ އޭނާ ބޭނުންވި ފަދަ ފިރިހެނެކެވެ. އެކަމަކު މިއަދު އޭނާގެ އަތުން އެ ނިޢުމަތްގެއްލިގެން ދިޔައީ ހީ ވެސް ނުކުރާ ފަދަ ގޮތަކަށެވެ. ކޮންމެ މީހަކަށް ވެސް މި ދުވަސް އަތުވެދާނެއެވެ. އެކަން ރުބީނާއަށް ކުރީން ވިއްސާނުލެވުނީއެވެ. ލެއްވި ނިޢުމަތާމެދު ޝުކުރުވެރިވުމަށްވުރެ އެހެންމީހުންގެ މައްޗަށް ހިތުގައި އޮތް ކިލަނބުކަން އިތުރުވީމާ ވާނީ މިފަދަ ދެރަ ގޮތްގޮތެވެ. މިއަދު އޭނާހާ ނިކަމެތި އަންހެނެއް ކޮބައިހެއްޔެވެ. އެކަން ޚުދު އޭނާއަށް އެނގެއެވެ. ރޮއެރޮއެ އިން ރުބީނާގެ ސަމާލުކަން ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެ ދިމާއަށް ދެވުނެވެ.
"ޤައިސް! އަޅުގަނޑަށް މާފުކުރޭ... އާދޭސްކުރާން... އަޅުގަނޑު ފޮނުވާނުލާ" ދޮރުން އެތެރެއަށް ވަދެގެން އައި ޤައިސް ފެނުމާއެކު ރުބީނާ ބުންޏެވެ. ޤައިސް ފާޚާނާއާ ދިމާއަށް ގޮސްފައި ވެސް ހުއްޓުނެވެ.
"ރޫބީ މި ކޮޓަރިއަށް ދެން ނުވަންނާތި. ތިންމަސް ވާންދޭން މިގޭގައި ބައިންދާނަން. އޭގެ ފަހުގައި އަމިއްލައަށް ގޮތެއް ހޯދައިގެން މިގެއިން ރޫބީ ނުކުތުން އެއީ އަޅުގަނޑު ބޭނުންވާގޮތް. ހިތަށް އެރީ ޚާދިމުންގެ ބައިގައި ހުރި ކޮޓަރިގަނޑަށް ފޮނުވާލަން. އެކަމަކު އަޅުގަނޑަކީ ރޫބީހާ ރަޙުމުކުޑަމީހެއްނޫން. ރޫބީގެ އަންހެންދަރިފުޅު އުޅޭ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި އެއީ މިހާރު ރޫބީގެ ކޮޓަރި. ތިން މަސް ވާންދޭން މިގޭގައި އިން ކަމުގައި ވިޔަސް ފެންނަ ހިސާބަށް ނައިސް އުޅޭންވާނީ. ރޫބީގެ ދަރިފުޅަށް މި ހުރިހާ ވާހަކައެއް ކިޔައިދީ. އޭނާއަށް އެނގެން ޖެހޭނެ މިގޭގައި ދެން ތި ދެމައިންނަށް ނުތިބެވޭނެކަން. މީ ރޫބީގެ ސަބަބުން އަޅުގަނޑަށް ނިންމަން ޖެހުނު ނިންމުމެއް. އެހެންވީމަ މިވަގުތުން ފެށިގެން މިކޮޓަރީގައި ހުރި ރޫބީގެ އެއްޗެހި ނެރޭ. ރޫބީއަށް ދީފައި ހުރި ކޮންމެ އެއްޗަކީ ރޫބީގެ އެއްޗެއް. އަޅުގަނޑު އެއްވެސް އެއްޗެއް އަނބުރާ ހޯދާކަށް ބޭނުމެއްނޫން. ތިހެން ނީނދެ އެއްޗެހިތައް ތައްޔާރުކުރޭ. ފޮށްޓަށް ހުރިހާ އެއްޗެއް ނޭޅޭނަމަ މަރިޔަންދީ ގާތު ބުނޭ. އޭނާ ސޯމޫ ލައްވާ ފޮށްޓެއް ގެނެސްދޭނެ" ޤައިސް ބުނާންވާ އެއްޗެއް ބުނުމަށްފަހު ވަނީ ފާޚާނާއަށެވެ.
