ހަބަރު

އަނަސްގެ މަރާ ގުޅިގެން ކުއްޖަކާއި މީހަކު ހައްޔަރުކޮށްފި

ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މާލޭގެ ގެެއެއް ބަލައި ފާސްކޮށް މީހަކާއި ކުއްޖަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބަލައި ފާސްކުރީ، މ. ދިމިޝްގެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ބަލައި ފާސްކުރި، މ. ދިމިޝްގުން ހައްޔަރުކުރީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ކުއްޖެއް ކަަމަށެެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސް މަރާލި މައްސަލައާ ގުޅިގެން، މި މަހުގެ 12 ވަނަ ދުވަހު މ. އަސަރީހިޔާގެ ބަލައި ފާސްކޮށް ޖުމްލަ 12 މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ތެރޭގައި އަނަސްއަށް ވަޅިން ހަމަލާދީ އޭނާ މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭރު ހައްޔަރުކުރި މީހުންގެ ތެރޭގައިވެސް 18 އަހަރު ނުފުރޭ ކުޑަ ކުދިން ތިއްބެވެ.

މިފަހުން ކޮމިޝަނަރު އޮފް ޕޮލިސް ވަނީ އަނަސްގެ އާއިލާއާ ބައްދަލު ކުރައްވައި، އޭނާގެ މަރުގެ ތަހުގީގުގެ މައުލޫމާތު އެ އާއިލާއާ ހިއްސާކޮށްފަ އެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ. އޭނާގެ އާއިލާއިން މީގެ ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އަނަސް މަރާލީ، އޭނާ ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ ކުއްޖާގެ ކުރީގެ ފިރިމީހާ ރާވައިގެން އެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ޔަގީން ކުރެވިފައެއް ނުވެ އެވެ. އަނަސްގެ ބައްޕަ ބަޔާނެއް ނެރެ، ބުނެފައި ވަނީ އެފަދަ މައުލޫމާތުތައް އާންމު ނުކުރުމަށް އެދޭ ކަމަށާއި އެދެނީ އޭނާގެ ގާތިލުން ވީހާ ވެސް އަވަހަކަށް ހާމަވުން ކަމަށެވެ. އަދި ފުލުހުންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ގްރޫޕް މާރާމާރީތައް އިތުރުވެ، އަނަސްގެ ކުރިން ވެސް ޒުވާނަކު ވަނީ މަރާލައިފަ އެވެ. އޭނާގެ މަރުގެ މައްސަލަ އާއި ގްރޫޕް މާރާމާރީތަކާ ގުޅިގެން 25 އަށް ވުރެ ގިނަ ޒުވާނުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ.