ފިނިޕޭޖް

މިހިރީ އައްޒަގެ އެންމެ ބޮޑު ފޭން

މަގުބޫލް ތަރިންގެ ފަސްފަހަތުން ހިނގައި، ފޮލޯ ކުރަނީ ހަމައެކަނި ބޮލީވުޑާއި ހޮލީވުޑްގެ ތަރިންނަށް އެކަނި ބަލައިގެނެއް ނޫނެވެ. ދިވެހި ފިލްމީ ތަރިންނަށް ސަޕޯޓުކޮށް އެ ތަރިން ފޮލޯކުރާ ދިވެހިން ވެސް މިހާރު މި އަންނަނީ ގިނަވަމުން އެވެ.
މިފަހަރު މި އޮތީ ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ ނުފޫގަދަ ބަތަލާ މަރިޔަމް އައްޒަގެ ފޭން އެކެވެ. އައްޒަ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީއްސުރެ ހަސަން ސާއިމް، (ޗިއު ޗާމީ) ވެފައި ވަނީ އޭނާގެ އެއް ނަމްބަރު ފޭން އަށެވެ.

މިއީ އާދައިގެ ފޭން އެއް ނޫނެވެ. އައްޒަގެ ކޮންމެ ލަވައަކާއި ފިލްމުތައް އަދި ޑްރާމާތައް ސާއިމް ބަލާފައި ވަނީ ކިތައް ފަހަރު ކަމެއް ވެސް އޭނާއަށް ވެސް ބުނެދޭކަށް ނޭނގެ އެވެ. ސާއިމްއަށް އެންމެ ކަމުދާ ބަތަލާގެ މަގާމަށް އައްޒައަށް އާދެވުނީ 2014 ވަނަ އަހަރު ނެރުނު އައްޒަގެ "ލަވްލޯ ގާލް" އެ ލަވައިންނެވެ.

"ކުރިންވެސް އައްޒައަށް ވަރަށް ސަޕޯޓުކުރަން، އަބަދުވެސް އައްޒަގެ ފިލްމުތަކާއި ލަވަތަކާއި އެއްޗެހި ބަލަން، ލަވްލީ ގާލް އިން ބޮޑަށް އައްޒަ ކަމުދިޔައީ، އޭގެފަހުން އަބަދުވެސް ބޭނުންވެފައި ހުރީ ބައްދަލުކޮށްލަން،" ސާއިމް ކިޔައިދިނެވެ.

އެ އަށްފަހު ފޭސްބުކް އިން އައްޒަ އާ އެކުވެރިކަން ބާއްވަން ސާއިމް މަސައްކަތް ކުރި އެވެ. އެކަމަކު ލިމިޓް ހަމަވުމުން އައްޒައަށް ރިކުއެސްޓް ނުފޮނުވުނެވެ. އެހާ ހިސާބަކުން އަދި 21 އަހަރުގެ އެ ޒުވާނާގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ޕްރައިވެޓް މެސެޖެއް ކޮށްގެން އެކުވެރިކަން ބަދަހި ކުރީ އެވެ. މިއަދު އެއީ ވަރަށް ގާތް ދެ ރައްޓެހިންނެވެ.

"އަސްލު ހީކުރީ އައްޒައަކީ ވަރަށް ފޮނި މީހެއް ކަމަށް، އެކަމަކު އެހެންނެއް ނޫން، އެއީ ވަރަށް ސްވީޓް ފްރެންޑެއް، އެންމެ ފުރަތަމަ އަނެއްހެން ދިމާވީވެސް ސާއިމްގެ އުފަންދުވަހުގެ ހަދިޔާއެއް ދޭން އައްޒަ އައި ދުވަހު، ވަަރަށް ހާއްސަ ދުވަހެއް އެއީ، އެދުވަހު ބުނީ ސާއިމްއަކީ އައްޒަގެ ފޭން އެކޭ، އައްޒައަށް ވަރަށް ސަޕޯޓު ކުރަމޭ،" ސާއިމް ބުންޏެވެ.

ސާއިމް އާއި އައްޒަގެ އެކުވެރިކަން އެންމެ ރަނގަޅަށް ފެށުނު ދުވަހަކީ އެއީ އެވެ. ސާއިމްގެ އެ ވާހަކަތަކަށް އައްޒަ ދިނީ ވަރަށް ތަފާތު ޖަވާބެކެވެ. ސާއިމް އުންމީދުކޮށްގެން ހުރި ޖަވާބެއް ނޫނެވެ.