* * * *
އިޝާ ނަމާދުން ފައިބައިގެން ހައިކަލްއާއި ޒޭން އެރީ ހުޅުމާލެއަށެވެ. އެ މީހުން ބަލާ ޤައިސްގެ ކާރު ފޮނުވާފައި އޮތެވެ. ޑްރައިވަރު އެ މީހުން ގޮވައިގެން ގެއަށް އައިއިރު ރޭގަނޑު އަށެއް ޖަހައިފިއެވެ. ދޮރުވާނު ހައިކަލްއާއި ޒޭން ގޮވައިގެން އައިސް ބޮޑުކޮޓަރިއަށް ވަނުމަށް އިޝާރާތްކުރިއެވެ. ސޯފާގައި ތިބި ލޫކަންއާއި ޤައިސް ކޮޅަށް ތެދުވީ ގެއަށް އައި މެހެމާނުން ފެނުމުންނެވެ. ޤައިސް ފުޅާ ހިނިތުންވުމަކާއެކު ހައިކަލްއާއި ޒޭންއަށް އެ ގެއަށް މަރުޚަބާ ކިއުމާއެކު ސަލާމްކުރިއެވެ. ހަމައެއާއެކު ޤައިސް ހައިރާންވީ ހައިކަލްއާއި ޒޭން ވައްތަރުކަމުންނެވެ.
"ކާގަޑިވީމާ ކައިގެން އައިހެއްނު ވާހަކަދައްކާލަން މަޑުކޮށްލާނީ..." ޤައިސް ބުނެލިއެވެ. އެކަމާ ހައިކަލް އެއްބަސްވިއެވެ.
ރޭގަނޑުގެ ކެއުމުގައި ކާމޭޒު ދޮށުން ނުފެންނަނީ ރުބީނާއާއި މައުރީނެވެ. ޤައިސް އަންގާފައިވަނީ އެރޭގެ ކެއުން އެމީހުންގެ ކޮޓަރިއަށް ގެންދިއުމަށެވެ. އައިރާ ފެނުމުން ހައިކަލްގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެންދިޔައެވެ. އައިރާއަށް ވެސް ބަޔާންކުރާން ދަތި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ކައި ނިންމާފައި ބޮޑުކޮޓަރިއަށް އެންމެން ޖަމާވިއެވެ. އެތަނުގައި އައިރާ ވެސް އިނެވެ.
"އަޅުގަނޑު މި އައީ އަޅުގަނޑުގެ އަންހެން ދަރިފުޅާއި ލޫކަން ކައިވެނި ކުރާން ބޭނުންވާތީ އެކަމާ ވާހަކަދައްކާލަން" ހައިކަލް ބުނި އެއްޗެއް ޤައިސްއަށް ނަގައެއް ނުގަނެވުނެވެ.
"ހައިކަލްގެ ދަރިއަކާއޭ؟ ލޫކް... ލޫކް ކައިވެނިކުރާން ބޭނުންވަނީ..." ވާނުވާ ނޭނގިގެން ކަހަލަ ގޮތަކަށް ޤައިސް އޭނާގެ ދަރިފުޅަށް ބަލާލިއެވެ.
"އަޅުގަނޑުގެ ދަރިފުޅު އައިރާ. އަންހެންކުދީން ފިރިހެންކުއްޖާގެ ގޭގައި ދިރިއުޅޭން ފަށާނީ ކައިވެންޏަށްފަހު. އެހެންވީމަ ކައިވެނި ކުރެވޭންދެން އައިރާ ހުންނާނީ އަޅުގަނޑުމެން ގާތުގައި. އަޅުގަނޑު ވެސް ވަރަށް ރުހޭ ކައިވެންޏެއް މީ. ލޫކްއަކީ ވަރަށް މާތް އަޙުލާގެއް ލިބިފައިވާ ކުއްޖެއް. އަޅުގަނޑުގެ އައިރާއާ ކައިވެނިކުރާން ލޫކް ބޭނުންވާނަމަ އެކައިވެނިކޮށްދޭން އަޅުގަނޑު މި ހުރީ"
"އައިރާއަކީ ހައިކަލްގެ ދަރިއެއްކަން އަޅުގަނޑަށް ކުރިއަކުން ނޭނގޭ" ޤައިސް ބުނެލިއެވެ.
"ލޭގެ ގުޅުމެއްނެތް ނަމަވެސް އެއީ މިހާރު އަޅުގަނޑުގެ ބެލުމުގެ ދަށުގައިވާ ދަރިއެއް. އަޅުގަނޑާ ހަމައަށް ﷲގެ ރަޙުމަތުން އައީ އަންހެން ދަރިއެއް. އަޅުގަނޑު މި އައީ ކައިވެނިކުރެވޭންދެން އަޅުގަނޑާއެކު އައިރާ ގެންދާންވެގެން" ހިނިތުންވެލައިގެން އިނދެ ހައިކަލް ބުންޏެވެ. ޤައިސްއަށް ވިސްނުނީ ދެނެވެ. އޭނާ ލުއި ހީނލުމަކާއެކު ބޯޖަހާލިއެވެ.
"ލޫކަންއާއި އައިރާ ބޭނުންވާ ދުވަހަކަށް ކައިވެނި ހަމަޖައްސަންވީ. އަޅުގަނޑުގެ ރުހުން އެ ދެކުދީންނާއެކުވޭ" ހިނިއައިސްފައި އިނދެ ޤައިސް ބުންޏެވެ.
"މި ގުޅުމުގެ ސަބަބުން އަޅުގަނޑުމެން ދެ ޢާއިލާގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެގެންދާނޭކަން ޔަގީން" ހައިކަލް ވެސް ހީނލާފައި ޤައިސްއާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ.
"ހައިކަލް ކަންބޮޑުވާނަކެމެއްނެތް. އައިރާ މިގެއަށް އައުމަށްފަހު އޭނާ އުޅޭނީ އުފަލުން. އަޅުގަނޑުގެ ދަރިއެއްހެން. މާޒީގައި ހިނގައިދިޔަ އެއްވެސް ކަމެއްގެ ހިޔަންޏެއް ދެން ނޭޅޭނެ" ހައިކަލްގެ އަތުގައި ހިފާލުމާއެކު ޤައިސް ޔަގީންކަން ދިނެވެ. އެކަކަށްވުރެ ވެސް ބޮޑަށް ހައިކަލް އިތުބާރުކުރަނީ ލޫކަންއަށެވެ. އައިރާއަށް ދެރަގޮތެއްވިޔަ އޭނާ ނުދޭނޭކަން ހައިކަލްއަށް އެނގެއެވެ.
އުފާވެރި ރެއަކަށް ވެގެންދިޔައެވެ. ހައިކަލްއަކީ ޤައިސްއަށް އިތުބާރުކުރެވޭ މީހަކަށް ވިއެވެ. ހައިކަލްއާއި ޒޭން އެނބުރި ދިޔައީ އައިރާއާއި އޭނާގެ ދަރިފުޅު ގޮވައިގެންނެވެ. އަޅާލާނޭ މީހެއް މި ދުނިޔޭގައި ނުވާ ނިކަމެތި އަންހެންކުއްޖަކަށް މިއަދު ﷲ މިންވަރު ކުރެއްވި ނިޢުމަތާމެދު ޤައިސް އުފާކުރިއެވެ. ފުރިހަމަ ޢާއިލާއެއް އައިރާއަށް ލިބިއްޖެއެވެ. އޭނާ ރައްކާތެރިކޮށް ބަލަހައްޓާނޭކަމުގެ ޔަގީންކަން އެ މީހުން އެދިޔައީ ސާބިތުކޮށްދީފައެވެ. އެ ޢާއިލާއަކީ އެތައް ބައެއްގެ ޤަދަރު ލިބިފައި ނަންހިނގާ މުއްސަނދި ބައެކެވެ.
