މީރާ މުހައްމަދު މާޖިދަކީ އާ މޫނެއް ނޫނެވެ. އަދި އާ ނަމެއް ވެސް ނޫނެވެ. އާންމުންގެ މެދުގައި މަގުބޫލު ލަވަ ކިޔުންތެރި އެކެވެ. ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް މިހެން ގޮސް ހުރިހާ ސޯޝަލް މީޑިއާއަކުން އޭނާ ފޮލޯ ކުރާމީހުން އެތައްހާހަކުން ގުނާލެވެ އެވެ. މިއީ އެތައް ހާސް ބައެއްގެ ހިތް ދަމައިގެންފައިވާ ހުނަރުވެރި ލަވަކިޔުންތެރި އެކެވެ. އެކަމަކު އެ ހުނަރުވެރިކަން މިހާހިސާބުން އަދި ނިންމާލެވޭކަށް ނެތެވެ.
ޓީވީ ޕްރޮގްރާމްތަކުންނާއި މީރާގެ އަމިއްލަ ލަވަތަކުން އޭނާ ފެންނައިރު މިކަން ފާހަގަވޭ ހެއްޔެވެ؟ ޒީނަތްތެރިވުމަށް މީރާ ބޭނުންކުރާ މަދު ގަހަނާތަކުގެ ތެރޭގައި އަބަދުވެސް ކަންފަތުގައި ބޮޑު ބޮޅެއް ލާފައި ހުރެ އެވެ. މީރާގެ ކަންފަތުގައި ބޮޅު ނޫން އެއްޗެއް ލައްވާފައި ހުއްޓާ ފެނުނު ހަނދާނެއްވޭ ހެއްޔެވެ؟ މިއީ މި ފަހަކަށް އައިސް ވެގެން އުޅޭ ކަމެއް ނޫނެވެ. އަބަދުވެސް އެކަން އޮތީ އެހެން އެވެ.
"އަބަދުވެސް ބޮޅު ލައްވަނީ ކަންފަތަށް، އެންމެ ކުޑައިރުން ފެށިގެންވެސް، ވަރަށް ވަރަށް ވަރަށް މަދުން ބޮޅު ނޫން އެއްޗެއް ލައްވާފައި ހުންނާނީ، ފެދާއެއް ކަހަލަ ގޮތަކަށް ހުންނަ އެއްޗެއް ލެއްވިޔަސް ބޮޅެއް އިންނާނެ،" މީރާ ބުންޏެވެ.
އަނެއްކާ އެކަމުގެ ފަހަތުގައި ބޮޑު ސިއްރެއް އޮތީ ހެއްޔެވެ؟ ފިރިމީހާ ފާލިހުއަށްވެސް ރީތީ އެގޮތް ކަންނޭނގެ އެވެ. ކަންފަތުގެ ގަހަނާއަކަށް ހަމައެކަނި ބޮޅު ބޭނުންކުރާ ސަބަބެއްވެސް ބަލައިލަން ހިނގާށެވެ.
"މާބޮޑު ކަމެއް ނޫން، މީރާއަށް ނުގުޅެނީ ބޮޅު ނޫން އެހެން އެއްޗެއް މީރާ ބޭނުންކުރީމަ، އެންމެ ކުޑައިރު ކަންފަތް ތޮރުފާފައި މަންމަވެސް ހުންނާނި ބޮޅު ލައްވައިދީފައި، އެހެންވެ ކަންނޭނގެ މީރާއަށްވެސް ރީތީ އަދި އެ ގޮތް ކަމު ދަނީ،" ހިނިގަނޑަކާއެކު މިރާ ޖަވާބު ދިނެވެ.
މީރާގެ ބޮޅު ކަލެކްޝަންގައި އިންނާނީ ގާތްގަނޑަކަށް ކިތައް ބޮޅު ހޭ ސުވާލުކޮށްފިނަމަ އެއަށް އެދެވޭ ޖަވާބެއް ނުލިބޭނެ އެވެ. އޭގެ އަދަދު ގިނަ ކަމުންނެވެ. ބައެއް ފަހަރަށް ގެއްލެންވެސް ގެއްލެ އެވެ. ގެއްލުމުން އަނެއްކާވެސް މީރާއަށް ގަނެވެނީ ކޮންމެވެސް ކަހަލަ ބޮޅެކެވެ. ރައްޓެހިންގެ ފަރާތުންވެސް ހަދިޔާއެއްގެ ގޮތުގައި ކަންފަތުގައި ލާ ގަހަނާއެއް ދޭނަމަ އެއީ ބޮޅެކެވެ.
މީރާގެ ބޮޅު ކަލެކްޝަންގައި ބޮޅުގެ ހުރިހާ ސައިޒެއް ހިމެނޭނެކަން ޔަގީނެވެ. އެންމެ ކުދި ސައިޒުން ފެށިގެން އެންމެ ބޮޑެތި ސައިޒުގެ ބޮޅުތަކެވެ. ކުދި އަދި އާދައިގެ ސައިޒުގެ ބޮޅުތައް ހިމެނޭ ކަންފަތުލާ އެއްޗިއްސަކީ އާންމުކޮށް މީރާ ބޭނުންކުރާ ގަހަނާ އެވެ. މީރާއަކީ އާންމު ދިރިއުޅުމުގައި ސާދާކޮށް ހެދުން އަޅާ ފަންނާނެކެވެ. ބޮޑެތި ބޮޅާއި ވަރުގަދަ މޭކަޕްތައް މީރާ ބޭނުންކުރަނީ ޝޯތަކަށް ދާއިރު އެވެ.
މިހާ ހިސާބުން ކަންފަތުގައިލާ ބޮޅަށް މީރާ ދޭ ސަމާލުކަމުގެ ވާހަކަ އަދި ހިންދާ ލެވޭކަށް ނެތެވެ. މީރާ ބުނި ގޮތުގައި ކިތަންމެ އަވަހަކަށް ތަނަކަށް ދާން ޖެހުނަސް ކަންފަތުގައި ބޮޅެއް ލާން މީރާ ހަނދާނެއް ނުނެތޭނެ އެވެ. އާދައިގެ ސިމްޕަލް ގޮތަކަސް ހެދުން އަޅައިގެން ހުރި ނަމަވެސް ކަންފަތުގައި ބޮޅެއް ލެވިއްޖެނަމަ މޭކަޕާއި ނުލާވެސް މީރާއަށް ނަލަހެދެވުނީ އެވެ. އެވަރުން އޭނަ ހިންހަމަ ޖެހޭނެ އެވެ.
އެހެންވީމަ މީރާގެ ޝައުގުވެރިކަން މިހުރީ ހަމައެކަނި ލަވަޔާއި މިއުޒިކަށް އެކަންޏެއް ނޫނެވެ. ކަންފަތުގައި ލާ ބޮޅަށްވެސް މީރާގެ ހިތުން ހާއްސަ މަގާމެއް ހޯދިއްޖެ އެވެ. ބޮޅާއި މީރާއާ ދެމެދު މި އޮތީ ވަރުގަދަ ގުޅުމެއްތާ އެވެ. މިއީ އޭނާގެ ފެޝަންގެ އެންމެ މުހިންމުބައެވެ.