ހަބަރު

މަރުގެ އަދަބުދޭތަން ދެކެން އެކަކުވެސް ބޭނުމެއް ނުވާނެ: ހާލާ

މީހަކަށް މަރުގެ އަދަބު ތަންޒީޒުކުރާތަން ދެކެން އެކަކުވެސް ބޭނުމެއް ނުވާނެ ކަމަށާއި އެކަން ހުއްޓުވަން ބައިނަލް އަގުވާމީ މުޖުތަމައުން މަަސައްކަތް ކުރާނެ ކަމަށް ސުވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު ޕްރޮގްރާމް" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހާލާ ވިދާޅުވީ ބައިނަލް އަގުވާމީ މުޖުތަމައުން އެގޮތަށް މަސައްކަތް ކުރުމަކީ ގައުމުތަކަށް އެގައުމުތަކުގެ ސިޔާދަތީ ބާރު ނެތުމެއް ނޫން ކަމަށެވެ.

" ... އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެހެންމީހެއްގެ މަރުގެ ހުކުމް ތަންފީޒުވަމުންދާތަން ދެކޭކަށް. އެހެންވީމާ އެކަން ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތައް ބައިނަލް އަގުވާމީ މުޖުތަމައުން ކުރާނެ. އެހެން ނަމަވެސް އޭގެ މާނައަކީ އެގައުމަކަށް އޮންނަ ސޮވްރެއިން ރައިޓްސް ނެތީއެކޭ ނޫން،" ހާލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ ބައިނަލް އަގުވާމީ މުޖުތަމައުން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާ ކަމަށާއި އެފާޑުކިއުންތަކީ ހަމަ އެކަނި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އަންނަ ފާޑުކިއުންތަކެއް ނޫން ކަމަށެވެ.

"... ވަރަށް ގިނަ ފާޑުކިއުންތަކެއް އާދޭ އިނގޭތޯ ހަމަ ވަކި ދިވެހިރާއްޖެއަކަށް ނޫން އަނެއްކާވެސް. ހުރިހާ ގައުމަކަށް ވެސް، މަރުގެ ހުކުމް ތަންފީޒުކުރާ އިރުގައި ހަމަ އެ ފާޑުކިއުންތައް އަންނާނެ. އާދެ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ އެގައުމަކުން ތަބާވާން ޖެހޭ ގާނޫނުތަކާ ގަވާއިދުތަކާ. އެގާނޫނުތަކާ ގަވައިދުތަކުގެ ތެރޭން މަރުގެ ހުކުމާ ހިސާބަށް ދޭތޯ ދެން އަޅުގަނޑުމެން ވިސްނަން ޖެހޭަނީ،" ހާލާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު އޮގަސްޓްމަހުގެ ހަވަނަ ދުވަހު ވިދާޅުވެފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު މަރުގެ ހުކުމް ތަންފީޒުކުރެވޭނެ ވަރަށް އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

"ސެޕްޓެމްބަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް ހޯމް މިނިސްޓަރު އަޅުގަނޑަށް އެބަ ޔަގީންކަން އެބަ ދެއްވާ ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް، ތަނެއް ތައްޔާރުކުރުމާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ،" ޕީޕީއެމްއަށް އަލަށް ބަޔަކު ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެހާ ތަނަށް މަރުގެ ހުކުމް ތަންފީޒުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައި އިސްލާމީ ކައުންސިލިންނާއި ވާރިސުންގެ ބަހާއެކު އެކަން ކުރަންޖެހިއްޖެ ބައެއްގެ މައްޗަށް އެކަން ކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ނިޒާމްތައް އިންތިޒާމްތައް ހަމަޖެހިގެންދާނެ،"

މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން އަނެއްކާވެސް ދެއްވާފައިވާއިރު މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރާ ކޮޓެރި މިހާރު ވަނީ ގާއިމުކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީން މިދިޔަ އެޕްރީލް 23 ވަނަ ދުވަހު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.