"އައްޒަ ބުނީ އައްޒަގެ ފޭނުންނެއް ނުހުންނާނޭ، ފްރެންޑުންނޭ ހުންނާނީ، ރާއްޖޭގައި ނޫޅޭނޭ ސެލެބްރިޓީންނެއް، އައްޒަމެންވެސް ފިލްމެއް ކުޅެލާފައި، ލަވައެއް ކުޅެލާ އެހެން އުޅެނީ އޭ، އެހެންވީމަ ފްރެންޑަކަށޭ ވާނީ، އައްޒަގެ ފްރެންޑުންނަށް ދެ މީހުން އެކުގައި ފެނުނީމަވެސް ބުނާނެ ތީ އައްޒަގެ ނަމްބާ ވަން ފޭން އޭ، އެކަމު އައްޒަ ބުނާނެ ނޫނެކޭ ފްރެންޑަކަށޭ ވާނީ،"

އެކުވެރިކަމުގެ ބިންގާ އެޅުނު ފަހުން އައްޒަގެ އެއްވެސް ފިލްމެއްގެ އެއްވެސް އިވެންޓެއް އަދި އެއްވެސް ޕްރިމިއާ ޝޯއެއް ސާއިމް ދޫކޮށްނުލަ އެވެ. ހުޅުމާލޭގައި ޝޫޓިންއެއް އޮންނަނަމަ އެތަނަކަށް ގޮސް އައްޒަގެ ގާތުގައި ހުރެ އެވެ. ސަޕޯޓާއި ހިތްވަރުދެ އެވެ. އެންމެ ހާއްސަ ކަމަކީ އައްޒަގެ އެންމެ ތަފާތު ރޯލެއް ފެނިގެން ދިޔަ 4426، 12 ފަހަރަށް ސާއިމް ބެލި އެވެ.

"އައްޒަ އާއި މިހާރު ދިމާވޭ ވަރަށް ގިނައިން، ޝޫޓިން އަކަށް ވިޔަސް ނޫނީ އީތަން [އައްޒަގެ ދަރިފުޅު] ގޮވައިގެން ހުޅުމާލެއަށް އަންނަންޏާވެސް ގުޅާފަ ބުނާނެ މީޓް ކުރައްޗޭ އެބަދަމޭ ތިކޮޅަށް، ދެން ސާއިމްވެސް މާލެ އައިސް އުޅެންޏާ އައްޒަވެސް މާލޭގައި ފްރީކޮށް ހުންނަންޏާ ގުޅާނެ ދިމާވާން،" ސާއިމް ބުންޏެވެ.

"އައްޒައަކީ ދެ ގޮތެއް ނުވާ އެކުވެރިއެއް، އަބަދުވެސް އެންމެ ކައިރީގައި ހުރޭ، ކޮންމެ ވާހަކައެއްވެސް ޝެއާ ކުރެވޭ ކަހަލަ ފްރެންޑެއް، ކަމެއްގައި ގޮތެއް ނިންމަން ނޭނގެން އައްޒައަށް ކިޔައިދިނީމަވެސް ކިޔައިދޭނެ ދެން ކަންތައް ކުރަންވީ ގޮތް، ދައްތައެއް ކަހަލަ މީހެއް އެއީ، މަންމަމެން ބަލިވެ އުޅެންޏާވެސް އަންނާނެ ގޮވާލަން، ފެމެލީ މީހުންނާވެސް ފްރެންޑްވާނެ، އައްޒަގެ ފްރެންޑުންނަށްވެސް ސާއިމް އެނގޭނެ، ސާއިމްގެ ފްރެންޑުންނަށްވެސް އައްޒަ އެނގޭނެ،" ސާއިމް ބުންޏެވެ.

ކިތަންމެ ގިނައިން އައްޒަމެންނާ އެކީގައި ވަގުތު ހޭދަކޮށް، ޝޫޓިންތަކުގައި ބައިވެރިވި ނަމަވެސް ފިލްމު ކުޅެ އެ ދާއިރާއަށް ވަނުމުގެ ހިޔާލެއް ސާއިމް ނެތެވެ. ފިލްމު ކުޅެން އޭނަ ބޭނުމެއްވެސް ނޫނެވެ. އެހެންވީމަ ސާއިމް މިއީ އައްޒަގެ އާދައިގެ ފޭނެއް ނޫންކަން ޔަގީނެވެ.