"ލޫކް ބުނީ ރަނގަޅަށް... އައިރާއަކީ އާދައިގެ އަންހެންކުއްޖެއްނޫން" ހިނިއައިސްފައި ހުރެ އަމިއްލައަށް ޤައިސް ބުނެލިއެވެ.
* * * * *
ކައިވެނީގެ ކަންކަން ހަމަޖެއްސުމުގައި ދެ ފަރާތުގެ ޢައިލާ ގުޅިގެން އުޅުނެވެ. އެ ކައިވެނި ކުރެވޭއިރު އޭނާގެ އެންމެ ގާތު އެކުވެރިޔާ ލިޒީ ކޮބާތޯ ބަލާން އޭނާ ނުހަނު ބޭނުމެވެ. އޭނާގެ ބޯމަތީގައިވި ކަޅުވިލާތައް ފިލާ ދުނިޔެމަތި އަލިވިއިރު އެ އެކުވެރިޔާއަށް ވީގޮތެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހައިކަލްއާ ހަމައަށް ޔާނާ އެ ވާހަކަ ގެންދިޔައެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް ވަކި އެއްޗެއް އަދި ނުބުނެއެވެ.
"އައިރާ! ކިހިނެއްވެފައި ތި އިނީ؟ އައިޒަން ނިދާފައިތަ؟" ހާމަފެންޑާގެ ފާރުބުރި ކައިރީ ހުއްޓިލައިގެން ހުރި އައިރާއަށް ހައިކަލް ގޮވާލިއެވެ.
"މި ހަމަ ހުރެލީ" އައިރާ ބުންޏެވެ.
"ބައްޕަ ގާތުގައި އައިރާ ވާހަކައެއް ބުނިކަން ހަނދާން އެބަހުރި. އިހަށް ދާކަށް ބައްޕައަކަށް ނުފެނޭ. އެހެންވެ އެއްޗެއް ނުބުނީ. ބައްޕަ ބޭނުންވަނީ ލޫކްގެ އަނތްބެއްގެ ގޮތުގައި އައިރާ އިނދެ އެ ރަށަށް އަރާން. ބައްޕަ ހުރިހާ ކަމެއް ހަމަޖައްސައިދޭނަން. އައިރާ ކަމަކު ބުނެ، ބައްޕަ އެކަމެއް ނުކޮށްދީ ހުރެދާނޭ ހީނުކުރައްޗޭ. ކައިވެންޏަށްފަހު މީހަކު ދެން ބުނާނޭ އެއްޗެއް ނޯންނާނެ އައިރާ ދިމާއަށް. އޭރުން ހަމަޖެހިލައިގެން އައިރާގެ އެކުވެރިޔާއާ ބައްދަލުކުރާން ދާންވީ" އައިރާގެ ގާތަށް އައިސް އޭނާގެ ބޮލުގައި ހައިކަލް އަތްޖައްސާލިއެވެ.
"އަޅުގަނޑުގެ ބައްޕަ ނުދެކެން. އެކަމަކު ބައްޕައިން ދަރީންދެކެ ލޯބިވާނީ ތިގޮތަށްކަން ޔަގީން" މަޑުމަޑުން އައިރާ ބުނެލިއެވެ. އަދި މަޢުނަވީ ބަލާލުމަކުން ހައިކަލްއަށް އޭނާ ބަލާލިއެވެ.
"އެހެންވީރު ބައްޕައަށް ބައްޕަ ކިއުމަކީ ވެސް އެންމެ ރަނގަޅު ގޮތެއްނޫންތަ؟ މި ދެމެދުގައި އެއްވެސް ދުރުކަމެއް އޮންނާކަށް ބައްޕަ ނޭދެން. ބައްޕަ ބޭނުމެއްނޫން މީހުންގެ ދޫތަކުން ތީ ބައްޕަ އަމިއްލައަށް ހޯދައިގަނެގެން އުޅޭ ދަރިއެކޭ ބުނާކަށް... ޒޭން ފަދައިން ތީ މި ބައްޕަގެ ދަރިއެއް. ހައިކަލްގެ ދަރިއެއް..." އައިރާގެ ކޮތާފަތުގައި ހައިކަލް ފިރުމާލުމާއެކު އޭނާ ގެނެސް ގާތްކޮށްލިއެވެ.
"ބައް... ބައްޕާ..." ހައިކަލްގެ ހިތުގެ އެދުން އައިރާ ފުރިހަމަކޮށްދިނެވެ.
"ބައްޕާ! ނިޔާނު ދެރަވާނެތަ އަޅުގަނޑު ލޫކްއާ ކައިވެނިކޮށްފިއްޔާ" ހައިކަލްގެ ގާތުގައި އައިރާ އަހާލިއެވެ.
"މަގޭ ދަރިފުޅާ... ނިޔާނުގެ މައްޗަށް ހެޔޮ ދުޢާކުރޭ. ދުނިޔޭގައި ނެތް މީހަކުގެ މައްޗަށް އަހަރުމެން ދިރިތިބީންނަށް ކުރެވޭނެކަމަކީ އެއީ. ﷲގެ މިންވަރުފުޅަށް ބޯލަނބަންވާނެ. އެ ދުވަހު ނިޔާނުގެ ބަދަލުގައި ދަރިފުޅު މަރުވިނަމަ ދަރިފުޅު ބޭނުންވާނެތަ ނިޔާނުގެ މުޅި އުމުރު ދަރިފުޅާ މެދު ވިސްނާ ފިކުރުކުރުމުގައި ނިޔާނު ނިމިގެންދާން... ބައްޕައަށް އެނގޭ ދަރިފުޅު ވެސް ބޭނުންވާނީ ނިޔާނު އުފަލުގައި އުޅޭންކަން... އައިރާ! ބައްޕަ މިބުނާން އުޅޭ އެއްޗެއް އެނގޭތަ؟"
"އާން! މިހާރު އެނގިއްޖެ... އަޅުގަނޑު ބޭނުމެއްނޫން އެގޮތަށް އެކަންވެ ނިޔާނު މުޅިއުމުރު ހިތާމައިގައި އުޅޭން. ބައްޕާ! އަޅުގަނޑު އުފަލުގައި އުޅޭން މަސައްކަތްކުރާނަން... ނިޔާނަށް ޓަކައި... އަޅުގަނޑުމެން ދެމީހުންގެ ދަރިފުޅަށް ޓަކައި"
"ބައްޕައަށް އެނގޭ ދަރިފުޅުދެކެ އިންތިހާއަށް ލޫކް ލޯބިވާނެކަން. ދަރިފުޅަށް ވެސް އޭނާދެކެ ލޯބިވެވޭނެ... އޭނާ ދަރިފުޅުގެ ހިތް އަތުލާނެ" ހީނލާފައި އައިރާގެ ކޮނޑުގައި ހިފައިގެން ހުރެ ދެ ކޮޅަށް ހައިކަލް ތެޅިލިއެވެ. އެއާއެކު އައިރާ ވެސް ހީނލައިފިއެވެ.
"ދެން ނެތެއްނު ގިނަ ދުވަހެއް... މި ދެމަސް ދުވަސް ހިނގައިދާނެ ވަރަށް އަވަހަށް. ބައްޕަ ބޭނުންވަނީ އައިރާގެ ކައިވެނި ވަރަށް ފުރިހަމަވާން. އިރާދަކުރެއްވިއްޔާ އެހާ ފުރިހަމަ ވާނެ" ހައިކަލް ޔަގީންކަމާއެކު ބުނެލިއެވެ.
"އަޅުގަނޑުގެ ކައިވެނީގައި ހުންނާން އެދޭ ވަރަށް މުހިންމު މީހަކު އެބަހުރި. އެވެސް ތި ފަދަ ބައްޕައެއް... އައިޒަންގެ ކާފަ" އައިރާ ބުނެލިއެވެ. (ނުނިމޭ)